އެއްވެސް މީހަކީ ކުރަން ބޭނުންވާ ހުރިހާ ކަންކަން ޙާޞިލުކުރެވޭނެ މީހެއް ނޫން! ކާމިޔާބުލިބޭނީ ޝުކުރުވެރިވާ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެއްވެސް މީހަކީ ކުރަން ބޭނުންވާ ހުރިހާ ކަންކަން ޙާޞިލުކުރެވޭނެ މީހެއް ނޫން! ކާމިޔާބުލިބޭނީ ޝުކުރުވެރިވާ މީހަކަށް!

ދިރިއުޅުމުގައި ހުރަސްތައް އަބަދުވެސް ކުރިމަތިވާނެއެވެ. ޙާޞިލްކުރަން އުޅޭ ކަންކަން ޙާޞިލް ނުކުރެވި ދަތި އުނދަގޫތައްވެސް ކުރިމަތިވާނެއެވެ. އެއީ ދުނިޔޭގައި އަބަދުވެސް ކަންތައްތައް މެދުވެރިވަމުން ދާނެ ގޮތެވެ.  

ބައެއް ފަހަރު ތައުލީމަށްވެސް ހުރަސް އެޅޭނެއެވެ. ކިޔެވިނަމަވެސް ފާސްނުވެވެސް ހިނގައިދާނެއެވެ. ދަށުން މާކްސް ލިބިދާނެއެވެ. ދަސްކުރާ ތަކެތި ހަނދާން ނެތުން ފަދަ ކަންކަން ވެސް ކުރިމަތިވާނެއެވެ. މިފަދަ ކަންކަމަކީވެސް ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ކަންކަމެވެ.  

ކޮންމެއަކަސް ބުނެލަން ބޭނުންވަނީ ދަތިއުނދަގޫ ކަންކަން ކުރިމަތިވާނަމަ ޝުކުރުވެރިވުން ގިނަކުރާށެވެ! ޝުކުރުވެރިވުމަކީ ދުލުން އަލްޙަމްދުލިﷲ ކިޔުން އެކަންޏެއް ނޫނެވެ. އެކަން ޢަމަލުން ދައްކަންވާނެއެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ.  

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ޝުކުރުވެރިވާ ކޮންމެ އަޅަކަށްވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އިން ޝާ ﷲ. އެމީހަކަށް ކުރިމަތިވާ ކަންކަމުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އެއީ ޔަޤީންކުރަންޖެހޭނެ ކަމެކެވެ.  

މީސްތަކުން މިއަދު ތިބެނީ ކޮންމެ ކަމަކަށްވެސް އަވަސްއަރައިގެންފައެވެ. ބޭނުންވާ ކޮންމެ ކަމެއް ވަޤުތުން ފުދެންޖެހެއެވެ. ދެރަގޮތެއް ދިމާވެގެންވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެއީ މިދުނިޔޭގައި އެއްވެސް މީހަކަށް މެދުވެރިވާނެ ގޮތެއް ނޫނެވެ. ކިތަންމެ ތަނަވަސްވެފައި ކިތަންމެ މަތީ މަޤާމެއްގައި ހުރިނަމަވެސް ހުރަސްތައް ކުރިމަތިވާނެއެވެ. ކަންބޮޑުވާންޖެހޭނެ ކަންކަންވެސް ކުރިމަތިވާނެއެވެ.  

އެކަން ޤަބޫލުނުކުރެވޭނަމަ އެމީހަކު އެވަނީ ބޮޑުތަނުން ފޭލްވެފައެވެ. އެހެނީ ތިމާއަށް މިއުޅެވެނީ ދުނިޔޭގައިކަމާއި ދުނިޔޭގައި ކަންކަން ކުރިމަތިވާނެކަން ޤަބޫލުނުކުރެވޭނަމަ އެމީހަކަށް އެވަނީ ވަރަށް ބޮޑަށް މަގުއޮޅިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން