ހެޔޮލަފާ މަންމަ ނިޔާވުމުން މަންމަގެމަތިން ހަނދާން ނައްތައިލެވުނު ޒުވާނަކަށް ފެނުނު ހުވަފެނެއްގެ ވާހަކަ- ހުރިހާ ދަރިންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ހެޔޮލަފާ މަންމަ ނިޔާވުމުން މަންމަގެމަތިން ހަނދާން ނައްތައިލެވުނު ޒުވާނަކަށް ފެނުނު ހުވަފެނެއްގެ ވާހަކަ- ހުރިހާ ދަރިންނަށް އަގުހުރި ފިލާވަޅެއް!

މިވާހަކަ މިގެނެސްދެނީ ހެޔޮލަފާ މައިންބަފައިން މަރުވުމުން އެމީހުންގެމަތިން ހަނދާން ނައްތައިލެވޭ ދަރިންނަށް ޢިބްރަތަކަށެވެ. އެއީ ހެޔޮލަފާ ދަރިންނަށްވެސް ބައެއްފަހަރު އެގޮތަށް ކަންތައް ކުރެވޭތީ ހޭލުންތެރިކުރުވުމަށެވެ. 

އެއްދުވަހަކު ޒުވާނަކު އައިސް ބުންޏެވެ. 

"އަހުރެންގެ މަންމަ ދުނިޔޭގައި އިންއިރު ވަރަށް ރަނގަޅަށް ކަންކަން ކޮށްދިނީމެވެ. ލޯބިދިނީމެވެ. އަޅައިލީމެވެ. ޚަރަދުވެސްކުރީމެވެ. މަންމަ ނިޔާވިތާ މިހާރު އަހަރެއްވަނީއެވެ. އަވަދިނެތި މަސައްކަތާއިގެން އުޅެން ހަދައިގެން މަންމަ ނިޔާވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް މަންމަގެމަތިން ހަނދާން ނެތިއްޖެއެވެ. 

އިހަށްރޭ ހުވަފެނުގައި މަންމަ ފެނިއްޖެއެވެ. ފެނުނީ ހުދުހެދުމެއްގައި އައިސް ގޭދޮރުމަތީގައި ހުއްޓައެވެ. މޫނެއް ނުދައްކައެވެ. ދެން މަންމަ ގައިގަ ބައްދައިލާހިތުން ކައިރިވެލާއިރަށް ފަހަތަށް ޖެހެއެވެ. އެގޮތަށް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ގެއްލުނީއެވެ. ދެން އެކަމަށް ވިސްނަން ހުއްޓައި އިވުނީ މަންމަގެ އަޑެވެ. "މިހައި އަވަހަށް މަންމަގެ މަތިން ހަނދާން ނައްތައިލީދޯއެވެ." 

ހޭލެވުމާއިއެކު ވިސްނައިލެވުނެވެ. މަންމަ ނިވާވުމުން އައީ ކުރާ ކޮންމެ ސުންނަތް ނަމާދެއްގައި މަންމައަށްޓަކައި ހެޔޮދުޢާކުރަމުންނެވެ. ނަމަވެސް ފަރުވާކުޑަކުރެވެމުން އައިސް އެކަންކުރަންވެސް ވަނީ ހަނދާން ނެތިފައެވެ. 

އަޅުގަނޑު ތައުބާވާން ބޭނުންވެއެވެ. ޢަމަލުކުރަންވީ ކޮން ގޮތަކަށް ހެއްޔެވެ؟" 

އަހުރެން އޭނާ ގާތު ބުނީމެވެ. "ދަރިފުޅާއެވެ. ފާއިތުވި ދުވަސްތައް ފާއިތުވީއެވެ. ދެންވެސް މަންމައަށްޓަކައި ދުޢާކުރުން ގިނަކުރާށެވެ. މަންމައަށްޓަކައި ޞަދަޤާތްކުރާށެވެ. ތަނަވަސްކަން ހުރިވަރަކުން ހޭދަކުރާށެވެ. އެޅޭނެނަމަ މިސްކިތެއް އެޅުން، ސްކޫލެއްގައި ކްލާސްރޫމެއް އަޅައިދިނުން ފަދަ ކަންކަންވެސް ކުރާށެވެ! އެކަމުގެ ބަދަލު ތިބާއަށްވެސް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ" 

ބަހެއް ބުނަން މިއުޅެނީ މައިންބަފައިންނާއި އަޅައިނުލާ ދަރިންނާއިމެދުގައެއް ނޫނެވެ. މައިންބަފައިން ދެކެ ލޯބިވާ އަދި އަޅައިލާ ދަރިންނާއިމެދުގައެވެ. މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ހެޔޮކޮށް ހިތަން ގިނަ ބައަކު މަސައްކަތްކުރެއެވެ. ނަމަވެސް ނިޔާވުމުން އެޒުވާނާއަށްވީގޮތްވާ ދަރިން ވަރަށް ގިނައެވެ. 

އެގޮތަށް އެކަންވިއަނުދޭށެވެ. ދިރިހުރިހައި ހިނދަކު މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރަމުން ގެންދާށެވެ. ލިބޭ މިންވަރަކުން ޞަދަޤާތްވެސް ކުރާށެވެ. އެއީ އަތުން މަދުވާނެ ނުވަތަ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. ވާނީ އިތުރެވެ. އެކަންކަމަށް ތިބާއަށްވެސް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން