ބަލިވުމުން ލޯތްބާ އަޅައިލުން ނުދޭ މީހަކީ ބައިވެރިޔާ ދެކެ ލޯބިވާ މީހެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބަލިވުމުން ލޯތްބާ އަޅައިލުން ނުދޭ މީހަކީ ބައިވެރިޔާ ދެކެ ލޯބިވާ މީހެއް ނޫން!

ޒަވާޖީ ޙަޔާތް ފަށައި އެތައް ދުވަހެއްވާއިރުވެސް ގިނަ ބައަކަށް އޮންނަނީ ބައިވެރިޔާއަށް ލޯބި އެންމެ ބޮޑަށް ބޭނުންވާނެ ވަގުތު ނުއެނގިފައެވެ. ނުވަތަ އެކަމަށް ސަމާލުކަން ނުދެވިފައެވެ. ނަތީޖާއެއްގެ ގޮތުން އެހެން ގޮތެއް ހޯދުމުގެ ވިސްނުން އޮންނަނީ ވަރަށް ގާތުގައެވެ. ވީމާ މިއީ ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެކެވެ.  

ލޯތްބަކީ ހަމައެކަނި ބައްދައި އޮޅުލައި އުޅުން ކަމަށް ނުވަތަ ލޯތްބަކީ ހަމައެކަނި ދެމީހުން އުފާލިބިގަންނަން ބޭނުންވާ ވަގުތުތަކުގައި ވާން އޮތް އެއްޗެއް ކަމަށް އެބަދެކެވެއެވެ. އެއީ ވަރަށް ދެރަކަމެކެވެ.  ލޯބީގެ އަގު އެއަށްވުރެ މާބޮޑެވެ.  

ފުރަތަމަކަމަކީ ކޮންމެ މީހަކު ވެސް އަނެކަކު ދެކެ ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. މިބުނި މައްސަލައަށް ޙައްލެއް ލިބޭނީ އެއިރުންނެވެ. މިބުނާ ބަހުގެ މާނައަކީ ކޮޓަރިއަށް ވަނުމަށްފަހު ލޯބިނުވާކަށް ނޫނެވެ. އެއީ މުޅިން ތަފާތު ލޯތްބެކެވެ.  

ލޯބިވުން ފެށެންޖެހޭނީ އެހިސާބަކުންނޫނެވެ. ދެމަފިރިންނަމަ އަނެކާގެ ކިބައިން ލޯތްބާއި އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާނީ ބަލިވާ ވަގުތުތަކުގައެވެ. ބަލިވެއުޅެން ޖެހުމުންނެވެ. ނުވަތަ ކަންބޮޑުވާން ޖެހޭ ކޮންމެވެސް ކަމެއް މެދުވެރިވުމުންނެވެ. ޙަޤީޤީ ލޯބިވުމަކީ އެފަދަ ވަގުތުތަކުގައި ފޫހިކަން ދެއްކުމުގެ ބަދަލުގައި ވީހައި ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހިތްވަރު ދިނުމެވެ. ލޯތްބާއި އަޅައިލުން އިތުރުކުރުމެވެ.  

މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގެނީ ބަދަހިކަމާއިއެކު އެންމެ ބާރަށް ކުރިއަރައިގެންދާ ލޯތްބަކީ މި ބަޔާންކުރި ފަދަ ޙާލަތުތަކުގައި އެކަކު އަނެކަކަށް އެހީތެރިވެދީ، ހިތްވަރުދީ ހަދާ މީހުންގެ ލޯބިކަމެވެ.  

ހަމައެއާއިއެކު ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. ޚިޔާލު ތަފާތުވާ ވަގުތުތައްވެސް އަންނާނެއެވެ. ނަމަވެސް ކޮންމެ ޚިޔާލުތަފާތުވުމަކީ ރުޅިއެއް ކަމަށް ނުހަދާށެވެ! ރުޅިވެރިކަމަކަށް ބަދަލުކޮށް ނުލާށެވެ! އެގޮތަށް އެކަން ކުރެވޭނަމަ ލޯބީގެ ހުޅުކޮޅު ދާނީ ހުލިވަމުންނެވެ. ލޯތްބަށް ބަދަލު ނައިސް އޮންނާނީ ޚިޔާލުތަފާތުވުންތައްވެސް ލޯބިން ޙައްލުކުރަން އެނގިގެންނެވެ.  

އެކަމަށް ބޭނުންވާނީ ރުޅި އިސްނުކޮށް ލޯބިން މަޝްވަރާކުރުމެވެ. އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން ވާހަކަދެއްކުމެވެ. ސަބަބަކީ އެފަދަ ވަގުތުތަކަކީވެސް ލޯތްބަށް ވަރަށް ބޮޑަށް ބޭނުންވާ ވަގުތުކަމެވެ.  

އަޖުމަ ބަލައިލަންވެސް ބައިވެރިޔާގެ ކިބައިން ހިތްހަމަމުޖެހޭ ކަމެއް ފެންނަ ވަގުތު ރުޅި އިސްނުކޮށް ނިކަން ލޯބިން މުޢާމަލާތުކޮށްބަލާށެވެ. އެއިރު ކުށްކުރެވުނު މީހާ ހުންނާނީ އެކަމާއިހުރެ ދެރަވެފައެވެ. ބޭނުންވާނީ ލޯބިން ވާހަކަދައްކައި މައްސަލަ ޙައްލުކުރުމަށެވެ.  

ހިތާމައަކީ މިފަދަ ކަންކަމަށް ވިސްނައިނުލެވޭކަމެވެ. ލޯތްބަކީ ވަކިޙާލަތެއްގައި ނުވަތަ ވަކިކަމަކަށް ބޭނުންވުމުން ވާން އޮންނަ އެއްޗެއްކަމަށް ދެކެވޭކަމެވެ. މިދެއްކި ވާހަކަކޮޅަށް ވިސްނާލައިގެން ނިކަން ޢަމަލުކޮށްފާށެވެ! ލޯބި އިތުރުވެގެންދާތަން ފެންނާނެއެވެ. އިން ޝާ ﷲ

 

- ޑރ. ނިސްރީން ޢަބްދުﷲގެ ލިޔުމަކުން

 

މިއަދު އޮންލައިން