ޙައްލު ނުކުރެވޭނެ އެއްވެސް މައްސަލައެއް ކުރިމަތިނުވެ އުފަލުގަ ދެމަފިރިންނަށް އުޅެވޭނެކަން ޔަޤީންމަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ޙައްލު ނުކުރެވޭނެ އެއްވެސް މައްސަލައެއް ކުރިމަތިނުވެ އުފަލުގަ ދެމަފިރިންނަށް އުޅެވޭނެކަން ޔަޤީންމަގު-

އުފަލުގައި އެކުގައި އުޅެވޭނީ ތަނަވަސްކަން ބޮޑުވެފައި އަގުބޮޑު ހަދިޔާތައް ދިނުމުން ނުވަތަ ދެމީހުން އެކުގައި އަގުބޮޑު ދަތުރުތައް ކުރުން ފަދަ ކަންކަމުން ކަމަށް ދެކޭ ބައަކު އުޅެއެވެ. އެއީ ހަމަ ބާޠިލް ވިސްނުމެކެވެ. ތަނަވަސްކަން ހުރިވަރަކުން އެކަންކަންވެސް ކުރަންވީއެވެ. ނަމަވެސް އެކަމުން ލިބޭނީ ވަޤުތީ ހިތްހަމަޖެހުމެކެވ.  

ޒަވާޖީޙަޔާތެއް ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ދެމަފިރިން އެކުގައި ސުވަރުގެދާން މަސައްކަތްކުރުންކަމުގައި އެންމެންވެސް އިއްތިފާޤްވެއެވެ. އެކަމަށް ދެކޮޅުހަދާ މީހަކު ނުފެނެއެވެ. އަދި ހުރެގެންވެސް ނުވާނެއެވެ.  

ކައިވެނި ކުރަނީ ދެމަފިރިން ގުޅިގެން ހަޔާތުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެއިގެ ކުރިއަށް އޮތީ ﷲ ތަޢާލާ އިންސާނުން ދުނިޔެއަށް ފޮނުއްވެވި ސަބަބެވެ. އެއީ ﷲ ތަޢާލާ އަށް އަޅުކަންކުރުމެވެ. ވީމާ ޒަވާޖީ ހަޔާތަށް ފެށުމަށްފަހުގައި ދެމީހުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ.  

"އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" (ބަޤަރާ: 45) 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (ބަޤަރާ 153)  

ކައިވެންނީގެ ހަޔާތަށް ފެށުމާއިއެކު ފުރިހަމަ ކުރަން ބޭނުންވާ ބައިވަރު ކަންތައްތައް ހުރެއެވެ. ޙާޞިލުކުރަން ބޭނުންވާ ކަންކަން ވަރަށް ގިނަވާނެއެވެ. އެކަންކަން ޙާޞިލުކުރަން ބޭނުން ނަމަ އަހަރެމެންނަށް އޮތީ ނަމާދުކުރުމުން ވާގިއެދުމެވެ. ނަމާދުކުރުމުން ވާގިއެދުމަކީ ނަމާދު ކުރަމުން ތިމާ އެދޭ ކަންކަން ޙާޞިލުކޮށް ދެއްވެވުން އެދި ދުޢާކުރުމެވެ.

ވީމާ ނަމާދު ކުރުމަކީ ފިރިމީހާ ނުވަތަ އަނބިމީހާ އެކަނި ކުރަން އޮތް ކަމެއް ނޫނެވެ. ދެމަފިރިންވެސް ކުރަން ޖެހޭ ކަމެކެވެ. ވީމާ ފުރަތަމަ ކަމެއްގެ ގޮތުން އެކަކު އަނެކަކަށް ނަމާދުކުރުމުގައި އެހީތެރިވާށެވެ! އަނބިމީހާއަށް ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމާއި ނަމާދު ކުރާނެ ވަގުތު ހޯދައި ދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ވީމާ 5 ވަގުތު ފިރިމީހާ މިސްކިތަށް ދިއުމަކުން އަދި ނުފުދެއެވެ. އަނބިމީހާއަށް ނަމާދު ކުރެވޭކަން ކަށަވަރުކުރަން ޖެހޭނެއެވެ.  

އަނބިމީހާއަށް ނަމާދުކުރެވެން އޮތީ ފިރިމީހާ ދަރިން ބެލުމުގައި އެހީތެރިވެދީގެން ކަމަށްވާނަމަ އެކަންވެސް ކުރާށެވެ! ގޭތެރޭގެ މަސައްކަތުގައި އެހީތެރިވެދީގެން ކަމަށްވާނަމަ އެކަންވެސް ކުރާށެވެ! ސުވަރުގެ ހާޞިލުކުރަން ކުރާ ދަތުރަކީ ދެމަފިރިން އެކެއް އަނެކެއްގެ އަތުގައި ހިފައިގެން ކުރާ ދަތުރަކަށް ހަދާށެވެ! އެއިރުން ދުނިޔޭގައިވެސް އެކަމުގެ އުފާވެރިކަން ދާނީ ލިބެމުންނެވެ.  

މިހައިތަނަށް ހޯދިފައިވާ ހުރިހާ ހޯދުންތަކުން ވެސް އެނގެނީ އެންމެ އުފާވެރިކަމާއިއެކު ޙަޔާތް ވޭތިކުރެވެނީ ދެމަފިރިން އެކުގައި އިސްލާމް ދީނަށް އަމަލުކުރި މިންވަރަކުން ކަމެވެ. ވީމާ ޒަވާޖީ ހަޔާތް ބާއްޖަވެރިކުރަން ބޭނުން ނަމަ ކުރަން އެންމެ މުހިންމު ކަމަކީ ދެމަފިރިން އެކުގައި އިސްލާމް ދީނަށް ޢަމަލުކުރުމެވެ.  

ކަން މިހެން އޮތް ނަމަވެސް ގިނަ ފަހަރު ޤަބޫލުކުރެވެނީ ދެމީހުންގެ ދިރިއުޅުމަކީ ތަފާތު އެއްޗެއް ކަމަށާއި އަޅުކަން ކުރުމަކީ ތަފާތު ކަމެއް ކަމަށެވެ. އެގޮތަށް އެވިސްނެނީ ދިރިއުޅުމާއި އަޅުކަން ކުރުމަކީ ތަފާތު ދެ ކަމެއް ކަމުގައި ދެކެވޭތީއެވެ. ދިރިއުޅުމާއި އަޅުކަން ކުރުމަކީ އެއް ކަމެކެވެ. އެހެނީ އަޅުކަން ކުރުމާއި ދިރިއުޅަމަކީ ވަކިކުރެވޭނެ ދެ ކަމެއް ނޫނެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން