ރާއްޖެއިން ލަންކާއަށް ފޯރުކޮށްދެމުންދާ އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން: ލަންކާގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރާއްޖެއިން ލަންކާއަށް ފޯރުކޮށްދެމުންދާ އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން: ލަންކާގެ ރައީސް

ދިވެހިރާއްޖެއިން ސްރީލަންކާއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށާއި، މިއީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށް ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން ހާމަކޮށްދޭ މި އެހީތެރިކަމަށްޓަކައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަށް އެމަނިކުފާނުގެ ހެޔޮފުޅު މެސެޖަށްޓަކައި ޝުކުރު ދަންނަވަމެވެ. އަދި ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ދެއްވި ހިތްވަރުދެނިވި އެހީތެރިކަމަށްޓަކައި ވެސް ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުން މި ދައްކާ އެއްބައިވަންތަކަމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ. އަދި މިއީ އަޅުގަނޑުމެންގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ބާރުގަދަކަން ދައްކުވައިދޭ ކަމެއް" ކަމަށެވެ.

ރާއްޖެއިން ލަންކާއަށް އެހީވުމުގެ ގޮތުން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ ތެރޭގައި، ރާއްޖޭގެ މީޑިއާތަކުން ހިންގި ޓެލެތޯނެއްގެ ޒަރީއާއިން ލިބުނު 8 ލައްކަ ޑޮލަރު ވަނީ ސްރީލަންކާގެ ސަރުކާރާ ރަސްމީކޮށް ހަވާލުކުރެވިފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ ފަރާތުންވެސް ވަނީ 50 ހާސް ޑޮލަރުގެ ނަގުދު އެހީއާއި، 25 ހާސް މަސްދަޅު ކޭސް ލަންކާއަށް ހަދިޔާކުރައްވާފައެވެ.

މި އެހީތެރިކަމަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް އަވަށްޓެރި ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ހާމަކޮށްދިން ކަމެކެވެ. މި އެހީތައް ލަންކާގެ ރައްޔިތުންނަށް ބޭނުންވާ ވަގުތެއްގައި ލިބިގެން ދިޔުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމެއްކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން