ގިނަ ބައަކު އެމީހުންގެ ގައިބާރު ވަރުގަދަކުރަން މަސައްކަތްކުރެއެވެ. ހަށިގަނޑަށް ފައިދާކުރާނެ ތަކެތި ހަދައެވެ. ކަސްރަތުކުރެއެވެ. ޖިމްތަކަށްވެސް ދެއެވެ. އެކަމަކުވެސް ޞިއްހަތު ރަނގަޅުވެފައި ހަށިގަނޑުގެ ބާރު ކިތަންމެ ވަރުގަދަ ނަމަވެސް އެމީހެއްގެ ރޫޙާނީ ބާރު ދެރަނަމަ އެމީހަކީ އެއްވެސް ބާރެއް ހުރި މީހެއް ނޫނެވެ. މާނައަކީ އެއްވެސް ފައިދާއެއް ހުރި ބާރެއް އެމީހާގެ ކިބައަކު ނެތެވެ.
ރޫޙާނީ ގޮތުން ބާރުގަދަކުރަން ބޭނުން މީހުންނަށް އޮތީ ޛިކުރުކުރުން ގިނަކުރުމެވެ. ޛިކުރުކުރުމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދުލުން ކިޔުމެއްވެސް ނޫނެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީވެސް ޛިކުރްކުރުމެކެވެ. ވީމާ ފުރަތަމަ ކަމަކަށް ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހަކަށްވާށެވެ!
ދެން ބަލައިލަންވީ ދުލުން ކިޔާ ޛިކްރްތަކަށެވެ. އެކަމަށް 3 ވަޤުތެއް ޚާއްޞަވެގެންވެއެވެ. އެއީ ފަތިސްނަމާދަށްފަހުގައާއި ޢަޞްރުނަމާދަށްފަހުގައާއި އަދި ނިދަންވުމުންނެވެ.
އަލަށް ޛިކްރްތައް ކިޔަން ފަށާނަމަ ފުރަތަމަ ކިތަންމެ މަދު މިންވަރަކުން ފެށުމަކީވެސް މައްސަލައެއް ނޫނެވެ. ޔަޤީންކުރަންވީ ޤަވާއިދުކޮށް އެކަންކުރެވޭކަމެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ކިތަންމެ ކުޑަ ނަމަވެސް އެޢަމަލެއް ޤަވާޢިދުކޮށް ކުރުމުންނެވެ.
ރަނގަޅު އެއްޗެތި ކައި، ބޮއި، ކަސްރަތުކުރާނަމަ ހަށިގަނޑުގެ ބާރުގަދަވާނެއެވެ. ނަމަވެސް ރޫޙާނީ ބާރު ގަދަކުރެވޭނެ އެފަދަ ގޮތެއް ނުވެއެވެ. ރޫޙާނީ ބާރަކީ ހަށިގަނޑަށް ލިބޭ ބާރާއި ތަފާތު ބާރެކެވެ. ރޫޙާނީ ބާރު ލިބެނީ ފުރާނައަށް ކަމުގައިވާތީއެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. ރޫޙާނީ ބާރު ވަރުގަދަކުރެވުމަކީ ފާފަތަކާއި ދުރުހެލިވެ ހުރުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތެވެ. ރޫޙާނީ ބާރު ވަރުގަދަނަމަ ޝައިޠޯނާއަށް ހުންނަން ޖެހޭނީ އެމީހަކާއި ދުރަގައެވެ. ވައިވެސް ނޭޅެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން