ކޮންމެ ނަމާދެއް ކުރިނަމަވެސް މައިންބަފައިންނަށްޓަކައި އެންމެ ކުޑަމިނުން ސަޖިދައިގަ މިދުޢާނުކޮށް ނިންމައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކޮންމެ ނަމާދެއް ކުރިނަމަވެސް މައިންބަފައިންނަށްޓަކައި އެންމެ ކުޑަމިނުން ސަޖިދައިގަ މިދުޢާނުކޮށް ނިންމައިނުލާށެވެ!

އަހަރެމެން ވަރަށް ގިނައިން އަހަރެމެންގެ މައިންބަފައިންގެ ވާހަކަތައް ދައްކަމުއެވެ. މަރުވުމުން ވެސް އެމީހުންގެ މަތިން ހަނދާންކުރަމުއެވެ. އެހެންނަމަވެސް އެކަން އެމީހުންނަށް ފައިދާކުރާނެ ގޮތަކަށް އެބަކުރެވޭ ހެއްޔެވެ؟ އެމީހުންނަށް ފައިދާކުރާނެ އެއްވެސް ކަމެއް އެބަކުރެވޭ ހެއްޔެވެ؟  

އަހަރެމެން މަރުވުމުންވެސް އަދި މައިންބަފައިން މަރުވުމުންވެސް ކޮންމެ މީހަކު މަރުވުމުންވެސް އެމީހާގެ އަމަލުތަކުގެ ފަތް އެހިސާބުން އެމީހަކަށް ބަންދުވެގެނެދިއައީއެވެ. ދެން އެމީހަކަށް ޘަވާބު ނުވަތަ ޢަޛާބު އިތުރުވާ ކަންކަން ވަރަށް މަދެވެ. ޘަވާބު އިތުރުވާ މަދުކަންކަމުގެ ތެރެއިން އެއްކަމަކީ ހެޔޮލަފާ ދަރިންގެ ދުޢާއެވެ.  

އެމީހަކަށް ޢަޛާބު އިތުރުވާ ކަންކަމުގެ ތެރޭގައި އެމީހާ ދުނިޔޭގައި ހުރެ ކޮށްފައިވާ އަމަލެއްގެ ސަބަބުން މީސްތަކުން ފާފަވެރިވަމުން ދިއުން ހިމެނެއެވެ. ސޯޝަލް މީޑިއާއަށް ފޮޓޯ އާއި ވީޑިއޯތައްލާއިރު ބިރުވެތިވާންޖެހެންވީ މިސަބަބަށްޓަކައެވެ. ބެލުމުން ފާފަވެރިވާ ފަދަ ތަކެތި ލާފައި ހުރުމުން އެތަކެތި ބަލައި މީހުން ކުރާފާފައިން އެތަކެތި ޢާންމުކުރި މީހާވެސް ދާނީ ފަތުރުވެރިވަމުންނެވެ. މިއީ ހަމައެކަނި މައުލޫމާތަށްޓަކައި ބުނެލި ވާހަކަކޮޅެކެވެ. މިރޭގެ މައުޟޫއަކީ މައިންބަފައިންނެވެ.  

މީސްތަކުންނޭވެ! އަހަރެމެން ކޮންމެ މީހަކީވެސް އަހަރެމެންނަށްޓަކައި ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު ދުޢާތައް ކުރާ ބައެކެވެ. އަހަރެމެންނަށްޓަކައި އަހަރެމެން ދުޢާކުރާ ފަދައިން މައިންބަފައިންނަށްޓަކައި ވެސް ގިނަގިނައިން ދުޢާކުރަންވާނެއެވެ! ކޮންމެ ނަމާދެއްގައިވެސް ދުޢާކުރަންވާނެއެވެ.

رَبِّ ارْحَمْهُمَا كَمَا رَبَّيَانِیْ صَغِيْرًا 

"އަޅުގެވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖެއްކަމުގައި މިއަޅާވީ ދުވަހު އެދެމީހުން މިއަޅާ ބަލައި ބޮޑުކުރިފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވަވައިފާނދޭވެ!" (އަލްއިސްރާ: 24)  

"ޔާ ﷲ! މިއަޅާ އާއި މިއަޅާގެ މައިންބަފައިންގެ ފާފަތައް ފުއްވަވައިދެއްވަވާނދޭވެ!"  

އެންމެ ކުޑަމިނުން މިވަރުގެ ދުޢާއެއް ނަމަވެސް ނުކޮށް އެންމެ ނަމާދެއްވެސް ދޫކޮށްނުލާށެވެ! އެކަމުގެ ފައިދާ ތިމާއަށްވެސް ކުރާނެއެވެ.  

މައިންބަފައިން މަރުވުމުން މައިންބަފައިންނަށް އެންމެ ފަސޭހައިން ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އެމީޙުންނަށްޓަކައި ހެޔޮދުޢާކުރުމެވެ. އަތްމަތި ދަތިވެ ޞަދަޤާތް ނުކުރެވޭ މީހުން ތިބޭނެއެވެ. ނަމަވެސް ދޫހެލޭނަމަ ދުޢާކުރެވޭނެއެވެ! ހިތަށް އެއްޗެތި އަރައިފައިބާނަމަވެސް ދުޢާކުރެވޭނެއެވެ.  

ވީމާ މައިންބަފައިންނަށްޓަކައި ހެޔޮދުއާކުރުން ގިނަކުރާށެވެ! ދަރިންގެ ހެޔޮދުޢާއިން ސުވަރުގޭގައި ބައިންބަފައިންގެ ދަރަޖަ އުފުގެނަދާނެކަން އެއީ މައިންބަފައިިންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ނޫން ހެއްޔެވެ؟

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން