ގޭގަރޯވާ އަލިފާނަށްވުރެ ޙަސަދައިން ލިބޭ ގެއްލުން މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގޭގަރޯވާ އަލިފާނަށްވުރެ ޙަސަދައިން ލިބޭ ގެއްލުން މާބޮޑު!

ގެއެއްގައި އަލިފާން ރޯވެއްޖެނަމަ އެންމެންވެސް ބަލާނީ ފުރަތަމަ ކަމަކަށްވެސް އެގެއަކުން މީހުން ނެރެ ހުސްކުރެވޭތޯއެވެ. އަލިފާނުން އެމީހުން ސަލާމަތްކުރެވޭތޯއެވެ. ނަމަވެސް ގޭގޭގައި ފިތުނަ އުފައްދައި ހަސަދައިގެ ހުޅު ރޯކުރަމުން ހިނގާ މީހުން މިވަނީ ގިނަވެފައެވެ. އެހެންކަމުން މިކަމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.  

ގޭގައި އަލިފާން ރޯވެ އަނދަނީއެވެ. އެޙާލަތުގައި އަލިފާން ނިއްވާލަން މަސައްކަތް ނުކޮށް އަތް އުރާލައިގެން ތިބުމަކީ ކެތްތެރިވުންކަމަކަށް ނުވާނެއެވެ. އަދި ނިއްވައި ލެވެން ނެތްނަމަ ވީހައި އަވަހަކަށް ގެއިން ނުކުމެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ނުކޮށް ގޭގައި މަޑުކޮށްގެން ތިބުމަކީވެސް ކެތްތެރިވުން ކަމަކަށް ނުވާނެއެވެ.  

ހަމަޤައިމުވެސް ބުއްދި ސަލާމަތުން ހުރި މީހަކު ނަމަ އަވަސްވެގަންނާނީ އެޅެން އޮތް ފިޔަޥަޅު އެޅުމަށެވެ. އެގޮތުން ނިއްވާލަން މަސައްކަތްކުރުން ނުވަތަ ގެއިން އަވަހަށް ނުކުންނަން މަސައްކަތްކުރާނެއެވެ. ތިމާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށެއް ނުލާނެއެވެ.  

ގޭގައި އަލިފާން ރޯވުމަކީ ހަމައެކަނި ހުޅުހިފުމެއް ނޫނެވެ. އެއަށްވުރެ މާނުރައްކައުތެރި އަލިފާނެއްވެއެވެ. އެއީ ފިތުނައިގެ އަލިފާނެވެ. ޙަސަދައިގެ އަލިފާނެވެ. މިފަދަ އަލިފާނަށް މާބޮޑަށް ބިރުވެތިވާންޖެހޭނެއެވެ.  

އެހެނީ ހުޅުރޯވެ އަނދާނީ ނުވަތަ ފިހޭނީ އެނގިގެންނެވެ. ޙަސަދައިގެ އަލިފާނުން އަނދައިގެންދާއިރު ގިނަ ފަހަރަށް އެކަން ކުރިމަތިވަނީ ނުވެސް އެނގިހުއްޓައެވެ. ޙަސަދައިގެ އަލިފާން އަނދަނީ އަނެކާގެ ހިތުގައެވެ. އެއިގެ ހޫނުކަން އަނެކާއަށް ފޯރަނީ އޭނާއަށް ނުވެސް އެނގިހުއްޓައެވެ.  

ކޮންމެއަކަސް ގޭތެރޭގައި ޙަސަދަވެރިކަން އުފެދިއްޖެނަމަ އެގެއެއްގައި އަބަދުވެސް އޮންނާނީ ފިތުނަވެރިކަމެވެ. ރުޅިވެރިކަމާއި ނަފްރަތެވެ. އެކަންކަމުގެ ސަބަބުން މުޅި ގެއަށް (ގޭގައި އުޅޭ އެންމެންނަށް) އަސަރުކުރާނެއެވެ.  

ވީމާ ފުރަތަމަ މަސައްކަތްކުރަންވީ ޙަސަދަވެރިކަން ނައްތައިލެވޭތޯއެވެ. އެކަން ނުކުރެވިއްޖެނަމަ އޮތީ އެގެއެއް ދޫކޮށް ދެވެންއޮތްނަމަ ގެއިން ނުކުމެގެން ދިއުމެވެ. އެހެން ނޫންނަމަ އަބަދުވެސް އުޅެންޖެހޭނީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައެވެ.  

ގެއެއްގައި ޙަސަދައިގެ އަލިފާން ރޯވެއްޖެނަމަ އެގެއަކަށް މައްސަލަތައް ކުރިމަތިވާނެއެވެ. ޝައިޠޯނުން ހާލިހަދާނެއެވެ. ރިޒުޤް ދަތިވާނެއެވެ. އެކަމުން އެންމެންނަށް ދާނީ ގެއްލުން ލިބެމުންނެވެ. ދީނުގައި އެކަކު އަނެކަކަށް ޙަސަދަ ނުލައި ހިތް ޠޯހިރުކޮށްގެން އުޅެން އޮތީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ.

 

- ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން