ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތަށް ފާޑުކިޔާ ބައަކު އުޅޭނެ! އޮތީ ކަންބޮޑުނުވެ ބާރަށް ކުރިއަށް ދިއުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތަށް ފާޑުކިޔާ ބައަކު އުޅޭނެ! އޮތީ ކަންބޮޑުނުވެ ބާރަށް ކުރިއަށް ދިއުން!

މިޘާލެކެވެ! "ތިބާ ރޭގެ ޢިޝާނަމާދަށްފަހުގައިވެސް ހާދަގިނަ ސުންނަތެއް ކުރިއެވެ. ސަޖިދައިގައި ހާދަގިނަ ވަޤުތެއް ހޭދަކުރިއެވެ. ތިބާ ފައިބާތޯ އިންތިޒާރުވެސް ކުރީމެވެ." މިފަދަ ބަސްތައް ބުނާނެ ބައަކު އުޅޭނެއެވެ. ކަންބޮޑުނުވެ ޖަވާބުދޭށެވެ! "އަހުރެން އަހުރެންގެ ވެރި ރައްބާއިއެކު ވަޤުތުކޮޅެއް ހޭދަކުރީއެވެ. އެއީ އަހުރެން ވަރަށް ލޯބިން ކުރާ ކަމެކެވެ. ކަންބޮޑުވެވެނީ ހޭދަކުރެވޭ ވަޤުތު އަދިވެސް މަދުކަމުންނެވެ."  

ކޮންމެ މީހަކުވެސް ވިސްނަންވީ ކަމަކީ ތިމާވެސް މަރުވާނެކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހު ހުއްޓެން ޖެހޭނެކަމެވެ. ޖަވާބުދާރީވާން ޖެހޭނެ ކަމެވެ. އެދުވަހުން އަޅުގަނޑު ނަމާދަށް ދިއުން ހުއްޓައިލީ މިވެނި ބައަކު ފުރައްސާރަކުރާތީ ކަމަށް ދަންނަވައިގެން ނުފުދޭނެ ކަމެވެ. އެމީހަކު އަމަލުކުރި ގޮތެއްގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކު ކަމެވެ.  

ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ނަމާދު ނުކުރި ނަމަ އެމީހަކު ހިމެނޭނީ ނަމާދު ނުކުރި މީހުންގެ ތެރެއިން ކަމެވެ. ނަމާދު ނުކުރާ މީހުންނަށް ދާންޖެހުން އެންމެ ގާތީ ނަރަކައަށްކަން އެނގެން އެބައޮތެވެ.  

ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ. ވީމާ އެއްވެސް މީހަކު އެމީހާގެ ކޮންޓްރޯލް އެހެން މީހަކާއި ޙަވާލުކުރުމެއް ނެތެވެ! އެމީހެއްގެ ކޮންޓްރޯލް އެމީހަކު ނަގާށެވެ! އެއީ އެމީހާގެ މަސްއޫލިއްޔަތެކެވެ.  

ލަދުގަންނަންވީ ނަމާދުކުރާތީ ކުރާ ފުރައްސާރައަކަށް ނޫނެވެ. ލަދުގަންނަންވީ ނަމާދު ނުކޮށް ހުންނާށެވެ! އެހެނީ ތިމާ ހައްދަވައި ގެންގުޅުއްވަވާ، ތިމާއަށް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވާ އިލާހްގެ އެންގެވުންތަކަށް ބޯލަނބައި ކިޔަމަން ނުވުމަށްވުރެ ބޮޑު ކުށެއް އެއްވެސް މީހަކަށް ނުކުރެވޭނެތީއެވެ! 

ބައެއް މީހުން އިޞްލާހްވެ އަޅުކަން ކުރަން ފެށުމުން އެކަން ފާހަގަކޮށް އެމީހުންނަށް ފުރައްސާރަކޮށް މަލާމާތުގެ ބަސްތައް ބުނެއުޅެއެވެ. އަދި އެފަދަ ބަސްތަކާއި ގުޅިގެން  ބައެއް މީހުން އަޅުކަން ކުރުމާއި ދުރުހެލިވެފައިވެސް އެބަ ހުއްޓެވެ. ޚާއްޞަކޮށް މިސްކިތަށް ނަމާދަށް ދިއުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ފަސްޖެހޭތަންވެސް އެބަ އާދެއެވެ.  

ބަލަންވީ މީހުން ދައްކާ ވާހަކައަކަށް ނޫނެވެ. ތިމާއަށް ކުރަން ﷲ ތަޢާލާ އެންގެވި ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށެވެ. ކުރިން މިސްކިތަށް ގޮސް ނުއުޅެވުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭށެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މުހިންމީ ކަންކަން ވިސްނުމުން ހެޔޮ މަގުގައި ސާބިތުވުމެވެ.  

އެއްވެސް ޙާލެއްގައި މިބުނަނީ މިސްކިތަށް ނުދިއުމަކީ ރަނގަޅު ކަމެއް ކަމަކަށް ނޫނެވެ. އެއީ އަބަދުވެސް އެންމެ ބޮޑަށް އިސްކަން ދީގެން ކުރަން ޖެހޭނެ ކަންތަކެވެ. މުސްލިމަކަށްވުމަށްފަހު ނަމާދުކުރުމަށްވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެއް ނެތެވެ. ނަމަވެސް ހަޔާތުގެ ކަންކަން ދިމާވާ ގޮތުން ޙަޔާތުގެ ކުރީކޮޅު އެންމެ ފުރިހަމައަށް ކަންކަން ނުކުރެވޭ ބައަކު ތިބޭނެއެވެ. އެއީ މަދު ބައެއް ވެސް ނޫނެވެ. ތައުބާވުމަށް މިއޮންނަނީ އެހެންވެގެންނެވެ. ތައުބާވުމަށް ވަކި ދުވަހެއް ނެތެވެ. ވަކިއުމުރެއްވެސް ނެތެވެ. އޮތީ އަބަދުވެސް ތައުބާވުންމަތީގައި ދެމިހުރުމެވެ.  

ނަމާދަށް ދާން ފެށުމުން ނުވަތަ މިސްކިތުގައި ކިޔަވަން އިންނަން ފެށުމުން ފުރައްސާރައެކުރަނީ ޝައިޠާނުންނެވެ. މަލާމާތުގެ ބަސްތައް ރައްދުކުރަނީ ޝައިޠާނުންނެވެ. ބޭނުމަކީ އެމީހުން ފަދައިން އެންމެންނަކީވެސް ނަމާދު ނުކުރާ މީހުން ކަމުގައި ހެދުމެވެ. ޝައިޠާނާގެ ބައަށް މީހުން ގިނަކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން