ގޭތެރޭގަ ކުރަންޖެހޭ މަސައްކަތްތައް ދަރިންނަށް ދަސްކޮށްދޭންވީ އެކަނި ދިރިއުޅޭކަށް ނޫން! ބައިވެރިޔާއަށް އެހީތެރިވެގެން ދިރިއުޅެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ގޭތެރޭގަ ކުރަންޖެހޭ މަސައްކަތްތައް ދަރިންނަށް ދަސްކޮށްދޭންވީ އެކަނި ދިރިއުޅޭކަށް ނޫން! ބައިވެރިޔާއަށް އެހީތެރިވެގެން ދިރިއުޅެން!

އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައިވަނީ އެކަނި ދުނިޔޭގައި އުޅުމަކަށް ނޫނެވެ. ވީމާ އެކަނި ދުނިޔޭގައި އުޅުމަށް ވިސްނުމެއްވެސް ނެތެވެ. އެކަން ޔަޤީންކުރަންޖެހޭ ސަބަބަކީ އާދަމްގެފާނު އުފެއްދެވުމަށްފަހު ހައްވާގެފާނުވެސް އުފައްދަވައި ދެކަނބަލުން އެކުގައި ސުވަރުގޭގައި ލެއްވެވިކަމެވެ. 

މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ "އެކަނި ދިރިއުޅެވޭނެ، އެކަނި ހުރިހާ ކަމެއް ކުރެވޭނެ" ކަމަށް ޒުވާނުންނަށް ވިސްނައިދެވޭކަމެވެ. އެހެން މީހުންގެ ނުވަތަ މީހެއްގެ އެހީތެރިކަމާއި ނުލާ ދުނިޔޭގައި އުޅެވޭނެކަން ވިސްނައިދެވޭ ކަމެވެ. އަދި މީހަކަށް ވެވޭނީ އެކަނި ދުނިޔޭގައި އުޅެވިގެންކަމަށް ވިސްނައިދެވޭ ކަމެވެ. 

މިއީ ވަރަށް ނުބައި ފިކުރެކެވެ. މިއީ ޒުވާނުންގެ ވިސްނުމަށް ދެވޭ ވަރަށް ނުބައި ޙަމަލާއެކެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އަންހެނުންނާއި ފިރިހެނުން ކައިވެނިނުކޮށް އިންސާނީ ދަރިފަސްކޮޅަށްވާނީ ކިހިނަކުން ހެއްޔެވެ؟ ދަރިފަސްކޮޅު އިތުރުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟   

ހަމައެކަނި މިކަމަށް ބަލައިލި ނަމަވެސް އިންސާނުން ދިރިއުޅެންވީ ގޮތް އެއޮތީ ފެންނާށެވެ. ދިރިއުޅެންވީ އަންހެނުންނާއި ފިރިހެނުން ކައިވެނިކޮށް ދެމީހުން އެކުގައިކަން އެއޮތީ ރަނގަޅަށް އެނގޭށެވެ. 

ގޭގައި ކުރިން ހަމައެކަނި އަންހެނުން ކުރަމުން އައި ގިނަ މަސައްކަތްތަކެއް ފިރިހެނުން އެބަކުރެއެވެ. ފިރިހެންދަރިންނަށް ދަސްކޮށްދޭންވެސް އެބަޖެހެއެވެ. މިޘާލަކަށް ކެއްކުން، ދޮވެ އިސްތިރިކުރުން ފަދަ ކަންކަމެވެ. އެއްވެސް ޙާލެއްގައި އެއީ އޭނާ އެކަނި ދިރިއުޅުމަކަށް ނޫނެވެ. 

އެމަސައްކަތްތައް ދަސްކޮށްދޭންވީ މައިންބަފައިންނާއި ވަކިން އެކަނި ޔުނިވަރސިޓީގައި ނުވަތަ އެނޫންވެސް ތަނެއްގައި ހުންނަން ޖެހިއްޖެނަމަ އަމިއްލައަށް ކަންކަންކުރުމަށެވެ. އެއިގެ އިތުރުން ޒަވާޖީ ޙަޔާތަށްފަހު އަނބިމީހާއަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެއްވެސް ޙާލެއްގައި އެކަނި ދިރިއުޅުމަށް ހިތްވަރުދިނުމަށްކަމަށް ހަދައިގެން ނުވާނެއެވެ. 

އަދި ފިރިހެނުން ކުރާ ޒާތުގެ މަސައްކަތް އަންހެން ދަރިންނަށް ދަސްކޮށްދޭންވީވެސް އެކަނި ދިރިއުޅުމަކަށް ނޫނެވެ. އަމިއްލަ ދިރިއުޅުމުގައި ކަންކަން ކުރަންޖެހޭ ޙާލަތުގައި އެކަމެއް ކުރަން ފަސޭހައަކަށެވެ. ދިމާވާ ގޮތަކުން ކައިވެނި ރޫޅި އެކަނި އުޅެންޖެހުނަސް އެކަމުން ފައިދާކުރާނެތީއެވެ. އެއްވެސް ޙާލެއްގައި އެކަނި ދިރިއުޅޭކަށް ނޫނެވެ. 

ވީމާ އަންހެން ދަރިން ތަރުބިއްޔަތުކުރުމުގައިވެސް އަދި ފިރިހެން ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންވެސް އަދި ތަޢުލީމީ މުއައްސަސާތަކުންވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން އެބަޖެހެއެވެ. ނޫންނަމަ ދަރިންނަށް މަގުއޮޅި ގެއްލި ހަލާކުވެގެން ދިއުން އޮންނާނީ ދާދި ގާތުގައެވެ. 

ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ދަރިންނަށް ދަސްކޮށްދޭންވީ އެކަނި ދިރިއުޅޭކަށް ނޫނެވެ. ބައިވެރިޔާއަށް އެހީތެރިވެގެން ދިރިއުޅުމަށެވެ. މިޘާލަކަށް އިސްތިރިކުރަން ނުއެނގޭނަމަ އަނބިމީހާ ބަލިޙާލެއްގައި އޮންނަންޖެހޭ ދުވަހު ދަތިތައް ކުރިމަތިވާނެތީއެވެ. ކައްކަން ނުއެނގޭނަމަ އެފަދަ ދުވަހަކު ކައިބޮަިހަދަން އުނދަގޫވެ އެކަމަށް ބޮޑު ޚަރަދެއް ކުރަންޖެހޭނެތީއެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން