ތިމާއަށް ލިބޭނެ އުފަލަށް ބަލައިގެން ކައިވެނިކުރީމާ ކަސްތޮޅު ނުއެޅޭ މީހަކު މަދުވާނެ! އުފަލުގަ އުޅެވޭ މީހުންވެސް މަދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ތިމާއަށް ލިބޭނެ އުފަލަށް ބަލައިގެން ކައިވެނިކުރީމާ ކަސްތޮޅު ނުއެޅޭ މީހަކު މަދުވާނެ! އުފަލުގަ އުޅެވޭ މީހުންވެސް މަދުވާނެ!

ކައިވެންޏަކީ ހަމައެކަނި ދެމަފިރިންގެ ގުޅުން ނުވަތަ ދެމަފިރިންނަށް ބޭނުންވާ އުފާވެރިކަން ކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ ގާތީ އެއިން އެއްވެސް ޙާޞިލުނުކުރެވުމެވެ. ކައިވެނީގެ މަޤްޞަދު މާމަތިވެރިއެވެ.

ކައިވެނިކުރަންވީ ގޮތާއިމެދު ނުވަތަ ކައިވެނިކުރަންވީ ކާކާއި ކަމާއިމެދު ގިނަބައަކު ސުވާލުކުރާތީ ކައިވެނިކުރާއިރު ކޮންމެ ދެމީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަންތައް ފާހަގަކޮށްލާނަމެވެ.

ގިނަ މީހުން ކައިވެނިކުރަނީ ކައިވެނީގެ ސަބަބުން އެމީހަކަށް ލިބޭނެ އުފަލަށް ބަލައިގެންނެވެ. އެގޮތަށް ވިސްނައިގެން ކައިވެނިކުރުމުން އެންމެފަހު ވަގުތު ތިމާ އަމިއްލައަށް ކަސްތޮޅު އެޅޭތަން އެބައާދެއެވެ. މިސާލަކަށް ބުނާނަމަ ދަރިން ލިބުމުން ބޮޑު ބަނދެވުމަކުން ބަނދެވޭތަން އެބަ އާދެއެވެ. އެޙާލަތުގައި މުޅި އުމުރު ހޭދަކޮށްލަން ޖެހެނީ ހިތާމަތަކާއި ހިތްދަތިކަމުގައެވެ.

މިސާލަކަށް ފުރަތަމަ އަންހެނުން ނަގަމާ ހިނގާށެވެ! އަނބިމީހާއަކީ ދަރިންނަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހަކަށް ވެދާނެއެވެ. އަދި ދަރިން ހަވާލުކޮށްފައި ދޫކޮށްލަން ހެޔޮ ނުވާވަރުގެ އަންހެނަކަށް ވެސް ވެދާނެއެވެ. އަދި އެކިއެކި ސަބަބުތައް މެދުވެރިވެ އަނބިމީހާ އާއި އެކު ދިރިނުއުޅެވޭ ހިސާބަށްވެސް ކަންކަން ހިނގައިދާނެއެވެ.

މިފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ދެން ކަންތައް ވާނީ ކިހިނަކުން ހެއްޔެވެ؟ ދަރިފުޅުގެ ޙައްޤުގައި ބައްޕައަށް ޖެހޭނީ މުޅި އުމުރުގައި ވެސް ކަސްތޮޅު އެޅިގެން ހުންނާށެވެ!

ދެން ފިރިހެނުންނަށް ބަލައިފިނަމަވެސް މިފަދަ މައްސަލަތައް ހުރީ ހަމަ މިގޮތަށެވެ. ފިރިމީހާގެ މައްސަލަތައް ހުރުމުން އެކުގައި އުޅެވެން ނެތް ހިސާބަށް ކަންކަން ހިނގައިދާނެއެވެ. ވަރިވާން ބަލާއިރު ވަރިވެއްޖެ ނަމަ އެއްވެސް ޚަރަދެއް ނުކުރާނެތީ ކޮންމެ ގޮތަކަށް ކަންކަން ކުރި ނަމަވެސް ފުދި ކަސްތޮޅު އެޅިގެން މުޅި އުމުރުގައިވެސް އިންނަން އެބަޖެހެއެވެ.

މިބުނި ފަދަ ޙާލަތުތައް އަބަދުވެސް ދަނީ މެދުވެރިވަމުންނެވެ. ވީމާ ކައިވެނިކުރާއިރު ބަލަންވީ ތިމާއަށް ލިބިދާނެ އުފަލަކަށް ނޫނެވެ. ދެމަފިރިންނަށް ލިބޭ ދަރިންނަށް ފިރިމީހާގެ ކިބައިން ނުވަތަ އަނބިމީހާގެ ކިބައިން ލިބޭނެ އުފަލަށެވެ. އެކަމަށް ވިސްނައިގެން ކައިވެނިކޮށްފިނަމަ ފަހަރެއްގައި ޖެހޭ މައްސަލައަކުން ދެމަފިރިން ދުރުވާން ޖެހުނު ނަމަވެސް ދަރިންނަށް ލިބޭ އުނިކަން ކުޑަވާނެއެވެ.

ދެން މިހިސާބުން އުފެދޭނެ ސުވާލަކީ އެކަން ބަލާނީ ކިހިނަކުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދަން ދާންޖެހޭނީވެސް ވާހަކަ ފެށި ހިސާބަށެވެ. "ކައިވެނިކުރަންވީ، އެންމެ އަޚްލާޤް ރަނގަޅު، ދީންވެރި، ޚުލްޤް ހެޔޮ މީހުންނާއި" ކަމަށް ބުނި ބަހަށެވެ. އެބަސް އެކުލަވައިލެވިފައިވަނީ ވަރަށް ފުރިހަމައަށެވެ. މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލު ލިބޭނެ ގޮތަށެވެ. އެއްވެސް މީހަކީ " އަޚްލާޤް ރަނގަޅު، ދީންވެރި، ޚުލްޤް ހެޔޮ" މީހަކަށްވާނަމަ ކައިވެނި ރޫޅުމުގެ ފުރުޞަތު ކުޑަވާނެއެވެ. އަދި ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކައިވެނި ރޫޅުނު ނަމަވެސް ދަރިން ނިކަމެތިކޮށެއް ނުލާނެއެވެ. ދަރިން ނިކަމެތިކޮށްފިނަމަ އެމީހަކީ "އަޚްލާޤް ރަނގަޅު، ދީންވެރި، ޚުލްޤް ހެޔޮ" މީހަކަށް ނުވާނެއެވެ.

ކައިވެނިކުރަންވީ، އެންމެ އަޚްލާޤް ރަނގަޅު، ދީންވެރި، ޚުލްޤް ހެޔޮ މީހުންނާއިކަން ހަދީޘްފުޅުން އެނގެން އޮތުމުން ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް އެއީކަން ޔަޤީންކުރަން އެބަޖެހެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން