އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި، ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 18 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

އިމިގްރޭޝަނުން މިކަމާ ގުޅިގެން ހާމަކުރެއްވި ގޮތުގައި، ޓާސްކްފޯސްއިން މިރޭ ވަނީ ރެއިޑު އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާލޭގެ ދިލްކުޝާގޯޅީގައި ހުންނަ، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި، އެތަނުގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކުރުމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން، ގަވާއިދާ ހިލާފަށް އަދި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެފަދަ ތަންތަނުގައި ތައްޔާރުކުރާ ކާބޯތަކެތީގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވެ، ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކުރެވެއެވެ.

މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި، އާންމު ސިއްހަތާއި ސަލާމަތަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް އިމިގްރޭޝަނުން މިހާރު ދަނީ ބަލަމުންނެވެ.

މިއަދު އޮންލައިން