އަނބިން ވަޒީފާތަކަށް ފޮނުވުމަކީ އޭނާއަށް ލިބޭ މުސާރަ ނުރުހުމުގަ އަތުލަން ހުއްދަވާ ސަބަބެއް ނޫން! ކޭޝް ކާޑު އޭނާގެ ނުރުހުމުގަ އަތެއް ނުލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
އަނބިން ވަޒީފާތަކަށް ފޮނުވުމަކީ އޭނާއަށް ލިބޭ މުސާރަ ނުރުހުމުގަ އަތުލަން ހުއްދަވާ ސަބަބެއް ނޫން! ކޭޝް ކާޑު އޭނާގެ ނުރުހުމުގަ އަތެއް ނުލެވޭނެ!

އަޅުގަނޑަށް ވަޒީފާއަދާކުރަން ދެވެނީ ފިރިމީހާ އެކަމަށް ހުއްދަދީގެން ކަމަށްވުމަކީ އަޅުގަނޑުގެ މުސާރަ އަތުލެވޭނެ ސަބަބެއްތޯ؟ ކޭޝްކާޑު ނުދިނުމަކީ ފާފަވެރިވާނެ ކަމެއްތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

އަނބިން ވަޒީފާ އަދާކުރުމަކީ އިސްލާމް ދީނުގައި ހިތްވަރުދޭ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ޢާއިލީ ދިރިއުޅުމަށާއި އެހެން ވެސް ގިނަ ގޮތްގޮތުން ލިބޭ ގެއްލުން ބޮޑުވުމުންނެވެ. ނަމަވެސް ޢާއިލާއަށް ދަތިޙާލެއް ކުރިމަތިވެފައިވާނަމަ، ނުވަތަ އަނބިމީހާ ހިތުން ރުހުމުން މަސައްކަތެއް ކުރަން ބޭނުންވާ ނަމަ އެކަން ކުރުމުގެ ފުރުޞަތު އަނބިމީހާއަށް ދިނުމަކީ ތަފާތު މައްސަލައެކެވެ.  

ބައެއް ފިރިން ވަޒީފާ އަދާކުރަން އެމީހުންގެ އަނބިންނަށް އެބަ މަޖުބޫރުކުރެއެވެ. ބައެއް ފިރިން އެމީހުން ވަޒީފާއެއް އަދާނުކޮށް ތިބެގެން އަނބިންނަށް ވަޒީފާގައި މަސައްކަތްކުރަން މަޖުބޫރުކުރުވައެވެ. ނަމަވެސް އެއީ އެއްވެސް މުސްލިމް ފިރިއަކަށް ކުރުން ހުއްދަ ކަމެއް ނޫނެވެ. ވަޒީފާ އަދާކުރަން އަނބިންނަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. އެހެނީ ދިރިއުޅެން ބޭނުންވާ ފައިސާ ހޯދުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ. ކައިވެނީގެ ވަގުތުން ފެށިގެން އަނބިމީހާގެ ހުރިހާ ޚަރަދުތަކެއް ބެލެހެއްޓުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ.  

އެ ފުރުޞަތު ދިން ނަމަވެސް، އަނބިމީހާ ވަޒީފާ އަދާކުރި ނަމަވެސް އަނބިމީހާއަށް ލިބޭ މުސާރަ ނުވަތަ އާމްދަނީ ޢާއިލާއަށް ޚަރަދުކުރަން މަޖުބޫރެއް ނުކުރެވޭނެއެވެ. އަނބިމީހާ ކުރަން ބޭނުންވެގެން ޚަރަދުކުރުމަކީ މުޅިން ތަފާތު ކަމެކެވެ.  

ވީމާ އިސްލާމް ދީނުގެ ގޮތުން ބަލައިފިނަމަ ފިރިމީހާއަށް ލިބޭ ފައިސާއިން އަނބިމީހާއަށް ކުރަން ޖެހޭ ޚަރަދުތައް ކުރަން ދޭ ފައިސާއަކީ އަނބިމިހާގެ އެއްޗެކެވެ. އަދި އަނބިމީހާ ހޯދާ ފައިސާއަކީ ވެސް އަނބިމީހާގެ އެއްޗެކެވެ. މިދެބައި އަނބިމީހާއަށް ލިބިދެއެވެ.  

ރަނގަޅަށް ވިސްނާށެވެ! އަނބިމީހާއަށް ދޭ އެއްވެސް އެއްޗެއް އަނބުރައި އަތުލެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އަނބިމީހާ ރުހުމުން ދިނުމުން މެނުވީއެވެ. ތިބާގެ ކިބައިގައި ތަނަވަސްކަން ހުރެގެން އަނބިމީހާއަށް ކާރެއް ގަނެދިނުމަށްފަހު މިއީ ތިމަންނަގެ ކާރެއް ކަމަށް ބުނެ ތަޅުދަނޑީގައި އަތްވެސް ނުލެވޭނެއެވެ! އެއީ އަނބިމީހާގެ އަމިއްލަ އެއްޗެކެވެ. އެކަން އެހެން ނުވާނީ އަނބިމީހާއަށް ނުދޭނަމައެވެ.  

ބައެއް މައިން ބަފައިން އެމީހުންގެ ފިރިހެން ދަރިފުޅުގެ ބޭންކު އެކައުންޓަށް ވެރިވެގަނެގެން އުޅެއެވެ. އެމީހުންނަށް ހީކުރެވެނީ އެމީހުންގެ ފިރިހެން ދަރިފުޅަކީ އެމީހުންގެ މުދައުގަނޑެއް ކަމަށާއި ދަރިފުޅު އެވަނީ އަނބިމީހާއަށް ކުއްޔަށްދީފައި ކަމަށެވެ. މިއީ ކޮންބާވަތެއްގެ މުސްލިމުންނެއް ހެއްޔެވެ؟ އެއީ ކިހިނަކުން ޤަބޫލުކުރެވޭނެ ގޮތެއް ހެއްޔެވެ؟  

މިހިސާބުން އަނބިން މާބޮޑަށްފޮނިވެ ބޮޑާވެ ނުގަންނާށެވެ. ތިއަ ކަނބަލުންގެ ވާހަކަ އޮތީ ކުރިއަށެވެ. ޒިންމާތައް އަޑުއަހާށެވެ. ފުރަތަމަ ކަމަކީ އަނބިންނަކީ ޞާލިޙް ބައަކަށްވާން އެބަޖެހެއެވެ. "ޞާލިޙް" މިބަސް އުފެދެނީ ޞުލްޙައިންނެވެ. ވީމާ އަނބިމީހާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މުޅި ޢާއިލާ ޞުލްހަވެރިކުރުވުމެވެ. ފިރިމީހާ އާއިއެކު ޞުލްޙަވެރި ދިރިއުޅުމެއް ދިރިއުޅުމެވެ. ވީމާ ޢާއިލާގެ މެދުގައި ހިނގާ ހުރިހާ ހަމަނުޖެހުމެއް ޙައްލުކުރުމުގެ ތަޅުދަނޑިއަކީ އަނބިމީހާއެވެ. ފިރިމީހާގެ ސިކުނޑިއަށް ހަމަޖެހުން ގެނެސް ދިނުމަކީ އަނބިމީހާގެ މަސްއޫލިއްޔަތެކެވެ. މި މަސްއޫލިއްޔަތު އަދާ ނުކުރުމަކީ އިސްލާމް ދީނުގައިވާ ޒިންމާ އަދާ ނުކުރުމެވެ.  

ދެވަނައަށް އަނބިމީހާ އަބަދުވެސް ފިރިމީހާއަށް ކިޔަމަންތެރިވާން ޖެހޭނެއެވެ. ﷲ ތަޢާލާއަށް އުރެދުމެއްވާ ކަމެއްގައި މެނުވީއެވެ. ފިރިމީހާއަށް ސިއްރުން އެއްވެސް މުޢާމަލާތެއް ނުކުރެވޭނެއެވެ. ފޯނުން ނަމަވެސްމެއެވެ. ފިރިމީހާ ބޭނުންވުމުން ނުބެލޭ ފޯނެއް ނުގެންގުޅެވޭނެއެވެ. ހިލޭ ފިރިހެނުންނާ ޗެޓެއް ނުކުރެވޭނެއެވެ. ހަމައެއާއިއެކު ފިރިމީހާއަށް ޖޮށްދޭން ޖެހޭ ހުރިހާ ކަންކަން ވާން އޮތް އެންމެ ފުރިހަމައަކަށް ކޮށްދޭން ޖެހޭނެއެވެ.  

ހަމައެއާއިއެކު ފިރިމީހާވެސް ދަންނާށެވެ! އަނބިމިހާއަށް އެއްވެސް ކަމެއް ސިއްރުކުރުން ހުއްދައެއް ނޫނެވެ. އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ. ރަސޫލް (ޞޢވ) އެއްވެސް ކަމެއް އަނބިކަނބަލުންނަށް ސިއްރުކުރައްވަވާފައެއް ނުވެއެވެ. އަނބިއަނބިކަނބަލުންވެސް މެއެވެ.  

ދެމަފިރިންގެ ހަޔާތް ބާއްޖަވެރިކުރެވޭނީ ދެފަރާތް ހަމަހަމަ ކޮށްގެންނެވެ. އެއްފަރާތުގައި އޮތީ ފިރިމީހާގެ މަސްއޫލިއްޔަތެވެ. އަނބިމީހާގެ ފަރާތުގައި އޮތީ އިޚްލާޞްތެރި ޚިދުމަތެވެ. މިދެބައި ހަމަހަމަކޮށްގެން ނޫނީ ކައިވެނި ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

 

- ނޫމާން ޢަލީ ޚާންގެ ޚުޠުބާއަކުން

 

 

މިއަދު އޮންލައިން