ތިމާއާއިމެދު އެހެން މީހުން ބުނާ ނޭދެވޭ ބަސްތަކުން އަސަރުނުކޮށް ދިރިއުޅެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިމާއާއިމެދު އެހެން މީހުން ބުނާ ނޭދެވޭ ބަސްތަކުން އަސަރުނުކޮށް ދިރިއުޅެވޭނެ ގޮތް-

ގިނަ ބައަކު ބަސްތައް ބުނަނީވެސް ކަންކަން ކުރަނީވެސް ވިސްނައިލުމެއް ނެތިއެވެ. އެކަމުން އަނެކާއަށް ކުރާނެ އަސަރަކަށް ކަންބޮޑުވުމެއް ނެތިއެވެ. މިއީ ވަރަށް ނުބައި ސިފައެކެވެ. އެސިފަ އިޞްލާޙްނުކުރާނަމަ އެމީހެއްގެ ކިބައިން ގިނަ ބައަކަށް ދާނީ އަނިޔާތައް ލިބެމުންނެވެ.  

ވަރަށް ގިނަ ބައަކު ހާސްވެ، ހިތްދަތިވެ ކަންބޮޑުވެގެން އުޅެންޖެހޭ އެއް ސަބަބަކީ މީސްތަކުން ނުވަތަ މީހަކު އެމީހަކަށް ބުނާ ބަހަކުންނެވެ. ނުވަތަ ކުރާ ކަމަކުންނެވެ. އެކަމުގެ އަޞްލު ޙައްލު އޮތީ އެމީހާގެ އަތުގައެވެ.  

ކޮށްލަންޖެހޭ ހަމައެކަނި ކަމަކީ އެމީހަކު އެބުނި ބަހެއްގެ އަޑު އިވުނުކަމަށް ނުހެދުމެވެ. އެމީހަކު އެކުރިކަމަކާއި ގުޅިގެން ދެރަ ނުވުމެވެ. އެއީ ތިބާ ހޭލުންތެރިވެއްޖެނަމަ އެއީ ކާމިޔާބުކުރަން އުނދަގޫކަމެއް ނޫނެވެ.  

މީހަކު ތިބާއަށް ނިޞްބަތްކޮށް ކޮންމެފަދަ ބަހެއް ބުނިކަން އެނގުނަސް، އަޑުއިވުނަސް ހިތަށް ގެންނާށެވެ! "އޭނާ އެއީ އަހުރެންނާއިމެދު ބަސްބުނަން ދެން ކާކުހެއްޔެވެ؟ އޭނާ އެމުޚާޠަބްކުރަނީ އޭނާގެ އަމިއްލަ ނަފްސަށެވެ. އެއީ އަހުރެންނާއި ގުޅުންހުރި ކަމެއް ނޫނެވެ. އޭނާ ކޮންމެ އެއްޗެއް ބުނިއްޔާ އަހުރެންނަސްވާނީ ކޮންކަމެއް ހެއްޔެވެ؟"  

މީހަކު ތިބާ ދެރަކުރަން، ނުވަތަ ހިތުގައި ޖައްސުވަން ކަމެއް ކުރިނަމަވެސް ހަމަ މިބުނި މޭރުމުން ވިސްނާށެވެ! ހިތަށް އަރުވާށެވެ! "އޭނާ އެއުޅެނީ އަހުރެންނާއިމެދު ޙަސަދަވެރިވެގެންނެވެ. އަހުރެން ރަނގަޅު ގޮތުގައި ދިރިއުޅޭތީ ކަންބޮޑުވެގެންނެވެ. އެއްވެސް މީހަކަށް އަހުރެންނަށް ދެރައެއް ނުދެވޭނެއެވެ. އަހުރެންނަށް ދެރައެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އަހުރެންގެ ވެރި ރައްބު އަހުރެންނަށް ކުރިމަތިކުރެއްވެވި ކަމެއް މެނުވީ ކުރިމަތިނުވާނެއެވެ." 

މިފަދަ ވިސްނުމަކުން ވިސްނައި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްކަން ދެއްވެވުން އެދިގެން ދުޢާކުރާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި އަޅުކަންކުރުން އިތުރުކުރާށެވެ! ޢަދާވާތްތެރިންނާއި ވާދަވެރިންގެ ކިބައިން ސަލާމަތްވެވި ކުރިއަރައިގެން ދެވޭނެއެވެ. އިން ޝާ ﷲ  

އެއިގެ ބަދަލުގައި އެހެން މީހުން ބުނާ ބަސްތަކަށާއި ކުރާ ކަންކަމަށް ކަންބޮޑުވާންވެއްޖެނަމަ އެހެންކަމެއް ކުރާނެ ވަޤުތެއް އެމީހަކަށް ނުލިބޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ އެކަމުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން