ސަމާލުވާންޖެހޭ ކަމެއް!: ތައުބާވެގެން ހުރި މީހަކަށް އޭނާގެ މާޒީ ހަނދާންކޮށްދިނުމަކީ ޝައިޠޯނަކު ނޫނީ ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ސަމާލުވާންޖެހޭ ކަމެއް!: ތައުބާވެގެން ހުރި މީހަކަށް އޭނާގެ މާޒީ ހަނދާންކޮށްދިނުމަކީ ޝައިޠޯނަކު ނޫނީ ކުރާނެ ކަމެއް ނޫން!

މީހަކަށް ކުރެވިފައިވާ ފާފަތަކާއި ގޯސްކަންކަން ވިސްނި، ތައުބާވެ އިޞްލާޙްވެގެން ރަނގަޅަށް އުޅެންފަށާއިރަށް ޝައިޠޯނާ އައިސް ބުނާނެއެވެ! "ކަލޭ ހާދަ މޮޔައެވެ! ކަލެއަކީ މާޒީގައި މިވެނިއެވެނި ފާފަތަކެއް ކުރި މީހެކެވެ! ކަލޭ ހަމަ ތިމަންނާ ތައުބާ ވެއްޖައިމެވެ ބުނާއިރަށް އެކަން ﷲ ޤަބޫލުފުޅުކުރައްވަވައި ކަލޭގެ ފާފަތައް ފުއްސަވައި ދެއްވަވާނެކަމަށް ހީކުރަނީހެއްޔެވެ؟ އެކަން އެހެންނަކުން ނުވާނެއެވެ. ބުއްދީގެ ބޭނުންކުރާށެވެ! ދުނިޔޭގައި ހުރެވޭ ދުވަސްކޮޅު ކުރިން އުޅުނު ގޮތަށް އުފަލުގައި އުޅުނިއްޔާ ޔަޤީނުންވެސް ދުނިޔޭގައި ހިތްހަމަޖެހުން ލިބޭނެއެވެ." 

ތައުބާވެ ހެޔޮގޮތުގައި އުޅެންފަށާއިރަކަށް އެމީހަކަށް ޝައިޠޯނާ މިމޭރުމުން ވަސްވާސްދީ އެމީހަކު މަގުފުރައްދަން މަސައްކަތްކުރާނެއެވެ. ހުރިހާ ޢިލްމްވެރިންވެސް ދަރުސްތަކުގައި އެކަން ބަޔާންކުރައްވާނެއެވެ. އެކި ޢިލްމްވެރިން އެކި ޢިބާރާތުންނެވެ. ކޮންމެ ޢިބާރާތަކުން އެބަޔާންކުރައްވަނީ ހަމަ އެއްކަމެކެވެ. އެކަމުގެ ވާހަކަ ހުރިހާ ޢިލްމްވެރިންވެސް އެހާގިނައިން އެދައްކަވަނީ އެކަމުގެ ހުރި ނުރައްކައުތެރިކަން ބޮޑުކަމުންނެވެ.  

މިދެއްކުނީ އަހުރެމެންގެ ލޮލަށް ނުފެންނަ ޝައިޠޯނާގެ ވާހަކައެވެ. ދެން މިދައްކަނީ ލޮލަށް ފެންނަ ޝައިޠޯނުންގެ ވާހަކައެވެ. އިންސާނުންގެ ތެރޭގައި އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠޯނުންގެ ވާހަކައެވެ. އެބައެއްގެ ކިބައިން ރައްކައުޕެރިކަން ލިބިގަތުމަށް "އައްނާސް" ސޫރަތުގައި އަންގައިވާފައިވާ ޝައިޠޯނުންގެ ވާހަކައެވެ. އެންމެ ފަހު އާޔަތުގައި "ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ." އެއޮތީ މިބުނި ޝައިޠޯނުންގެ ވާހަކައެވެ.  

އެމީހުންވެސް ކުރާނީ އެއްކަމެކެވެ. މީހަކު ތައުބާވެ ޢަމަލުތައް އިޞްލާހްކޮށް ރަނގަޅު ގޮތުގައި އުޅެންފަށާއިރަށް އޭނާގެ މާޒީ ހަނދާންކޮށްދޭނެއެވެ. އެވާހަކަ ދައްކާނީވެސް ޝައްކުވެސް ނުކުރެވޭހައި ދުރުދުރުންނެވެ. ވަރަށް މަކަރުވެރި ގޮތުގައެވެ. އެގޮތަށް ކަންކަން ހަނދާންކޮށްދެމުން ގޮސް އެންމެ ކުޑައިރު ކުރެވިފައިވާ ފާފަތަކުގެ މަތިންވެސް ހަނދާންކޮށްދޭނެއެވެ. މިކަން މިގޮތަށް ކުރާނީވެސް ތިމާގެ ޙަޤީޤަތް އެނގޭ އެކުވެރިންނާއި ޢާއިލާގެ މީހުންނެވެ. އެމީހުންގެ ތެރޭގައި ތިބޭ ޝައިޠޯނުންނެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިފުރުޞަތު އެޝައިޠޯނުންތަކަށް ނުދޭށެވެ! އެފަދަ ބަހެއް ބުނެފިމީހަކާއިވެސް ގުޅުން ނުބާއްވާށެވެ! އެކަމަކު ހިތްހެޔޮކުރާށެވެ! އޭނާއަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރާށެވެ! ޝައިޠޯނާގެ ކަސްތޮޅުން އެމީހަކު ސަލާމަތްކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ! ނަމަވެސް ނަމަ އެފަދަ މީހުންނާއިއެކު އެއްވެސް ގުޅުމެއް ނުބާއްވާށެވެ! އިބިލީހުގެ ބަހަށް ނުހެއްލޭ މީހުންވެސް އިންށާނުންގެ ބަހަށް ހެއްލިގެންދާކަމަށް ބުނެވެނީ އެކަމުގެ ސަބަބުތައް ގިނަވެފައި ހެއްލިގެންދާ މީހުން ގިނަކަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން