ތިމާގެ ސަބަބުން ތިމާއަށް އެސްފީނާޖެހެން ބޭނުންވާނެ މީހަކު ނުހުންނާނެ! ނަމަވެސް އެއީ މެދުވެރިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ތިމާގެ ސަބަބުން ތިމާއަށް އެސްފީނާޖެހެން ބޭނުންވާނެ މީހަކު ނުހުންނާނެ! ނަމަވެސް އެއީ މެދުވެރިވާ ކަމެއް!

އަހުރެން މިވާހަކަ ދެއްކުމުން އެމީހަކު އަމިއްލައަށް އެމީހަކަށް އެސްފީނާ ޖެއްސުވޭނެ ގޮތަކާއިބެހޭ ގޮތުން ބައެއް މީހުން ސުވާލުކުރެއެވެ. ކިޔައިދެންދެން ޤަބޫލުނުކުރަންވެސް ތިބެއެވެ. ކިޔައިދިނުމުން ވިސްނެއެވެ. 

އެއީ އެކަން އޮންނާނެވެސް ގޮތެވެ. އެއްވެސް މީހަކީ ތިމާއަށް އެސްފީނާ ޖެހެން ބޭނުންވާނެ މީހެއް ނޫނެވެ. ޚާއްޞަކޮށް އެމީހެއްގެ ސަބަބުން އެމީހަކަށް އެސްފީނާޖެހޭކަށް ހަމައެކަކުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެއީ މެދުވެރިވާ ކަމެކެވެ. 

އެކަން މެދުވެރިވަނީ އެމީހަކަށް ﷲ ތަޢާލާ ނިޢުމަތްތައް ދެއްވެވުމުން ތިމާގެ އަމިއްލަ ނަފްސަށް ފަޚުރުވެރިވެ، އެއީ ތިމާގެ މޮޅުކަމުން ހޯދުނު ކަންކަން ކަމަށް ޤަބޫލުކުރެވި އެނިޢުމަތްތައް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިނުވެވޭނަމައެވެ. ތަކުރާރުކޮށްލާނަމެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިނުވެވޭނަމައެވެ. 

ނިޢުމަތްތައް މިންވަރު ކުރެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭތީއެވެ. ޝުކުރުވެރިވެ ހެޔޮ ޢަމަލުތައް ކުރުމުގެ ބަދަލުގައި ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރެވޭތީއެވެ. 

މީސްތަކުންނޭވެ! ތިބާއަށް ރީތިކަން ދެއްވެވި ނަމަވެސް، ތަނަވަސްކަން ދެއްވެވި ނަމަވެސް އުފާވެރިކަން ދެއްވެވިނަމަވެސް، ޒަވާޖީ ހަޔާތުގައި ކުރިއަރައި ކާމިޔާބު ލިބެމުން ދިއަ ނަމަވެސް ސުބްޙާނަﷲ، މާޝާﷲ، ތަބާރަކަﷲ، ކިޔައި ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! އެކަން ތިބާގެ ޢަމަލުތަކުން ދައްކާށެވެ. 

ހަނޑާންކޮށްދޭން މިޖެހެނީ ހަމަ އެއްކަމެކެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވާނަމަ ދެއްވަވާ ނިޢުމަތްތައް އިތުރުކުރައްވަވާނެ ކަމެވެ. ތަނަވަސްކަމާއި އުފާވެރިކަން އިތުރުކޮށް ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުންނަކީ ގިނަގިނައިން ޝުކުރުވެރިވާ އަޅުންނެވެ. ހަމައެކަނި ދުލަކުން ނޫނެވެ. ދުލާއި ޢަމަލުންނެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން