އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގަ ކޮށްދޭގޮތަށް ވަނީ ހަމަޖެހިފަ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގަ ކޮށްދޭގޮތަށް ވަނީ ހަމަޖެހިފަ: ރައީސް

މާލޭގައި ޒަމާނީ ފެންވަރުގެ އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ މާލޭގެ މޭޔަރުކަމުގައި އެމަނިކުފާނު ހުންނެވި އިރު ފެށި، ނަމަވެސް އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ މަސައްކަތެކެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްމާރުކޭޓުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ޖަޕާން ސަރުކާރުން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، އެތަން ތަރައްޤީކުރާނީ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓު ހިމެނޭ މިކްސްޑް ޔޫސް މާކެޓެއް ހަދައި ޒަމާނީ އިމާރާތެއްގެ ގޮތުގައިކަމަށެވެ. އަދި މި މަސައްކަތް ފެށުމަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކުގައި ވެސް ވާހަކަދެއްކެވި މަސައްކަތްތަކެއް ފެށިފައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަލަށް ތަރައްޤީ ކުރާ މަސްމާރުކޭޓު ތަރައްޤީ ކުރަނީ ކުރިންވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައިކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމުގައި އެތަން ހިއްކި އިރުގައިވެސް އެކަން ކުރަން ރާވާފައި އޮތް އޮރިޖިނަލް ޕްލޭން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި ޖަމްޢިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އިމާރާތެއް އަޅަންވެސް ރާވަމުންދާކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން