ބައިވެރިޔާގެ ކިބައިން ކުށެއް ފެންނައިރަށް ވަކިވެ އެހެން މީހަކާ ގުޅެން މަސައްކަތްކުރަނީ ބައިވެރިޔާދެކެ ލޯބިނުވާ މީހުން! އެމީހުންނަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބައިވެރިޔާގެ ކިބައިން ކުށެއް ފެންނައިރަށް ވަކިވެ އެހެން މީހަކާ ގުޅެން މަސައްކަތްކުރަނީ ބައިވެރިޔާދެކެ ލޯބިނުވާ މީހުން! އެމީހުންނަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ!

ޒަވާޖީ ޙަޔާތުގައި ކުރިއަށްދާއިރު ދެމީހުންވެސް ބުނާނީ އަނެކަކު ދެކެ ލޯބިވާ ކަމަށެވެ. އެހެން ބުނަމުން ދަނިކޮށްވެސް ބައިވެރިޔާގެ ކިބައިން މައްސަލައެއް ފެންނައިރަށް އެހެން މީހަކާއި ދިމާއަށް އެބަދެވެއެވެ. އެހެން މީހަކަށް ސަމާލުކަން ދެވެން އެބަފަށައެވެ. ކައިވެނި ރޫޅާލައި އެހެން މީހަކާ ގުޅެން ބޭނުންވެއެވެ.  

މިޙާލަތުގައި އަހުރެން ބުނާނީ ބައިވެރިޔާ ދެކެ ލޯބިނުވެވޭ ކަމަށެވެ. ލޯބިވާނަމަ އެހެން މީހަކު ހޯދަން ނުވަތަ އެހެން މީހަކާއި ގުޅެން އެހައި ބޮޑަށް އަވަސްވެގަންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.  

ބައިވެރިޔާދެކެ ހަމަ ޙަޤީޤަތުގައިވެސް ލޯބިވާނަމަ ފުރަތަމަ މަސައްކަތްކުރާނީ ބައިވެރިޔާއަށް ވިސްނައިދީގެން އިޞްލާޙްކޮށް ހަމަމަގަށް އެޅުވުމަށެވެ. ދެވަނަ ވިސްނުމަކަށް ދާން ވިސްނަންފަށާނީވެސް އެކަމަށް ކުރެވުނުހައި މަސައްކަތެއް ކުރުމުންވެސް ބަދަލެއް ނައިނަމައެވެ. އެއްވެސް ނަތީޖާއެއް ނުނުކުތް ނަމައެވެ. ކަންކަން އިޞްލާޙް ނުކުރި ނަމައެވެ.  

އެކުވެރިންނޭވެ! ދިރިއުޅެމުންދާއިރު އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ގޮތަކަށް ހަމަ އެކަކަށްވެސް ނުއުޅެވޭނެއެވެ. ޚުދު ތިމާއަކަށްވެސް ނުއުޅެވޭނެއެވެ. ވީމާ މައްސަލައެއް ދިމާވާއިރަށް ކައިވެނި ރޫޅާލަންވެއްޖެނަމަ ގާތީ އެކަންކޮށް ނިމޭ ދުވަހެއް ނުފެނުމެވެ.

ދުނިޔެއަކީ އިމްތިޙާނެއް ކަމަށް ބުނެވެނީ އެސަބަބަށްޓަކައެވެ. ބައެއް ދުނިޔޭގެ ޙަޔާތަކީ މުޞީބާތެއް ކަމަށް ސިފަކުރަނީވެސް ހަމައެސަބަބަށްޓަކައެވެ. އަބަދުވެސް މައްސަލަތައް ކުރިމަތިވަމުންދާނެތީއެވެ. ވީމާ މައްސަލަތައް ކުރިމަތިވުމާއިމެދު ދެކެންޖެހޭނީ އެއީ ދުނިޔޭގައި އުޅުމުގެ ބައެއްގެ ގޮތުގައެވެ.  

ދުނިޔޭގެ ޙަޔާތާއިމެދު އެންމެ ރަނގަޅު މިޘާލެއް ފެންނާނީ ކަނޑުދަތުރުތަކުގައެވެ. ކަނޑުމަޑުވެފައި އަމާން، ވައިމަޑު ދުވަހެއްގައިވެސް ހަމަ ކުއްލިއަކަށްވެސް މޫސުން ބަދަލުވެ، ކަނޑުގަދަވެ، ވައިގަދަވެ ބޮޑެތި ރާޅުތައް އުފެދިދާނެއެވެ. އަދި އިސާހިތަކު އަމާންވެ ކުރިއެކޭ އެއްގޮތަށް މަޑުވެސްވެދާނެއެވެ.  

މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހޭއިރަށް އެއްވެސް މީހަކު އެހެން އުޅަނދަކަށް އަރަން މޫދަށް ފުންމައެއް ނުލާނެއެވެ. ފްލައިޓެއްގައި އިންދާ ކޮޅިގަނޑެއް ޖެހިއްޖެނަމަ އިމަރޖެންސީ ދޮރު ހުޅުވައިގެން ފުންމައެއްވެސް ނުލާނެއެވެ. ކެތްތެރިވެ ޘާބިތުވެލާނީއެވެ.  

ދިރިއުޅުމުގައިވެސް އޮތީ ހަމަ އެގޮތެވެ. ކަމެއް ދިމާވާއިރަށް އުދުހިގަންނަން އުޅުމެއް ނެތެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

މިއަދު އޮންލައިން