ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމަށް ކިބާ ކުރަނީ ކޮން މަސައްކަތެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމަށް ކިބާ ކުރަނީ ކޮން މަސައްކަތެއްތަ؟

ތިމާ ހުރިތަނެއްގެ ވަށައިގެން އަލިފާންރޯވީއެވެ. އަލިފާން ގަނޑު އަންނަނީ ކުރިއަށް ޖެހެމުންނެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެއަލިފާންގަނޑުން ސަލާމަތްވުމަށް މަސައްކަތްނުކޮށް ހުންނާނީ ކާކުހެއްޔެވެ؟ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރާނެއެވެ.

މަރުވުމާއި ކައްވަޅުގެ ޢަޛާބާއި އަދި ޤިޔާމަތްދުވަހާއިމެދުގައިވެސް ވިސްނައިލަންވީ ހަމަ މިގޮތަށެވެ. މިހުރެވެނީ އަލިފާންގަނޑެއްގެ މެދުގައިކަމެވެ. ސަލާމަތްވެވޭނީ ތިމާ އެކަމަށް މަސައްކަތްކުރިވަރަކުން ކަމެވެ. ނަމަވެސް ހިތާމައަކީ އެކަންކަމަށް ވިސްނައިނުލެވޭ ކަމެވެ. ދެންމިވާގޮތަކީ އަލިފާންގަނޑުގެ ތެރެއަށް ވެއްޓިގަނެވެނީއެވެ.

ދުނިޔޭގައި ތިބި އެންމެންވެސް ޤަބޫލުކުރާ އެއްކަމެއް އޮންނަ ކަމަށް އަބަދުވެސް ބުނަމެވެ. އެއީ ކޮންމެ މީހަކީވެސް މަރުވާނެ މީހެއް ކަމެވެ. ކައްވަޅަށް ތިރިކުރެވޭނެ މީހެއްކަމެވެ. ގައިމައްޗަށް ފަސް އަޅައި ފޮރުވޭނެ މީހެއްކަމެވެ.

ޔަޤީންކުރާށެވެ! ކޮންމެ މީހަކީވެސް ގަދަވެގެންވާ އަނދިރިކަމުގައި ކައްވަޅުގައި އެކަނި އޮންނަން ޖެހޭނެ މީހެކެވެ. ވަޅުލެވުމާއިއެކު ސުވާލުތައް ކުރެވޭނެ މީހެކެވެ. ޙަޔާތުގެ އެންމެ މުހިންމު މި ވަގުތުގައި އެހީތެރިވެދޭނީ އެމީހަކު ކުރި ނަމާދެވެ. ހެޔޮ އަމަލުތަކެވެ.

އެވަގުތަކީ އެމީހާގެ އަމިއްލަ އެއްވެސް ބާރެއް ހިނގާނެ ވަގުތެއް ނޫނެވެ. ދުނިޔަވީ ގޮތުންނަމަ އެންމެ ސީރިއަސް ކޯމާއެއްގައި އޮންނަން ޖެހޭ ވަގުތަށްވުރެވެސް އެމީހެއްގެ އަމިއްލަ ބާރު ނުހުންނާނެ ވަގުތެވެ. އެވަގުތުގައި ނަމާދު ތިބާގެ ކުރިއަށް ނުކުންނާނެއެވެ. ކުރިމަތިވާ ހުރިހާ މުޞީބާތްތަކުން ތިބާ ސަލާމަތްކޮށްދޭނެއެވެ.

އިތުރަށް ކުރި ހުރިހާ ހެޔޮ އަމަލުތަކަށްވެސް އަންނަން ޖެހޭނީ ނަމާދުގެ ފަހަތުންނެވެ. އެހެނީ ނަމާދު ފުރިހަމަ ނުވާނަމަ އެހެން އަމަލުތަކުގެ ފައިދާއެއް ނުކުރާނެތީއެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދުގެ ކަމާއި ނަމާދުން ފާސްވެއްޖެ ނަމަ ނޫނީ އެހެން އަމަލުތަކުގެ ފައިދާ ނުކުރާނެކަން އެނގެން އޮތުމުން މިދެއްކި ވާހަކަތަކަށް ދަލީލު އެވަނީ ލިބިފައެވެ.

ވީމާ ކޮންމެ ފަދަ ނިކަމެތި ހާލަތެއްގައިވީނަމަވެސް އަދި ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި ވީނަމަވެސް ނަމާދު ދޫނުކުރާށެވެ! ކަންބޮޑުވުމާއި ހާސްކަން އިތުރުވި ވަރަކަށް ނަމާދުކުރުން ގިނަކުރާށެވެ! ހުރިހާ ކަމެއްގެ ޙައްލަކީވެސް ސަޖިދަ ކަމަށް ހަދާށެވެ! އެއިރުން އެންމެ ނިކަމެތިވާ ވަގުތު ތިބާގެ ކުރިއަށް ނަމާދު އަރައި ތިބާގެ ހުރިހާ މައްސަލަތައް ހައްލުކޮށްދީ ހިމާޔަތް ކުރާނެ އެވެ. އެއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟

ކަންބޮޑުވުމާއި ހިތާމައިގެ ދުވަސްތަކުގައި ގިނަ ބައަކު ނަމާދުކުރަންވެސް ފޫހިވެއެވެ. ނަމަވެސް ނަމާދުކުރުން އެންމެ ގިނަކުރަންވީ އެފަދަ ދުވަސްތަކުގައެވެ. ހިތާމަތަކާއި ކަންބޮޑުވުންތަކުގެ ކުރިއަށް ނަމާދުކުރުން ނެރޭ މީހާގެ ކުރިއަށް ނަމާދު ނުކުންނަ ދުވަސް އަންނާނެއެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑުއުފާވެރިކަމެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން