މަގުމަތިން ބައްދަލުވެ ސަލާންޖަހާ މީހުންނާމެދު ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މަގުމަތިން ބައްދަލުވެ ސަލާންޖަހާ މީހުންނާމެދު ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ސަލާންޖަހައިގެން ފައިށާ ހޯދުމަކީ ފައިށާ ހޯދެން އޮތް އެންމެ ފަސޭހަގޮތްކަމަށްވީތީ ދިރިއުޅެން އެއްވެސް މަސައްކަތެއް ނުކޮށް ސަލާންޖަހަމުން މަގުމަތީގައިހިނގާ މީހުން ގިނަވެއްޖެއެވެ. ހަމައެއާއިއެކު ދަތިޙާލުގައި އުޅެންޖެހުމުން ސަލާންޖަހާ މީހުންވެސް ގިނަވެއްޖެއެވެ. ވީމާ މިދެބާވަތުގެ މީހުންނާއިމެދުގައިވެސް ވިސްނަން އެބަޖެހެއެވެ. 

ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ނުކޮށް މަގުމަތީގައި ސަލާންޖަހަމުން ހިނގުމަކީ އިސްލާމް ދީން ތަރްޙީބެދޭ ކަމެއް ނޫނެވެ. މަގުމަތިން މީހަކު ސަލާމް ޖަހައިފިނަމަ ނުވަތަ ދަތިޙާލެއްގައި ހުރިކަމަށް ހީވާ މީހަކު ފެނިއްޖެނަމަ ވިސްނާލަން ޖެހެނީ އެހެންވެގެންނެވެ. 

މިއީ ދެކޮޅަށްވެސް ވިސްނަން ޖެހޭނެ ކަމެކެވެ. އެއްކަމަކީ ސަލާންޖަހަމުން ހިނގުމަށް ތަރްޙީބް ނުދިނުމެވެ. ދެވަނަ ކަމަކީ ދަތިޙާލުގައިވާ މީހަކު ކަމަކަށް އެދިއްޖެނަމަ އެހީތެރިވުމަށް ﷲ ތަޢާލާ އަންގަވާފައި އޮތް އޮތުމެވެ. 

ވީމާ އަހުރެންގެ ވިސްނުމުން ބަހެއް ބުނެލާނަމެވެ. ފަޤީރުންގެ ޙާލު ބޭރުފުށަކުން ނުއެނގޭނެއެވެ. ނަމަވެސް މަސްތުވާ އެއްޗެތި ބޭނުންކުރާ މީހުންނާއި އެނޫންވެސް އެފަދަ މީސްމީހުން ފެނުމުން ފާހަގަކުރަން އެނގޭނެއެވެ. އެފަދަ މީހަކަށް އެހީތެރިވުމެއް ނެތެވެ. ނަމަވެސް އެފަދަ ކަމެއް ބޭރުފުށުން ފެންނަން ނެތް ނަމަ ކޮންމެވެސް މިންވަރަކުން އެހީތެރިވާށެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. 

އެމީހަކާއިމެދު ހިތްހަމަނުޖެހިގެން އެއްޗެއް ނުދިންނަމަވެސް އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ނުބުނާށެވެ. އެމީހަކަށްޓަކައި ހެޔިދުޢާކުރާށެވެ! 

ހަމައެއާއިއެކު މީހަކު އޭނާގެ ދަތިޙާލު ކިޔައިދިނުމުން ޔަޤީންކުރަން ބޭނުންނަމަ ވަޤުތުކޮޅެއް ހޯދައިގެންވެސް އޭނާގެ ޢާއިލާއަށް ޒިޔާރަތްކޮށް އޭނާ އެދައްކާ ވާހަކައިގެ ދޮގުތެދުބަލާށެވެ. އޭނާ އެބުނަނީ ތެދަކަށްވެފައި ތިބާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އޭނާއަށް އެހީތެރިވެދޭށެވެ. އޭނާގެ ބޭނުން ފުއްދައިދެވިއްޖެނަމަ އެކުރެވުނީ ވަރަށް ހެޔޮ ޞަދަޤާތެކެވެ. ޙަޤީޤަތް ހޯދަން ތިބާ ކުރި މަސައްކަތަށްވެސް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން