ޙާޞިލު ނުކުރެވިގެން ތިއަ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ މިއޮތީ ބޭނުންވާ ހުރިހާކަމެއްވެސް ޙާޞިލުކުރެވޭނެ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޙާޞިލު ނުކުރެވިގެން ތިއަ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ މިއޮތީ ބޭނުންވާ ހުރިހާކަމެއްވެސް ޙާޞިލުކުރެވޭނެ މަގު!

އަހުރެމެންނަށް އަބަދުވެސް ކަންބޮޑުވެވެނީ ތިމާ އެދޭ ކަންކަން ޙާޞިލް ނުކުރެވުމުންނެވެ. ތިމާގެ ހުރިހާ ބޭނުންތަކެއް ތިމާއަށް ފުއްދަވައިދެއްވަވާ ﷲ ތަޢާލާއަށް ތިމާ އަދާކުރަންޖެހޭނެ ޙައްޤުތަކާއިމެދު ވިސްނައިލެވެނީވެސް މަދު މީހަކަށެވެ. މަދުފަހަރަކު އެވެ.   

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި ހަމަކަށަވަރުން، މުއުމިނެއްގެ ގޮތުގައި، ޞާލިޙް ޢަމަލުތައްކޮށް، އެކަލާނގެ ޙަޟްރަތަށް އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް (އާޚިރަތުގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ." (ޠާހާ: 75) 

ރަސޫލް  ގެ ޙަދީޘްފުޅުގައިވަނީ މިފަދައިންނެވެ. 

އަބޫ ހުރައިރަތުގެފާނު ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިމަން ރަސޫލާ () ކަމެއް މަނާކުރައްވަވައިފިނަމަ އެކަމަކާއި ދުރުހެލިވާށެވެ! އަދި ކަމެއް ކުރުމަށް ތިމަން ރަސޫލާ () އަމުރުފުޅު ކުރައްވަވައިފިނަމަ ވީހައި ގިނައިން އެކަމެއް ކުރާށެވެ!" 

އަޖުމަ ބަލައިލަންވެސް މިބުނި މަގުން ނިކަން ﷲ ތަޢާލާ އާއި ކުއްތަންވެފައި ނިކަން އެދިބަލާށެވެ! ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

މީސްތަކުންނޭވެ! ދުނިޔަވީ މައްސަލަތައް ޙައްލުކުރުމަށް ވެސް އޮތީ ހަމަ މިމަގުން ކުރިއަށް ދިއުމެވެ. ﷲ ތަޢާލާ އާއި ކުއްތަންވެވޭވަރު ބޮޑުވި ވަރަކަށް އެމީހެއްގެ ބޭނުންތައް ދާނީ ޙާޞިލުކުރެވެމުންނެވެ. އެމީހެއްގެ ބޭނުންތައް ފުދެމުންނެވެ. ވީއިރު އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށް ނޫން ހެއްޔެވެ؟ 

މުސްލިމަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބަކީ އަދި ނަޞްރަކީ ﷲ ތަޢާލާ އާއި ކުއްތަންވެވުމެވެ. އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަކީ އެއީއެވެ. ނަމަވެސް ދުނިޔެއާއިގެން އުޅެން ހަދައިގެން އެކަމުގައި ގިނަ ބައަކު މިދަނީ ފޭލްވަމުންނެވެ. ކާމިޔާބު މިކުރެވެނީ ހާހަކުން މީހަކަށެވެ. އެމީހަކީ ކޮންމެ 1000 މީހުންގެ ތެރެއިން ސުވަރުގެ ވަދެވޭ މީހާއެވެ. 

ދުނިޔެ މިހައި ވަރަކަށް ބޭނުން މިވަނީ ކީއްވެގެން ހެއްޔެވެ؟ މުޅި ދުނިޔެ އެކުގައި މީހަކަށް ލިބުނު ނަމަވެސް އެއީ ހަމަ މަދިރިއެއްގެ ފިޔަ ފަދަ އެއްޗެކެވެ. އެހެނީ މުޅި ދުނިޔޭގެ އަގު ﷲ ތައާލާގެ ޙަޟްރަތުގައި މަދިރީގެ ފިޔައަކަށްވުރެވެސް ލުޔެވެ. 

ދުނިޔެ ޙާޞިލުކުރަން ބޭނުންވާ މީހާގެ މިސާލަކީ ކަނޑުގެ ލޮނުގަނޑު ހުސްކުރަން އުޅޭ މީހެއްގެ މިސާލެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ކަނޑުގެ ލޮނުގަނޑު ހުހެއް ނުކުރެވޭނެއެވެ. ހަމަ އެފަދައިން ކިތަންމެ ބައިވަރެއް ލިބުނު ނަމަވެސް ދުނިޔެ ހޯދަން މަސައްކަތްކުރާ މީހާގެ ހިތެއް ނުފުރޭނެއެވެ. ނަމަވެސް ދުނިޔެ ބޭނުން ނުވެ ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރާ މީހާ އަބަދުވެސް ހުންނާނީ ހިތްފުރިގެންނެވެ. 

ﷲ ތަޢާލާ އާއި ކުއްތަންވާން ކުރަން ޖެހޭނީ ކޮން ކަމެއްތޯ ބައެއް މީހުން ސުވާލުކުރެއެވެ.

ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެދޭމީހާ ފުރަތަމަ ކަމެއްގެ ގޮތުންވެސް ކުރަން ޖެހޭނެ ކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމެވެ. ފަރުޟުތައް ފުރިހަމައަށް އަދާކުރުމެވެ. ފަރުޟުތައް ފުރިހަމައަށް އަދާ ނުކޮށް ހުރެ ﷲ ތަޢާލާ އާއި ކުއްތަން ވެވޭނެ ކަމަށް އުންމީދު ކުރުމެއް ނެތެވެ. އެހެނީ ކަމަކަށް އެދޭ މީހާގެ ފުރަތަމަ ޝަރުޠަކަށް ވާން ޖެހޭނީ ކިޔަމަންތެރިކަން އަދާކުރުން ކަމުގައިވާތީ އެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި އެނެމެހައި ކަންކަމުން ދުރުހެލިވެ ހުރުމަކީވެސް ﷲ ތަޢާލާއަށް  ކިޔމަންތެރިކަން އދާކުރުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން