އަހުރެމެންނަށް މިއަދު މިފެންނަނީ ކޮންމެ ޢާއިލާއެއްގެ ތެރޭގައިވެސް ޙަސަދަވެރިކަން އުފެދިގެން އުޅޭތަނެވެ. އަޚުންނާއި އުޚުތުން އެކަކު އަނެކަކަށް ޢަދާވާތްތެރިވެގެން އުޅޭ ތަނެވެ. ކީއްވެގެންހެއްޔެވެ؟ ކޮންކަމަކާއި ހެއްޔެވެ؟ ރަނގަޅަށް ބަލާއިރު މާބޮޑު ކަމެއް މެދުވެރިވެގެނެއް ނޫނެވެ. ދާދި ކުދިކުދި މައްސަލަތަކާއި ގުޅިގެންނެވެ.
މިއީ އިއްޔެއަކު މިއަދަކު އެކަން އޮތްގޮތެއް ނޫނެވެ. ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. ޢާދަމްގެފާނުގެ 2 ދަރިކަލުންނާއި ހަމައިން ފެށިގެންވެސް މިކަން ހިނގަމުން އަންނަ ގޮތެވެ. ޔޫސުފްގެފާނުގެ ވާހަކަ ޤުރްއާނުން ކިޔައިލިނަމަވެސް މިކަން އެނގިގެންދާނެއެވެ.
ދެން އޮތް ސުވާލަކީ ޙައްލެއް ހަމަ ނެތީހެއްޔެވެ؟ ޖަވާބަކީ ޙައްލު އެބައޮތެވެ. ތިމާމެންގެ މައްޗަށް ޝައިޠޯނާއަށް ބާރު ނުފޯރުވޭނެވަރަށް ތަޤްވާވެރިކަން އިތުރުކުރަންވީއެވެ. އެއިރުން ޝައިޠޯނާއަކަށް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ.
އަނބިން، ދަރިން، ފިރިން، އަޚުން، އުޚުތުން، ޅިޔަނުން، ފަހަރިން މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މުޅި ޢާއިލާއަށްވެސް ހަމަޖެހުން ލިބޭނެ ހަމައެކަނި ގޮތަކީ އެގެއަކުން ޝައިޠޯނާއަށް ފުރުޞަތު ނުދިނުމެވެ. އެކަމަށް ކުރަންޖެހޭ ކަންކަން އަބަދުވެސް މިގެންދަނީ ކިޔައިދެމުންނެވެ.
ގޭގައި ނަމާދުކުރުން ގިނަކުރާށެވެ. ޤުރްޢާން ކިޔެވުން ގިނަކުރާށެވެ! ޚާއްޞަކޮށް ބަޤަރާ ސޫރަތް ކިޔަވާށެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ގޭގައި ނުކުރާށެވެ! ގޭގެ އެންމެންވެސް ޛިކުރުކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ކޮންމެ ދުވަހަކުވެސް ވަޤުތުކޮޅެއް ހޭދަކުރާށެވެ!
އެއިރުން އެގެއަކަށް ގިނަގިނައިން ރަޙްމަތުގެ މަލާއިކަތުން ޒިޔާރަތްކުރައްވަވާނެތެވެ. އެގެއަކީ ގިނަގިނައިން ރަޙްމަތުގެ މަލާއިކަތުން ޒިޔާރަތް ކުރައްވަވާ ގެއަކަށް ހެދިއްޖެނަމަ ޝައިޠޯނާއަށް އެގެއަކާއި ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން