ނަމާދު ޤަސްރު ކުރުމާއި ޖަމްޢު ކުރުމާއި ބެހޭގޮތުން އެނގެންޖެހޭ ކަންކަން-: ޝައިޚް އިބްރާހީމް ރާފިޢު

ކިޔުމަށް ހޭދަވާނީ 10މ 12ސ
ނަމާދު ޤަސްރު ކުރުމާއި ޖަމްޢު ކުރުމާއި ބެހޭގޮތުން އެނގެންޖެހޭ ކަންކަން-: ޝައިޚް އިބްރާހީމް ރާފިޢު

ސިއުޒާ

 

ޤަސްރު ޖަމްޢަށް އަޅުގަނޑުމެން ބަލާލާ އިރުގައި މީތި 3 ބަޔަކަށް ބަހާލެވިދާނެ. އެއްބަޔަކީ އެއީ ހަމައެކަނި ޤަސްރު ކުރުން. ދެވަނަ ބަޔަކީ އެއީ ހަމައެކަނި ޖަމްޢު ކުރުން. ތިންވަނަ ހާލަތަކީ ޤަސްރުކޮށް ޖަމްޢު ކުރުން.

ޤަސްރު ކުރުމުގެ މާނައަކީ އެއީ 4 ރަކުޢަތުގެ ނަމާދެއް 2 ރަކުޢަތަށް ކުރުކޮށްގެން ކުރުން. ޖަމްޢު ކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ނުވަތަ ޖަމްޢު ކުރުމަކީ އެއީ 2 ނަމާދެއް އެއް ނަމާދެއްގެ ވަޤުތުގައި އަދާ ކުރުން.

އެހެންމަ ޤަސްރު ކުރެވޭ ހާލަތަކަށް މި އަންނަނީ އެންމެ ހާލަތެއް. އެއީ ދަތުރުވެރިއެއް ކަމުވުގައި އޭނަ ވާ ހާލަތް. އެހެންމަ ދަތުރުވެރިޔާގެ މައްޗަށް ނަމާދު ޤަސްރު ކުރެވިދާނެ. މާނައަކީ 4 ރަކުޢަތުން ކުރެވޭ ނަމާދެއް، މިސާލަކަށް މެންދުރު ނަމާދު، ޢަސްރު ނަމާދު، ޢިޝާ ނަމާދު މި ތިން ނަމާދު އޭނާއަށް 4 ރަކުޢަތުގެ ބަދަލުގަ 2 ރަކުޢަތުން ކުރެވިދާނެ. ޖަމްޢު ކުރުމަކާ ނުލައިވެސް. މާނައަކީ ދަތުރެއްގެ މަތީގައިވާ މީހާ އޭނާ ޤަސްރު ކުރާ ކަމުގައި ވާނަމަ މެންދުރު ނަމާދަށް އޭނަ ނިޔަތް ގަންނާނި ޤަސްރު ކުރުމޭ. އެހެން ހިތައް އަރުވާލާފަ އޭނާ މެންދުރު ނަމާދު 2 ރަކުޢަތަށް ކުރީމަ އެހާހިސާބުން އެއޮތީ ޤަސްރު ކުރެވިފަ. ޢަސްރު ނަމާދުވެސް އެ ނަމާދުގެ ވަޤުތުގައި ޤަސްރު ކުރީމަ އެއޮތީ ހަމައެކަނި ޤަސްރު ކުރެވިފަ. ޢިޝާނަމާދު ޢިޝާ ނަމާދުގެ ވަޤުތުގައި ޢިޝާނަމާދުގެ 4 ރަކުޢަތް 2 ރަކުޢަތަށް ކުރުކޮށްގެން ކުރީމަ އެއޮތީ ޤަސްރު ކުރެވިފަ. އެހެންމަ ޖަމްޢު ކުރުމަކާ ނުލައި އޭނާއަށް ހުއްދަވާނޭ ހަމައެކަނި ޤަސްރު ކުރުންވެސް.

ދެން ދެވަނަ ހާލަތެއްގަ މި އަންނަނީ ޖަމްޢު ކުރުން، ހަމައެކަނި ޖަމްޢު ކުރުން. ހަމައެކަނި ޖަމްޢު ކުރުން ހުއްދަވާ 4 ހާލަތެއް އާދޭ. ފުރަތަމަ އެއް ހާލަތަކީ އެއީ ބޯކޮށް ވާރޭ ވެހޭ ހާލަތުގައި މިސްކިތްތަކުގައި ޖަމްޢު ކުރުން ހުއްދަ ވަނެ. މާނައަކީ އޭނާ ކޮންމެ ނަމާދަކަށް މީސްތަކުންނަށް ޖަމާޢަތަށް ހާޒިރުވާން ދަތި އުނދަގޫ ކަމަކަށް ވާ ހާލަތްތަކުގަ، އެވަރަށް މިސާލަކަށް ބޯކޮށް ވާރޭ ވެހޭ ހާލަތްތަކުގަ ނަމާދު ޖަމްޢު ކުރު ހުއްދަވާނެ މިސްކިތްތަކުގަ. އެހެން ނަމަވެސް މީކީ ރާއްޖޭގަ އެހާ އާއްމުކޮށް ޕްރެކްޓިސް ކުރެވޭ ކަމެއް ނޫން.

ދެވަނަ ހާލަތަކީ ބަލީގެ ހާލަތް. ބަލީގެ ހާލަތުގައި ނަމާދު އޭގެ ވަޤުތުގައި އަދާކުރަން އުނދަގޫވާ ހާލަތްތަކުގައި ނަމާދު ޖަމްޢު ކުރުމަކީ ހުއްދަ ވެގެން ވާ ކަމެއް.

ހަމަ އެގޮތަށް ތިންވަނަ ހާލަތެއްގަ މި އަންނަނީ ދަތުރެއްގެ މަތީގައި ވުން. ދަތުރުވެރިޔާގެ މައްޗަށް ޤަސްރު ކުރުމަކާއި ނުލާ ހަމައެކަނި ޖަމްޢު ކުރުންވެސް ހުއްދަވެގެންވޭ. ދެ ނަމަދެއް އެއް ވަޤުތެއްގައި އަދާކުރުން ހުއްދަ ވެގެންވޭ.

ހަތަރުވަނަ ހާލަތަކަށް މި އަންނަނީ ނަމާދު އޭގެ ވަޤުތުގައި އަދާކުރުމަށް އާއްމު ހާލަތަށްވުރެ ދަތި އުނދަގޫ ހާލަތް މެދުވެރިވާ ކޮންމެ ހާލަތެއް. މިސާލަކަށް ޢިލްމުގެ އަހުލުވެރިން މިއަށް މިސާލު ޖައްސަވަނީ  މިސާލަކަށް އޮޕަރޭޝަން ޑޮކްޓަރަކަށް. އޭނައަށް މސާލަކަށް އޮޕަރޭޝަން ކުރަން މިޖެހެނީ މިސާލަކަށް މަޣްރިބު ނަމާދުގެ ކުރިން. އެ އޮޕަރޭޝަނަށް އެބަދޭ މިސާލަކަށް 3 ގަޑިއިރު، 4 ގަޑިއިރު. އެހެން ވެއްޖެ ކަމުގައި ވާނަމަ އޮޕަރޭޝަންގެ ތެރޭގަ އޭނާއަށް މަޣްރިބު ނަމާދު ވަޤުތު އެއްކޮށް ކަޓައިގެން ދާނެ. އެހެންވެއްޖެއްޔާ މި ހާލަތިގަ އޭނާއަށް މަޣްރިބު ނަމާދު ފަސްކޮށްލެވިދާނެ އިޝާ ނަމާދާ އެއްކޮށް، ފަސްކޮށް ޖަމްޢު ކޮށްލުމަށްޓަކާ.

އެހެންމަ ނަމާދު އޭގެ ވަޤުތުގައި އަދާކުރަން ދަތި އުނދަގޫ ކަމަކަށް ވާ ކޮންމެ ހާލަތެއް ގަ ނަމާދު ޖަމްޢު ކުރުން ހުއްދަވެގެންވާނެ. އެހެންމަ މި ހަތަރު ހާލަތުގަ ހަމައެކަނި ނަމާދު ޖަމްޢު ކުރުން ހުއްދަވެގެން ވާނީ. މިސާލަކަށް އަޅުގަނޑުމެން ޖަމްޢު ކުރާނީ ކިހިނެއްތޯ ބަލާލާއިރުގައި އަޅުގަނޑުމެންނަށް ކުރެވިދާނެ ފުރަތަމަ އަޅުގަނޑުމެން މިސާލަކަށް މެންދުރު ނަމާދާއި ޢަސްރު ނަމާދު ޖަމްޢު ކުރާކަމުގައި ވާނަމަ މެންދުރު ނަމާދަށް އަޅުގަނޑުމެން ޤަމަތް ދީފަ މެންދުރު ނަމާދުގެ 4 ރަކުޢަތް އަދާ ކޮށްފަ ދެން އަޅުގަނޑުމެން ސަލާމް ދީފަ ތެދުވެ ޢަސްރު ނަމާދަށް ޤަމަތް ދީފަ ޢަސުރު ނަމާދުގެ 4 ރަކުޢަތް ކޮށްފަ ސަލާމް ދިނީމަ އޭނީ އަޅުގަނޑުމެންނަށް އިސްކޮށް ޖަމްޢު ކުރެވިފަ. ބޭނުން ކަމުގައި ވާނަމަ ފަސްކޮށްވެސް ޖަމްޢު ކޮށްލެވިދާނެ. އޭގެ މާނައަކީ ޢަސްރު ނަމާދުގެ ވަޤުތުގަ އަޅުގަނޑުމެން މެންދުރު ނަމާދު 4 ރަކުޢަތް ކޮށްފަ ސަލާމް ދީފަ ތެދުވެ ޢަސްރު ނަމާދަށް ޤަމަތް ދީފަ ޢަސްރު ނަމާދުގެ 4 ރަކުޢަތް ކޮށްފަ ސަލާމް ދިނީމަ އެވަނީ އަޅުގަނޑުމެންނަށް ފަސްކޮށް މެންދުރު ނަމާދާ ޢަސްރު ނަމާދު ޖަމްޢު ކުރެވިފަ.

ހަމައެގޮތަށް ޢިޝާ ނަމާދާޢި މަޣްރިބު ނަމާދުވެސް. މަޣްރިބު ނަމާދުގެ ގަޑީގަ އަޅުގަނޑުމެން މަޣްރިބު ނަމާދު ކޮށްފަ ތެދުވެ ޤަމަތް ދީ ޢިޝާނަމާދުގެ 4 ރަކުޢަތް ކުރީމަ އެއޮތީ އަޅުގަނޑުމެންނަށް އިސްކޮށް ޖަމްޢު ކުރެވިފަ. ބޭނުންކަމުގައި ވާނަމަ ފަސް ކޮށްލާފަ ޢިޝާ ނަމާދުގެ ވަޤުތުގަ އަޅުގަނޑުމެންނަށް މަޣްރިބު ނަމާދަށް ޤަމަތް ދީފަ މަޣްރިބު ނަމާދުގެ 3 ރަކުޢަތް ކޮށްފަ ސަލާމް ދީފަ ތެދުވެ ޢިޝާ ނަމާދަށް ޤަމަތްދީ ޢިޝާނަމާދުގެ 4 ރަކުޢަތް ކުރީމަ އެއޮތީ ފަސްކޮށް ޖަމްޢު ކުރެވިފަ.

މީގަ އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިއްމު ނުކުތާއަކީ ފަސްކޮށް ޖަމްޢުކުރާ ކަމުގައި ވާނަމަ އެ ކުރީ ނަމާދުގެ ވަޤުތުގަ ޖެހޭނެ ނިޔަތް ގަންނަން. ގަސްދު އޮންނަންވާނެ ނަމާދު ޖަމްޢު ކުރާކަމުގެ. މާނައަކީ މެންދުރު ނަމާދު ޢަސްރު ނަމާދާ އެކު ފަސްކޮށް ޖަމްޢު ކުރުމުގެ ނިޔަތް އޮވެއްޖެ ކަމުގައި ވާނަމަ މެންދުރު ނަމާދު ވަޤުތު ފާއިތު ވުމުގެ ކުރީގަ އޭނާގެ ގަސްދުގަ، އޭނާގެ ހިތުގަ އޮންނަންވާނެ މެންދުރު ނަމާދު އެބަ ލަސްކުރަންކަން ޢަސްރު ނަމާދާ ހަމައަށް ޖަމްޢު ކުރުމުގެ ނިޔަތުގަ.

އެއީ ޖަމްޢު ކުރުމުގެ ނިޔަތެއް ނެތި އޭނާ ލަސްކޮށްފިކަމުގައި ވާނަމަ އޭނާ ވާނީ މެންދުރު ނަމާދު އެޅީކަމަށް، ޢަސްރު ނަމާދާ ހިސާބަށް ލަސްކޮށްފިކަމުގައި ވާނަމަ. އެގޮތަށް މަޣްރިބު ނަމާދާ ޢިޝާ ނަމާދުވެސް، މަޣްރިބު ނަމާދު ލަސްކުރާ ކަމުގައި ވާނަމަ މަޣްރިބު ނަމާދުގެ ވަޤުތުގައި އޭނާގެ ހިތުގައި ގަސްދު އޮންނަންވާނެ ފަސްކޮށް ޖަމްޢު ކުރުމުގެ ގަސްދު.

ދެވަނަ ނުކުތާއަކަށް ވިސްނަންވީ ކަމަކީ ފަސްކޮށް ޖަމްޢު ކުރިކަމުގައިވިޔަސް ނަމާދުތައް ކުރަން ޖެހޭނީ އޭގެ ތަރުތީބުން. މާނައަކީ ޢަސްރު ނަމާދު ވަޤުތުގަ އަޅުގަނޑުމެން މެންދުރާ ޢަސްރު ޖަމްޢު ކުރި ކަމުގައިވިޔަސް ފުރަތަމަ ކުރަން ވާނީ މެންދުރު ނަމާދޭ، ދެން އެއަށް ފަހުގަ ޢަސްރު ނަމާދު ކުރަންވާނީ. ހަމަ އެގޮތަށް މަޣްރިބާ ޢިޝާ، އިސްކޮށް ޖަމްޢު ކުރިއަސް، ފަސްކޮށް ޖަމްޢު ކުރިއަސް ފުރަތަމަ ކުރަންވާނީ މަޣްރިބު ދެން އެއަށްފަހުގަ ޢިޝާ ނަމާދު ކުރަންވާނީ. ރާއްޖޭގަ އާއްމުކޮށް ޖަމްޢު ކުރެވޭ ހާލަތަކަށް މެދުވެރިވާ އެއް ހާލަތެއް މިތާގަ އަޅުގަނޑު މެންޝަން ކޮށްލާނަން.

މާލެ މިސާލަކަށް، ރާއްޖެތެރޭގައި އުޅޭ  ބޭފުޅަކު މާލެ މިސާލަކަށް ދަތުރު ކުރަން މިޖެހެނީ މިސާލަކަށް މެންދުރު ބަންގި ގޮވާފަހުން،  1 ޖަހާ ކަންހާއިރު ނުވަތަ 1:15 ގަ މިސާލަކަށް ދަތުރު ކުރަން މިޖެހެނީ. ޢަސްރު ނަމާދު ވަޤުތެއް ވަދެގެން ދާއިރުވެސް މިސާލަކަށް މާލެ ނުދެވެނީ. މާނައަކީ 1 ޖާހާއިރު ފުރާއިގެން މިސާލަކަށް 5 ޖަހާއިރުވެސް މާލެ ދެވެނީ. އެހެންވެއްޖެ ކަމުގައި ވާނަމަ އެހާލަތުގައި އޭނާއަށް ޖަމްޢު ކޮށްލެވިދާނެ ނަމާދު މާނައަކީ ލޯންޗުގަ އެ ފެރީގަ މިސާލަކަށް ހުރެ އޭނާއަށް ނަމާދު ކުރުމަކީ އެއީ އާއްމު ހާލަތަށްވުރެ ދަތި އުނދަގޫކަމަކަށް ވާ ހާލަތްތަކުގަ، އެ ހާލަތުގަ އޭނާއަށް އިސްކޮށް ޖަމްޢު ކުރުމަކީ ހުއްދަވެގެން ވާކަމެއް.

މިހާލަތުގަ އޭނާ މެންދުރު ނަމާދު ގަޑީގައި މެންދުރާއި ޢަސްރު ނަމާދު އިސްކޮށް ޖަމްޢު ކުރަނީ ދަތުރެއްގެ ސަބަބުންނެއް ނޫން. އެއީ ސަބަބަކީ ދަތުރެއްގެ ސަބަބުން ހުއްދަވާނީ ދަތުރު ފެށުމަށް ފަހުގައި. އަދި ދަތުރެއް ނުފަށަ. އެހެންވީމަ އޭނައަށް އެ ހާލަތުގަ ހަމައެކަނި ހުއްދަ ވާނީ ޖަމްޢު ކުރުން އެކަނި. އެހެންމަ އޭނަ މެންދުރު ނަމާދު ކުރަންވާނީ 4 ރަކުޢަތް، ޢަސްރު ނަމާދުވެސް ކުރަންވާނީ. 4 ރަކުޢަތުން 2 ރަކުޢަތަށް ކުރު ކުރުން އޭނައަކަށް ހުއްދައެއް ނުވާނެ. ސަބަބަކީ އެ ހާލަތަކީ ދަތުރުގެ ހާލަތެއް ކަމުގައި ނުވާތީ. އެހެންނަމަވެސް ނަމާދު ޖަމްޢު ކުރުން ހުއްދަވާ ހާލަތެއް އެއީ ނަމާދުގެ ވަޤުތުގައި އަދާކުރުން ދަތިކަމަކަށް ވާ ހާލަތް. މި ހާލަތުގަ އޭނާއަށް ދަތުރުގެ މަތީގަ ޢަސްރު ނަމާދު ކުރުން ވަރަށް އުނދަގޫ ކަމަކަށް އެބަވޭ. އެހެންމަ އޭނައަށް އެ ހާލަތުގަ ހުއްދަވާނެ އިސްކޮށް ޖަމްޢު ކުރުން.

އެހެންނަމަވެސް ހަނދުމަފުޅު ބަހައްޓަވާތި މެންދުރު ނަމާދަށް އިސްކޮށްވެސް ފަސްކޮށްވެސް ޖަމްޢު ކުރަންވާނީ ވަގުތު ވަނުމަށްފަހުގަ. މާނައަކީ މެންދުރު ނަމާދަށް ބަނގި ގޮވުމުގެ ކުރިއަކަށް މެންދުރަކާ ޢަސްރު ނަމާދު އިސްކޮށް ޖަމްޢުއެއް ނުކުރެވޭނެ.

ދެން މިހާރު އަޅުގަނޑުމެންނަށް މިމކިޔާދެވުނީ ދެ ހާލަތް. އެއީ ހަމައެނި ޤަސްރު ކުރާ ހާލަތާއި ހަމައެކަނި ޖަމްޢު ކުރުން ހުއްދަވާ ހާލަތާ. ދެން ތިންވަނަ ހާލަތަކަށް މި އޮންނަނީ ޤަސްރު ޖަމްޢު ހުއްދަވާ ހާލަތް. އެއީ ވެސް ހަމައެކަނި ދަތުރުވެރިޔާއަށް ހުއްދަވެގެންވާ ކަމެއް. މާނައަކީ ޤަސްރު ކުރުމާއި ޖަމްޢު ކުރުމާއި މި ދޭތި އެއްކޮށްލުން. އެހެން ވެއްޖެ ކަމުގައި ވާނަމަ ދަތުރު ވެރިޔާއަށް ހުއްދަވާނެ މިސާލަކަށް މެންދުރު ނަމާދުގެ ވަޤުތުގަ އޭނާއަށް މެންދުރު ނަމާދަށް ޤަމަތް ދީފަ މެންދުރު ނަމާދު 4 ރަކުޢާތުގެ ބަދަލުގަ 2 ރަކުޢަތް ކޮށްފަ ސަލާމް ދީފަ ތެދުވެ ޢަސްރު ނަމާދަށް ޤަމަތް ދީފަ ޢަސްރު ނަމާދުވެސް 4 ރަކުޢަތް 2 ރަކުޢަތަށް ކުރުކޮށްގެން ކޮށްފަ ސަލާމް ދިނުން. އެހާހިސާބުން އެއޮތީ ޣަސްރު ޖަމްޢު ކުރެވިފަ.

ހަމައެގޮތަށް ޢޝާ ނަމާދާއި މަޣްރިބު ނަމާދުވެސް އޭނަ ބޭނުން ކަމުގައި ވާނަމަ އިސްކޮށް ނުވަތަ ފަސްކޮށްވެސް ޤަސްރު ޖަމްޢު ކުރެވިދާނެ.  އެކަމު މަޣްރިބު ނަމާދު ކުރަންވާނީ 3 ރަކުޢަތަށް. އެއީ މަޣްރިބު ނަމާދެއް ޤަސްރެއް ނުކުރެވޭނެ. އެހެންމަ މަޣްރިބު ނަމާދު 3 ރަކުޢަތުން ކޮށްފަ ސަލާމް ދީފަ ތެދުވެ ޢިޝާ ނަމާދު 2 ރަކުޢަތަށް އޭނާއަށް ކުރު ކޮށްލެވިދާނެ. އެހެންމަ އެއީ ޤަސްރު ޖަމްޢު ކުރާނެ ގޮތަކީ.

ނިންމާލުމުގެ ކުރީގަ ހަމަ މުހިއްމު އެހެން ނުކުތާއެއް ފާހަގަ ކޮށްލާނަން. އެއީ އަޅުގަނޑުމެންގެ ތެރޭގަ ވަރަށް ހަމަ އާއްމުކޮށް އަންނަ ސުވާލެއް އެއީ މިސާލަކަށް ދަތުރުވެރިޔާ ކިހާވަރެއްގެ ދަތުރެއްގައިތޯ ޤަސްރު ޖަމްޢު ކުރެވޭނީ؟ ކިހާ މުއްދަތަކަށް ތަނެއްގަ މަޑުކުރަންޏާ ތޯ ޤަސްރު ޖަމްޢު ކުރެވޭނީ؟

މިހާރު މީގަ ރާއްޖޭގަ މި މައްސަލައިގަ ޢިލްމުގެ އަހުލުވެރިންގެ މެދުގަ ޚިލާފެއް އޮވޭ. ދެން މިވަގުތަކު އެ ޚިލާފުތަކުގެ ތަފްސީލަކަށް ދާކަށް ނެތިން. ރާއްޖޭގަ އާއްމުގޮތެއްގަ ޝެއިޚުން ދޭ ފަތުވާގަ މި އޮންނަނީ ދަތުރެއްގެ ގޮތުގަ ރާއްޖޭގަ އާއްމުގޮތެއްގަ ބަލާ ދަތުރެއް ކަމުގައި ވާނަމަ އެ ދަތުރެއްގަ ޤަސްރުކޮށް ޖަމްޢު ކުރުން ހުއްދަވެގެން ވާނެ. އެހެންވީމާ އަޅުގަނޑުމެންނަށް ދަތުރެއް ކަމުގައި ބެލެވޭހާ ދުރަށް އަޅުގަނޑުމެން ދަތުރު ކުރާ ކަމުގައި ވާނަމަ އަޅުގަނޑުމެންނަށް ދަތުރުގެ ރުފްޟޯ ނުވަތަ ދަތުރުގެ އެ ލުއިފަސޭހަކަން އަޅުގަނޑުމެންނަށް ލިބިދާނެ.

ދެން މާލޭގަ ނުވަތަ އިންޑިއާއަށް ގޮސް އަޅުގަނޑުމެން މަޑުކުރާނަމަ ކިހާ މުއްދަތަކަށްތޯ އަޅުގަނޑުމެންނަށް ޖަމްޢު ކުރެވޭނީ، ޤަސްރު ކުރެވޭނީ. ހަމަ ރާއްޖޭގެ މި މައްސަލައިގަވެސް އާއްމުގޮތެއްގަ މި އޮންނަ ފަތުވާގަ މި އޮންނަނީ އޭނަ އެދަނީ މާ ދިގު މުއްދަތަކަށް ނުވާކަމުގައި ވާނަމަ، އެތަނެއްގަ އޭނަ މަޑުކުރާ މުއްދަތަކީ އެއީ ދަތުރުވެރިއެއްގެ ނަމުން އޭނާ ނުކެނޑޭހާ މުއްދަތެއް އޭނާ މަޑުކުރާކަމުގައި ވާނަމަ އޭނާއަށް ޖަމްޢު ޤަސްރު ކުރެވިދާނެ.

މިސާލަކަށް މާލޭގައި ރާއްޖެތެރޭގައި އުޅޭ މީހަކު މިދަނީ ހަފްތާއަކަށް ދެ ހަފްތާއަކަށް ނުވަތަ އިންޑިއާއަށް މިދަނީ މިސާލަކަށް ހަފްތާ ދެ ހަފްތާ ތިން ހަފްތާއަށް. މަސްދުވަސް ވަންދެން ދިޔަ ކަމުގައިވިޔަސް އެ ކަމެއް ކުރަން މިދަނީ. މިސާލަކަށް ބޭސް ފަރުވާއަކަށް ގޮސް އެކަން ނިންމާފަ އެބަ އާދޭ. އެހެންވެއްޖެއްޔާ އޭނައަކީ އެތާންގަ ޤާއިމްވެ ހުރި މީހަކަށް ނުވާނެ. އެހެން ވެއްޖެއްޔާ އެ މުއްދަތުގަ އޭނާއަށް ޤަސްރުކޮށް ޖަމްޢު ކުރުން އެ ހާލަތުގަ އޭނާއަށް ހުއްދަ ވެގެންވާނެ.

 

- ޝައިޚް އިބްރާހީމް ރާފިޢުގެ ދަރުސަކުން

 

 

މިއަދު އޮންލައިން