ލޯބި ހުޅުވަންޖެހޭ ތަޅުދަނޑިން ހުޅުވައިފިނަމަ އުފާވެރިކަމާ ސުވަރުގެވެސް ޔަޤީން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ލޯބި ހުޅުވަންޖެހޭ ތަޅުދަނޑިން ހުޅުވައިފިނަމަ އުފާވެރިކަމާ ސުވަރުގެވެސް ޔަޤީން! އިން ޝާ ﷲ

ލޯބި ހަދަންޖެހޭނީ ވަރަށް ބޮޑަށް ތަޅުލެވިފައިވާ އެއްޗަކަށެވެ. ލޯބީގެ ތަޅު ހުޅުވަން ޖެހޭނީ އެކަމަށް އޮތް ތަޅުދަނޑިންނެވެ. އެއީ ޖިންސީ ގުނަވަނެއް ނޫނެވެ. އެއީ ކައިވެންޏެވެ. ލޯބީގެ ތަޅު ކައިވެނިން ނޫން ގޮތަކަށް ހުޅުވައިފިނަމަ އެކަމުގެ ހިތާމަ ކުރަން ޖެހޭނެއެވެ. 

އެހެނީ ގެއްލިގެން އެދަނީ އެންމެ މުހިންމު ފުރުޞަތެވެ. ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތް ފުރުޞަތެކެވެ. ވީމާ ދެމީހުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ލޯބީގެ ތަޅުދަނޑި މިހާރު މިވަނީ މުޅިން އޮޅުވާލައިފައެވެ. ލޯބީގެ ތަޅުދަނޑިއަކީ ޖިންސީ ގުނަވަނާއި އެހެންވެސް ގުނަވަންތައް ކަމަށް މިވަނީ ހަދައިފައެވެ. 

ފާޙިޝް ޢަމަލުތައް ކުރުމާއި ޒިނޭ ހުއްޓުވަން އެންމެންވެސް ބޭނުންވެއެވެ. ޚާއްސަކޮށް ދަރިން ޒިނޭކުރުމުން ދުރުކުރުވަން ހުރިހާ މައިން ބަފައިންވެސް ބޭނުންވާނެއެވެ. އެހެންކަމުން ފުރަތަމަ ކަމެއްގެ ގޮތުންވެސް ކުރަން އޮތް ކަމަކީ ޙަރާމް ކަންކަން ހުއްޓުވުމަށްޓަކައި ޙަލާލް ކަންކަން ފަސޭހަކޮށްދިނުމެވެ. އެއީ ދަރިން ކައިވެންނަށް ތައްޔާރުވުމުން، ކައިވެނިކުރާ އުމުރަށް އެޅުމުން އަވަހަށް ކައިވެނިކޮށްދިނުމެވެ.

ދަރިންނަށް ކައިވެނިކޮށްދޭންޖެހޭ ހިސާބަށް ކަންކަން ދިއުމުން އެކަން މައިންބަފައިންނަށް އެނގެން ޖެހޭނެއެވެ. ހިލޭ ފިރިހެނުންނާ ގުޅުން އުފައްދާކަން އެނގެން ފަށާ ހިސާބުން އަވަސްވެގަންނަންވީ ކައިވެނިކޮށްދިނުމަށެވެ. ގެ 10 ބުރިއަށް އުފުލެންދެން، ދަރިފުޅު އަދި މިވެނި މިވެނި ހިސާބަކަށް ކިޔަވަންދެން މަޑު ނުކުރާށެވެ. ގެންގުޅެވެން އޮތް ޙާލެއްގައި ގެންގުޅެން އަވަހަށް ކައިވެނިކުރުވާށެވެ! 

ޒަމާނަށް އައިސްފައި މިވާ ބަދަލުތަކާއިއެކު "އަހަރެންގެ ދަރިފުޅު މިވެނި ކަމެއް ނުކުރާނެ" ކަމަށް ކަނޑައެޅޭނެ ހަމަ އެކަކުވެސް ނެތްކަން މިދަނީ އެނގި ހާމަވަމުންނެވެ. މިބުނަނީ ހުރިހާ އެންމެންގެ ހުރިހާ ދަރިން އެއްގޮތް ވާހަކައެއް ނޫނެވެ. މިބުނަނީ ދަރިންނަށް ކިތަންމެ ވަރަކަށް އިތުބާރު ކުރި ނަމަވެސް އެ ރިސްކް ނުނަގާށެވެ! އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެފަދަ ޔަޤީންކަމުގައި މައިން ބަފައިން ތިއްބައި ދަރިން ޒިނޭކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަން މައިންބަފައިންނަށް ޖެހޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެއެވެ. 

އަންހެން ދަރިންނަށް ބުނެލަން އޮތީ ކިތަންމެ ލޯބިވީ ނަމަވެސް، ކިތަންމެ ވަރަކަށް އިތުބާރު ކުރި ނަމަވެސް ކައިރި ނުވެވޭނެ މިންގަނޑެއް ބަހައްޓަން ޖެހޭނެއެވެ. އެ މިންގަނޑަށްވުރެ ކައިރިވުމަށް މަސައްކަތް ކުރާނަމަ އިތުރު ބަހަނާ ނުދައްކައި އަވަހަށް ކައިވެނިކުރަން އެދޭށެވެ. އިންކާރުކޮށްފިނަމަ ސައްޕު ޖަހައި ދުރަށް ފޮނުވައިލާށެވެ! އެއީ ތިބާ ދެކެ ލޯބިވާ މީހެއް ނޫނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން