ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ތިމާއާއިމެދު މައިންބަފައިންނަށް ރަނގަޅު ނޫން ގޮތަށް ކުރެވިފައިވާ ކަންކަމަށް މާފުކޮށް ހެޔޮކޮށްހިތާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ތިމާއާއިމެދު މައިންބަފައިންނަށް ރަނގަޅު ނޫން ގޮތަށް ކުރެވިފައިވާ ކަންކަމަށް މާފުކޮށް ހެޔޮކޮށްހިތާށެވެ!

ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ މީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ މައިންބަފައިންނަށް ތިބާއާއިމެދު ގޯސްކޮށް ކަމެއް ކުރެވިފައި އޮތްނަމަވެސް އެކަމަކަށް މާފުކޮށް އެމީހުންނަށް ހިތްހެޔޮކުރުމާއިއެކު އެމީހުންނަށް ހެޔޮކޮށް ހިތުމެވެ.  

ވަކި ދީނެއްގައެއް ނޫނެވެ. ހުރިހާ ދީނެއްގައިވެސް މިކަން އޮތީ މިގޮތަށެވެ. އަދި އިސްލާމް ދީނަކީ މިކަމަށް އެންމެ ބޮޑަށް ބާރުއަޅާ ދީނެވެ. މިކަމަށް އަމުރުފުޅުކުރައްވަވައި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ ވަޙީބަސްފުޅުތަކުން އެކަން ވަރަށް ބޮޑަށް އެނގިގެންދެއެވެ.

ދީނީ ގޮތުން ކަން އޮތްގޮތް އެއްފަރާތުގައި ބާއްވާފައި ދުނިޔަވީ ގޮތުން ބެލިނަމަވެސް މައިންބަފައިންނަށް މާފުކޮށް ހިތްހެޔޮކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއްކަމަކީ ބުއްދިސަލާމަތުން ހުރިނަމަ އެއްވެސް މަޔަކު، ބަފަޔަކު އޭނާގެ ދަރިފުޅަށް ނުވަތަ ދަރިންނަށް ދެރަގޮތެއް މެދުވެރިވާކަށް ނުއެދޭނެއެވެ. 

ދަރިންނަށް ދެރަވާނެ ގޮތަކަށް ކަމެއް ކުރާކަށް ބޭނުމެއް ނުވާނެއެވެ. ދަރިންނަށް ދެރައެއް ލިބިއްޖެނަމަ އެންމެ ބޮޑަށް ހިތާމަކުރާނީވެސް މައިންބަފައިންނެވެ. ކިތަންމެ ބަސް ޤަބޫލުނުކުރާ ދަރިއަކަށް ނަމަވެސް ދެރައެއް ލިބިއްޖެނަމަ އިންތިހާއަށް ހިތާމަކުރާނެއެވެ.  

ނަމަވެސް ބައެއް މައިންބަފައިންނަށް އެފަދަ ކަންކަން ކުރެވެއެވެ. އެއީ އެމީހުންނަށް ނުވިސްނޭތީއެވެ. އެމީހުންނަށް ލިބިފައިވާ ތަރުބިއްޔަތުގެ ސަބަބުން މިކުރެވެނީ ކުށެއްކަމަށް ނުވިސްނޭތީއެވެ. ނުވަތަ އެހެންވެސް ގޮތަކުން އެމީހުންގެ ކިބައިގައި ހުންނަ އުނިސިފައެއްގެ ސަބަބުންނެވެ. 

މިއީ ދުނިޔަވީ ވާހަކަތަކެއް ކަމަށް ބަލައި އަޅާނުލިނަމަވެސް، ޤަބޫލުނުކުރި ނަމަވެސް ޤުރްއާނުގައި ވަޙީބަސްފުޅު ދޫކޮށެއް ނުލެވޭނެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި އެމީހުން މުސްކުޅިވެ ނިކަމެތިވާ ދުވަހު އެމީހުންގެ ހިތުގައި ޖެހޭނެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނަން އޮތް އަމުރުފުޅަށް ޢަމަލުކުރަންޖެހޭނެއެވެ.  

އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާގެ ޙުކުމްފުޅަކާއި ނުވަތަ ދީނާއި ޚިލާފް ކަމަކަށް އަމުރުކޮށްފިނަމަ ކިޔަމަންތެރިނުވާން އޮތް އިރުވެސް އޮތީ އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. އަނިޔާވެރިވުމާއި ދަރިން ކޮށްދޭންޖެހޭ ކަންކަން ކޮށް ނުދިނުމެއް ނެތެވެ. މައިންބަފައިންނަށް އަދާކުރަންޖެހޭ ވާޖިބްތައް އަދާނުކުރުމެއްވެސް ނެތެވެ.

ވީމާ ހުރިހާ ޙާލަތެއްގައިވެސް އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ލޯބިދިނުމެވެ. އަޅާލައި ބެލެހެއްޓުމެވެ. ފުރަގަސްދީ ވަކިވުމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން