ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކައިފި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ދަނީ މިހާރު އިހުނަށްވުރެ ހަލުވި ސްޕީޑެއްގައި ކުރިއަށެވެ.

އެޗްޑީސީން ހާމަކުރެއްވި ގޮތުގައި، މަސައްކަތް އަވަސްކުރުމަށް ގެނައި ދެ ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ވަނީ އިތުރަށް ހަލުވިކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައިވާއިރު، މިހާރު ނިމިފައިވާ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދަކީ ޖުމްލަ އަމާޒުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު މިންވަރެކެވެ.

ހުއްޓިފައި އޮތުމަށްފަހު ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މަސައްކަތުގެ ސްޕީޑު އިތުރުކުރުމަށްޓަކައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އިތުރު ޑްރެޖަރެއް ގެނެސްގެން ބިން ހިއްކުމުގެ މަސައްކަތް ފުޅާކޮށްފައެވެ. މި ދެ ޑްރެޖަރުގެ އެހީގައި މިހާރު ދަނީ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް އަވަސްކުރަމުންނެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއި ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެހީގައެވެ. އެޗްޑީސީން ބުނާ ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން