ޢިބްރަތްތެރި ވާހަކަ: ބަލިވެ އިނީމާވެސް ފަޤީރު އަންހެނަކަށްވާތީ ކައިވެނި ނުކޮށް އެއްލައިލި އަންހެނަކު ދަރިފުޅުގެ ބައްޕަގެ ޢާއިލީގެ ގަނެލައި ދަރިފުޅަށް ހަދިޔާކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ޢިބްރަތްތެރި ވާހަކަ: ބަލިވެ އިނީމާވެސް ފަޤީރު އަންހެނަކަށްވާތީ ކައިވެނި ނުކޮށް އެއްލައިލި އަންހެނަކު ދަރިފުޅުގެ ބައްޕަގެ ޢާއިލީގެ ގަނެލައި ދަރިފުޅަށް ހަދިޔާކުރި ގޮތުގެ ވާހަކަ-

އެންމެ ފުރަތަމަވެސް ބުނަން މިޖެހެނީ އަހުރެންނަށް ކުރެވުނު ކުށެއްގެ ވާހަކައެކެވެ. ލޯބީގެ މަސްތުގައި ޖެހެވިގެން ކުރެވުނު ބޮޑު ފާފައެއްގެ ވާހަކައެވެ. އެއީ ލޯބިވެރިޔާގެ ބަހަށް ހެއްލި ހިންގުޅު ތަކުގެ ސަބަބުން ބަލިވެއިން ވާހަކައެވެ. 

އެއިގެ ބަދަލުގައި ލޯބިވެރިޔާ އަހުރެންނަށް ދިން އިނާމަކީ އެޙާލަތުގައިވެސް ދުނިޔޭގެ ލަދުވެތިކަމުން އަހުރެންނާއި ދަރިފުޅު ސަލާމަތްކުރުމުގެ ބަދަލުގައި ބަނޑަށް 2 މަހުގައި އަހުރެންނާއި ވަކިވުމެވެ. 

އެއްވެސް އެހެން މީހަކު ކުށްވެރިކުރާކަށް ނެތީމެވެ. ފާފަކުރެވި ދެރަލިބިގަނެވުނީ އަމިއްލައަށެވެ. އޭނާއަކީ އިންސާނެއްގެ ސިފައިގައި ހުރި ޝައިޠޯނެއްކަން އެންމެން ވިސްނައިދިން އިރުވެސް އެކަން ޤަބޫލުނުކުރެވި ދަލުގައި ޖެހެވުނީ އަމިއްލައަށް ކަމަށްވާތީއެވެ.

ކޮންމެއަކަސް އެއިގެ 2 އަހަރުފަހުން އޭނާ ކައިވެނިކުރިއެވެ. ކައިވެނީގެ ޙަފްލާއަށް އަހުރެންނަށް ދަޢުވަތުވެސް ދިނެވެ. ދިއައިމެވެ. ދިއައީ ދަރިފުޅުވެސް ގޮވައިގެންނެވެ. އޭނާ އަހުރެންނާއި ވާހަކަ ދައްކަން އައެވެ. އައިމަ ދަރިފުޅު ދައްކާފައި މިހަދިޔާ ޤަބޫލުކުރާ ކަމަށްވެސް ބުނީމެވެ. އޭނާގެ ޖަވާބަކަށްވީ ޙަފްލާ ހަލާކުނުކުރަން ބުނުމެވެ. 

އެނބުރި އައިމެވެ. އެދުވަހަށްފަހު ދެމީހުން ބައްދަލެއް ނުވެއެވެ. ބައްދަލުކުރާކަށްވެސް ނުއުޅެމެވެ. އެއިގެ ދެތިންމަސްފަހުން އަހުރެންވެސް ކައިވެނިކުރީމެވެ. ކައިވެނިކުރެވުނީވެސް ތަނަވަސްކަންހުރި މީހަކާއިއެވެ. ދުވަސްކޮޅެއްފަހުން އަހުރެންގެ އަމިއްލަ ނަމުގައި އޭނާ ވިޔަފާރިއެއް ފަށައިދިނެވެ. އެވިޔަފާރީގައި ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރީމެވެ. ފިރިމީހާގެ އެހީތެރިކަންވެސް ލިބިގެންނެވެ. 

ކޮންމެއަކަސް ދަރިފުޅަށް 8 އަހަރުގައި ބޭންކުން ގެއެއް ނީލަންކިޔާތީ ގަންނަން މަސައްކަތްކުރީމެވެ. ގަނެ ކޯޓުމަރުޙަލާތައް ނިމިގެން ބޭންކުން ގެ ޙަވާލުވާން ބުނީމާ ޙަވާލުވާން ދިއައީ ދެމަފިރިންނާއި ދަރިފުޅެވެ. އިތުރުން ދެން ލިބުނު 2 ދަރިންވެސް ގޮވައިގެންނެވެ. 

ބެލްޖެހުމުން ދޮރުހުޅުވީ ދޮށީ ދަރިފުޅުގެ މާމައެވެ. ބަލައިވެސް ނުލަމެވެ. އެއީ އޭނާ އަހުރެންނާއި ވަކިވި އެއް ސަބަބަކީ އޭނާގެ މަންމަ ކަމަށްވީތީއެވެ. އަހުރެންގެ ފަޤީރުކަމުން ނުރުހި ދެކޮޅުހެދީތީއެވެ. ގޭތެރެއަށް ވަދެ ބަލައިލާފައި ބުނީމެވެ. "އިތުރަށް ބަލާކަށް ބޭނުމެއް ނޫނެވެ. މިމަހުން މިއަދު 10 އެވެ. މަސްނިމޭ ދުވަހު ތަޅުދަނޑިތައް ބަލައި ފޮނުވާނަމެވެ. އެއިގެ ކުރިން ހުސްކުރެވިއްޖެނަމަ ގުޅައިލާށެވެ. ތަޅުދަނޑިތަކާއި ޙަވާލުވާން އަންނާނަމެވެ." 

އެހިސާބަށް ވާހަކަ ގެންދާއިރަށް ދަރިފުޅުގެ މާމަކަމަށްވެއްޖެއެވެ. ދަރިފުޅަށްވެސް ގޮވައި ގެނެސްފިއެވެ. ދަރިފުޅު ދައްކަންވެސް ދައްކައިފިއެވެ. ބުނީމެވެ. "ތިއަ ދައްކާ އެއްވެސް ވާހަކައެއް ސާފެއް ނޫނެވެ. ކަލޭގެ ދަރިފުޅާއި ކުރިން ބައްދަލުވި ހަނދާނެއް ނެތެވެ. އެކަމަކު ވަރަށް ފަޤީރު ޙާލުގައި އުޅެންޖެހުނު ހަނދާން އެބަހުއްޓެވެ." 

އެހެން ބުނެފައި ނުކުމެގެން އައީއެވެ. ގެއިން ނުކުމެފައި ފިރިމީހާ ބުންޏެވެ. "އެންމެންނަށްވުރެ ބޮޑު އަގެއް ހުށަހަޅައިގެން މިގެ ތިއަގަތީ އެހެންވެގެންދޯއެވެ؟" ޖަވާބުގައި ބުނީމެވެ. "ދަރިފުޅަށް ބައްޕަ ހޯދައި ނުދެވުނީމާ ބައްޕަގެ ގެ ހޯދައިދިނީއެވެ." ފިރިމީހާ ހިނިތުންވެލިއެވެ. 

މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންތައްތައް ކުރިމަތިވި ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަހުރެންނަށް ހެދުނު ފަދަ ގޯސްތައް ނުހަދާށެވެ. އަދި އެފަދަ ދެރައެއް ލިބުނަސް ކަރުއެލުވާނުލައި ކުރިއަށްދާން މަސައްކަތްކުރާށެވެ. ރަނގަޅު ގޮތްތަކެއް މެދުވެރިވާނެއެވެ. އިން ޝާ ﷲ

 

- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން