އަންނަ ހަފްތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ: މޫސުމާ ބެހޭ އިދާރާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަންނަ ހަފްތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ: މޫސުމާ ބެހޭ އިދާރާ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަންނަ ހަފްތާގައި ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށެވެ.

މެޓް އޮފީހުން ހާމަކުރެއްވި ގޮތުގައި، ކުރިއަށް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެއެވެ. މިއާއެކު ދެކުނާއި މެދު ރާއްޖެ ތެރޭގެ ސަރަހައްދުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލާއި ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށް އެއިދާރައިން ވަނީ ވިދާޅުވެފައެވެ. ކަނޑުތައް ދެކުނާއި މެދުރާއްޖޭތެރޭގެ ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މިއަދު ވަނީ ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން 10:30 އަށެވެ. މި ވަގުތު ތަކުގައި މި ސަރަހައްދުތަކުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

އަންނަ ހަފުތާގެ މޫސުމަށް ބަލާއިރު، ހަފުތާ ބަންދުގައި މޫސުން އެހާ ބޮޑަށް ގޯސްވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. މެޓް އޮފީހުން ފާހަގަކުރެއްވި ގޮތުގައި، އަންނަ ހަފްތާގައި ވިއްސާރަކޮށް ދެއްކިނަމަވެސް، އާންމުކޮށް ވައި އެހާ ގަދަވާނެ ކަމަށް ނުބެލެވޭނެއެވެ. އެހެންކަމުން ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.

މިއަދު އޮންލައިން