ފުލުހުން އިއްޔެ ފެށި ޓޯ ކުރުމުގެ އޮޕަރޭޝަނުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 252 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެެވެ. މި އޮޕަރޭޝަނަކީ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުޅުމާލޭގެ މަގުތައް ތަރުތީބު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.
ފުލުހުން ވިދާޅުވިގޮތުގައި، ހުޅުމާލެއަކީ ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތި ތަރުތީބުކުރުމަށް އިއްޔެ ފެށި މި އޮޕަރޭޝަނުގައި ޓޯކުރެވުނު 252 އުޅަނދަކީވެސް ގަވާއިދާ ހިލާފަށް މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތަކެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ޓޯކުރެވުނު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް، އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ކަމަށެވެ. "މިހުރިހާ އުޅަނދުތަކަކީވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއް،" ފުލުހުން ވިދާޅުވެފައި ވެއެވެ.
ޓޯކުރެވުނު މި ހުރިހާ އުޅަނދުތަކެއް މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސްފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ހުޅުމާލޭގެ މަގުތަކުގެ ތަރުތީބުކަން އިތުރުކޮށް، އާންމު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.