ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން އިޚްލާޞްތެރިކަމާއިއެކު ފިރިމީހާ މަސައްކަތްކުރާނަމަ ކާމިޔާބުކުރަން ފަސޭހަވެ އެކަމެއް ޙައްލުވުމުގެ ފުރުޞަތު ބޮޑުވެގެންދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 44ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން އިޚްލާޞްތެރިކަމާއިއެކު ފިރިމީހާ މަސައްކަތްކުރާނަމަ ކާމިޔާބުކުރަން ފަސޭހަވެ އެކަމެއް ޙައްލުވުމުގެ ފުރުޞަތު ބޮޑުވެގެންދޭ!

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަށް ބޮޑަށް މަސައްކަތްކުރަންޖެހޭނީ އަނބިމީހާތަ؟ ފިރިމީހާތަ؟ މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ. އެންމެ ކުރު ޖަވާބަކީ މައްސަލަތައް އެންމެ ފަސޭހައިން ޙައްލުކުރެވޭނީ ދެމަފިރިންވެސް އެކަމަށް މަސައްކަތްކުރުމުން ކަމެވެ. ކުޑަކޮށެއް ނޫނެވެ. ބޮޑަށް މަސައްކަތްކުރުމުންނެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ޒަވާޖީ ޙަޔާތުގައި މައްސަލަތަކެއް ކުރިމަތިވެއްޖެނަމަ އެކަންކަން ހައްލުކުރުމުގައި ޒިންމާ ބޮޑީ ފިރިމީހާގެއެވެ. ޢާއިލާގެ އެހެން ކަމުގައި އިސްމީހާކަމަށްވާ ފަދައިން މައްސަލަތައް ޖެހުމުންވެސް ވާންޖެހޭނީ ހަމަ އެންމެ އިސްމީހާއަށެވެ.

ކަމުގެ ވަގުތު ފާއިތުނުވަނީސް ފިރިމީހާ އިޚްލާޞްތެރިއަކާއިއެކު އިސްނަގައިގެން މައްސަލަތައް ޙައްލުކުރަން އުޅެފިނަމަ ވަރަށް މަދު ފަހަރަކު ނޫނީ އޮންނަނީ މައްސަލަތައް ޙައްލުކުރެވިފައވެ.

ތިރީގައި މިވަނީ ޒަވާޖީ ޙަޔާތުގައި ދެމަފިރންގެ ޒިންމާތަކާއި ދައުރު ބަޔާންކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ވަރަށް މުހިންމު ލިޔުއްވުމެވެ. މައްސަލަތައް ޙައްލުކުރެވޭނީ ދެމަފިރިންވެސް ލިޔުމުގައިވާ ފަދައިން އެމީހެއްގެ ދައުރު އަދާކޮށްގެންނެވެ. ނޫންނަމަ ދުވަހެއް ދުވަހަކަށް ދާނީ އަލިފާން ނިއްވަން ޕެޓްރޯލް ޖެހުމުންވާގޮތް ވަމުންނެވެ. 

އަނބިމީހާ ފިރިމީހާދެކެ ރުޅި އައިސްގެން ހުރުމަކީ ކޮންކަހަލަ ކަމެއް؟

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: 

އަނބިމީހާއަކީ ފިރިމީހާ އާއި ޙަވާލުވެފައިވާ ވަރަށްވެސް ބޮޑު އަމާނާތެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. އޭނާގެ ބައްޕަގެ ބެލުމުގެ ދަށުން ތިމާގެ ބެލުމުގެ ދަށަށް ގެނައީ ހެޔޮކޮށް ހިތުމަށް ވަޢުދުވެފައިކަން ދަންނަންވާނެއެވެ. އެހެންކަމުން އިޙްސާންތެރިކަމާއި އޯގާތެރިކަމާއި އެކު ކަންތައްކޮށްދޭންވާނެއެވެ. އަދި އަނބިމީހާ އަށް ދޭންޖެހޭ އެންމެހައި ޙައްގުތައް އެންމެ ފުރިހަމަގޮތުގައި ދެވޭތޯބަލަންވާނެއެވެ. ދީނީގޮތުން އަނބިމީހާއަށް ބުނެދޭންހުރި ކަންތައްތައް ބުނެދޭންވާނެއެވެ. ރަސޫލު ﷲ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. 

خَيْرُكم خَيْرُكم لِأَهْلِه، وأَنا خَيْرُكم لِأَهْلي. 

މާނައަކީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑުމީހަކީ އެމީހެއްގެ އަހުލުވެރިންނަށް (އަނބިންނަށް) އެންމެ ހެޔޮ މީހާ އެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިމަންކަލޭގެފާނުގެ އަހްލުންނަށް (އަނބިންނަށް) އެންމެހެޔޮމީހާ އެވެ. 

އަނެއްކޮޅުން ﷲ އަށް އެރެދުމެއްނުވާ ކޮންމެ ކަމެއްގައި އަނބިމީހާ ފިރިމީހާ އަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭނެއެވެ. ކިޔަމަންތެރި ނުވެއްޖެނަމަ މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކަކަށް އަރައިގަނެވެނީކަން ހަނދާންކުރަންވާނެއެވެ. އަދި ނުކިޔަމަންތެރިކަންމަތީ ދެމި ހުރެއްޖެނަމަ ދެން ކަންތައްވެގެން ހިނގައިދާނެ ގޮތްތައް ފރިމީހާ އަނބިމީހާ އަށް ކިޔައިދީ ހަނދާންކޮށްދޭންވާނެއެވެ. އެކަންތަކުގެ ތެރޭގައި ފިރިމީހާ އޭނާ އަށް ކުރާ ޚަރަދު ހުއްޓާލަންޖެހިދާނެކަންވެސް ބުނެދޭންވާނެއެވެ. ނަޞޭޙަތްދީގެން ރަގަޅު ނުވެއްޖެނަމަ ތަންމަތިންވަކި ކުރާނީއެވެ. އެގޮތުންވެސް ރަގަޅު ނުވެއްޖެނަމަ އަނިޔާނުވާ ވަރަށް ޖެހުންވެސް ހުއްދަވެގެންވެއެވެ. މިގޮތުންވެސް ޙައްލަކަށް ނާދެވިއްޖެނަމަ ފިރިމީހާގެ ފަރާތުން މީހަކާއި، އަނބިމީހާގެ ފަރާތުން މީހަކު އައިސް ދެފަރާތުގެ ވާހަކަތައް އަޑުއަހާ ޙައްލެއް ހޯދޭތޯ މަސައްކަތް ކުރާނީއެވެ. މިގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ވަރިއާއިހަމަ އަށް ދާނީ އެވެ. 

އަނބިމީހާ ފިރިމީހާއާއިއެކު އުޅެން ބޭނުން ނުވެއްޖެނަމަ އޭނައަށް "ޚުލްޢު" އަށް އެދުމުގެ ފުރުޞަތު އިސްލާމްދީނުގައި އޮވެއެވެ. "ޚުލްޢު" އަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ހަދިޔާއެއް ނުވަތަ ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ނުވަތަ އެއިން ބައެއް ދިނުމަށްފަހު ކައިވެނިރޫޅާލުމަށް އެދުމެވެ. 

މިކަމުގެ ދަލީލަކީ ސާބިތުބިން ގައިސްގެ އަބިކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސްދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ސާބިތްބިން ގައިސްގެ އަޚުލާގާއިދީންވެރިކަމާއި ބެހޭގޮތުން ބަދުބަހެއް ބުނާކަށް އަހުރެންބޭނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްވުމަށްފަހު ކުފުރުވުމަށް އަހުރެއް ނުރުހެމެވެ. (މާނައަކީ އިސްލާމްވުމަށްފަހުގައި ކާފިރުކަމުގެ އަޚްލާޤަށް ނުވަތަ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދެއްކުމުގެސިފަ ގެންގުޅޭކަށް ތިމަންކަމަނާ ނުރުހެމެވެ. ތިމަން ކަމަނާ ސާބިތްބިންގައިސް އާ އެކު އުޅޭކަމުގައިވާނަމަ ނުކިޔަމަންތެރިވެވިދާނެއެވެ. ނުވަތަ ސާބިތްބިންގައިސްއާ އެކު އުޅެންވެއްޖެނަމަ ތިމަންކަމަނާ ކުފުރުގެ ތެރެއަށް އެބުނރި ހިނގައިދާނެއެވެ.) ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ކަމަނާ ސާބިތް ބިން ގައިސްގެ ހަދީގާ(ބަގީޗާ) އަނބުރާ ދެއްވާހުށީމު ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސާބިތް ބިން ގައިސްއާއި މުޚާޠަބުކުރައްވާ ހަދީޘްކުރެއްވިއެވެ. އެ ހަދިޔާ ޤަބޫލުކޮށް އެކަމަނާ ދޫކޮށްލާށެވެ." 

(ނަމަވެސް މިފަދަ ނިންމުމަކާ ހަމަޔަށް ދިއުމުގެކުރިން ދެމަފިރިން ރަނގަޅަށް މަޝްވަރާކޮށް ދެމީހުން އެކުގައި އުޅެވޭތޯ މަސައްކަތްކޮށް އެކަމަށް ތައުފީޤުދެއްވާތޯ ދުޢާކުރަން ވާނެއެވެ. ތިމާޔަށް ހެޔޮއެދޭ ޞާލިޙް ފިރިއެއް ލިބުމަކީ ވަރަށްބޮޑު ނިޢުމަތެކެވެ. އަދި ސުވާލުގައި ވާފަދައިން ފޫހިވުމަށް މެދުވެރިވި ސަބަބުވެސް މިހާރުވަނީ ﷲގެ އިރާދަފުޅުން ނެތި ގޮސްފައެވެ. "އެއްޗެއްގެ އަގު ވަޒަންކުރެވޭނީ އެއެއްޗެއް ތިމާގެ އަތުން ބީވެގެން ދިޔުމުންނެވެ.") والله أعلم

މިއަދު އޮންލައިން