ހަމައެކަނި ގާތް މީހުންގެ ކަށުނަމާދުގަ ބައިވެރިވާނަމަ އެނަގައިލެވެނީ ވަރަށް ފަސޭހައިން ތިމާގެ އެކައުންޓަށް ޖަމާކުރެވެންހުރި ކިހާގިނަ ޘަވާބުތަކެއް ކަމާއިމެދު ވިސްނައިނުލަނީ ކީއްވެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ހަމައެކަނި ގާތް މީހުންގެ ކަށުނަމާދުގަ ބައިވެރިވާނަމަ އެނަގައިލެވެނީ ވަރަށް ފަސޭހައިން ތިމާގެ އެކައުންޓަށް ޖަމާކުރެވެންހުރި ކިހާގިނަ ޘަވާބުތަކެއް ކަމާއިމެދު ވިސްނައިނުލަނީ ކީއްވެތަ؟

ނިކަން ވިސްނައިލަބަލާށެވެ! ކަށުނަމާދުގަ އާއި ޖަނާޒާއެއްގައި ބައިވެރިވުމުން އުހުދު ފަރުބަދައިގެ 2 ފަރުބަދަ އާއި އެއްވަރުގެ ސަވާބު އެބަ ދެއްވަވައެވެ. މިކަމުންވެސް އެނގެނީ މީސްތަކުން ނަރަކައިން ސަލާމަތް ވުމަށް ﷲ ތަޢާލާ ދެއްވަވާ ގިނަގުނަ ފުރުޞަތުތަކެވެ. ޖަނާޒާތަކަށް ގޮސް މަރުމަތިން ވިސްނައި މަރަށް ތައްޔާރުވުމުން ހުރިހާ ފައިދާއެއް އޮތީ ހަމަ އެކަން ކުރާ މީހަކަށެވެ. ނަމަވެސް އެކަން އެހައި ފަސޭހައިން ދޫކޮށްލައްވަވަނީއެއް ނޫނެވެ. އެކަމަށް ހިތްވަރުވެސް ދެއްވަވަނީއެވެ. އުހުދު ފަރުބަދަ އާއި އެއްވަރުގެ ސަވާބު ފުނިތައް ވެސް ދެއްވަވައިގެންނެވެ.  

ކުޑަކުޑަ އަދަދެއްގެ ފައިސާ ކޮޅެއް ލިބޭނަމަ އެކަމެއް އެބަ ކުރެއެވެ. ނަމަވެސް އުހުދު ފަރުބަދައިގެ 2 ފަރުބަދަ އާއި އެއްވަރުގެ ސަވާބު ދެއްވަވާނެކަން އެންގެވުމުން އެކަމުގެ އަގު ވަޒަނެއް ނުކުރެވެއެވެ. އެ ބިޔަ ސަވާބު ފުނިތައް ބޭނުމެއް ނުވެއެވެ.  

މީސްތަކުންނޭވެ! މިހެން މިވަނީ ދުނިޔޭގެ އެދުން ބޮޑުވާތީއެވެ. ދުނިޔޭގެ އެދުންބޮޑުވާ ވަރަކަށް މަރުހަދާން ކުރަން ބޭނުމެއް ނުވާނެއެވެ. އަބަދުވެސް ހުންނާނީ މާދަމާ ލިބިގަންނާނެ އުފާތަކަށް ވިސްނާށެވެ! އެހެން ހުއްޓައި މާދަމާވެސް ނައިސް މިއަދުވެސް މަރުވަނީއެވެ. އާޚިރަތް ގެއްލިގެން ދަނީއެވެ. 

މީހެއްގެ މައްޗަށް ކަށުނަމާދުކުރަން ފުރުޞަތު ލިބިއްޖެނަމަ ބަލަންވީ އެއީ ކާކުގެ މައްޗަށް ކުރެވޭ ކަށުނަމާދެއްތޯއެއް ނޫނެވެ. އެމީހަކީ ތިމާއާއި ގުޅުންހުރި މީހެއްތޯއެއްވެސް ނޫނެވެ. ބަލަންވީ މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާގައި ބައިވެރިވުމުން ދެއްވަވާނެ ގިނަގުނަ ޘަވާބަށެވެ.  

ކަށުނަމާދަކީ އެއް ނަމާދެއް ކުރުމުން އެންމެ ގިނަ ޘަވާބު ދެއްވަވާ އެއް ނަމާދުކަމަށްވުމުން ނުކޮށް ދޫކޮށްލަން ހެޔޮނުވާނެތީ މިބަޔާންކުރަނީ ޖަނާޒާތަކުގައި ބައިވެރިވުމުގެ މުހިންމުކަން ބަޔާންކުރައްވައި ޝައިޚް އަލްޔާސް ކަރްމާނީ ދެއްވާފައިވާ ދަރުސަކުން ނަގާފައިވާ ބަސްކޮޅެކެވެ.  

އަހަރެން މި ޤަބުރުސްތާނަށް އެންމެ ފުރަތަމަ އައީ މީގެ 20 ވަރަކަށް އަހަރު ކުރިންނެވެ. އެއިރު މި ޤަބުރުސްތާނުގައި ހުރީ ވަރަށް މަދު އަދަދެއްގެ މަހާނައެވެ. ނަމަވެސް މިއަދު މި ބޮޑު ޤަބުރުސްތާނު މިވަނީ ފުރެން ދާދި ގާތްވެފައެވެ. އަހަރެމެންގެ ކުރިން މަރުވި މީހުންގެ މަހާނަތަކުންނެވެ.  

ޤަބުރުސްތާނުތަކަށް ދާން ޖެހެނީ އެތަން ލޮލުން ދުށުމަށެވެ. ޖަނާޒާތަކުގައި ބައިވެރިވާން ޖެހެނީ މަރުވުމުގެ ހިތްދަތިކަން އިޙްޞާޞް ކުރުމަށެވެ. އެކަންކަން ލޮލުން ދެކެ ތަޖުރިބާ ކުރާ މީހުންގެ ހިތްތަކުގައި މަރަށް ބިރުވެތިކަން އިތުރުވާނެއެވެ. ޖަނާޒާތަކުގައި ވީހައި ގިނައިން ބައިވެރިވާން ޖެހެނީ އެ ސަބަބަށްޓަކައެވެ. އަދި އެކަމުގެ ދަރުމަ އާއި ސަވާބު އެހައިމެ މަތިވެރިވެގެންވަނީ ވެސް ހަމަ އެ ސަބަބަށްޓަކައެވެ.

މީސްތަކުންނޭވެ! މަރުހަނދާންކުރުން ގިނަކުރާށެވެ! މަރުހަދާންވާނެ ކަންކަން ކުރުން ގިނަކުރާށެވެ! ލިބޭ ހުސްވަގުތުތަކުގައިވެސް ތިމާގެ މަސްގަނޑު ބިމު އަޑީގައި ކޮންމެ ވަގުތަކުވެސް ވަޅުލަން ޖެހިދާނެ ކަމަށް ވިސްނައި ބިރުވެތިވާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ.

 

- ޝައިޚް އަލްޔާސް ކަރްމާނީގެ ދަރުސަކުން

 

މިއަދު އޮންލައިން