ދަރިފުޅު ގެއަށް އައިއިރު މަންމަ އިނީ ރޯށެވެ. ކީއްވެގެންތޯ ސުވާލުކުރުމުން ކުރީ އަނބިމީހާގެ ޝަކުވާތަކެވެ. އަޑުއަހަން ހުރެފައި ދަރިފުޅު ބުނީ ކާންދީ އަދި ބޭނުންތައް ފުއްދައިދާއިރުވެސް ޝަކުވާކުރުން ނޫން އެހެންކަމެއް ކުރަން މަންމައަށް ނުއެނގޭކަމަށެވެ.
އެހެން ބުނެފައި ދަރިފުޅު ދިއަތަނާ ފިރިމީހާ އައެވެ. ފިރިމީހާވެސް ކުރީ ހަމަ އެސުވާލެވެ. ރޮނީ ކީއްވެގެންތޯއެވެ؟ އަނބިމިހާގެ ވާހަކަތައް އަޑުއަހާފައި ފިރިމިހާ ބުންޏެވެ. "އަހުރެން ދަރިފުޅު ކުށްވެރިކުރާކަށްވެސް އަދި ރަނގަޅުކުރާކަށްވެސް ނެތީމެވެ. އެކަމަކު ތިއަހިސާބަށް ކަންކަން ދިއުމުން މާޒީ ހަނދާންކޮށްދޭން އެބަޖެހެއެވެ. އަހުރެންގެ މަންމައާއިމެދު ތިބާ ކަންތައް ކުރި ގޮތެވެ؟ އެންމެ ކުޑަމިނުން ކައްކާފައި ކާންދިނިން ހެއްޔެވެ؟ ބަލިޙާލުގަ އެނދުގަ އޮތްއިރު ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ އެނދުގެ ފޮތި ދޮންނަން ޖެއްސުވީ އަހުރެންނަށް ނޫންހެއްޔެވެ؟ ކަމަކަށް ބޭނުންވެގެން މަންމަ ގޮވައިލި ނަމަވެސް ރުޅިއައިސް އަޑުގަދަނުކުރަން ހެއްޔެވެ؟ މަންމަ ގޮވައިގެން ޙައްޖަށްދިއަނުދީ ކިހައި ދުވަހަކު ހިފެހެއްޓިންހެއްޔެވެ؟"
އަނބިމީހާއަށް ބުނެވުނެވެ. "މިއަދު އަހުރެންނަށް ކުރަންޖެހިފައި މިވަނީ އެކަންކަމުގެ ހިތާމައެވެ." ފިރިމީހާ ބުންޏެވެ. "މިއަދު ދެރަވެ ހިތާމަކުރީމާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މާފަށް އެދެވޭނީވެސް މަންމަ ދުނިޔޭގައި ހުރިނަމަ ނޫންހެއްޔެވެ؟ މަންމަ ދުނިޔެ ދޫކުރީ ކޮންމެ ދުވަހަކު ތިއައަށްވުރެ މާގިނައިން ކޮންމެ ދުވަހަކު ރޮއި ކަރުނައަޅާފައި ހެއްޔެވެ؟
ބުނަން ހެއްޔެވެ؟ އަމިއްލަ މަންމައަށް ނަމަވެސް މައިދައިތައަށް ނަމަވެސް އަދި އެހެން މީހަކަށް ނަމަވެސް ނުބައިކޮށް ކަންކަން ކޮށްފިނަމަ ކޮންމެވެސް ސިފައެއްގައި އެކަންކަން އައިސް ދުނިޔޭގައިވެސް އެމީހަކާއި ބައްދަލުކުރާނެއެވެ. އެކަންކަމަކުން ސަލާމަތެއް ނުވެވޭނެއެވެ. ތިބާއަށް ޖެހިގެން ތިއައުޅެނީ އެކަންތަކެވެ. ދެންވެސް ތައުބާވެ އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ތިބާގެ ކިބައިން އަނިޔާ ލިބުނު އެންމެންނަށްޓަކައި ހެޔޮދުޢާކުރާށެވެ! ރަނގަޅު ގޮތެއް މެދުވެރިކުރެއްވެވުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ."
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. މިއީ ގިނަ ބައަކަށް ދިރިއުޅެންޖެހިފައިވާ ޙާލަތާއި ވަރަށް ގުޅުންހުރި އެހައިމެ އަގުހުރި ފިލާވަޅެކެވެ. ހިތާމައަކީ އެހެންމީހުންނަށް އަނިޔާވެރިވެ ހިތުގައި ޖައްސުވާއިރު ތިމާއަށް އެކަން އެނބުރި އަންނާނެކަން ނުވިސްނޭކަމެވެ. ވިސްނޭނަމަ އެފަދަ ކަންކަމެއް ނުކުރާނެއެވެ. އަހުރެން ބުނާނީ އޭނާގެ ފިރިމީހާ އެދެއްކި ވާހަކަތަކަކީ ސަތޭކައިގެ ވާހަކަތަކެއް ކަމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް