ތިމާއަށް މިއުޅެވެނީ ރަނގަޅަށް ނުވަތަ އުފަލުގަ ކަމަށް ވިސްނުނަސް ގިނައީ މިހާރުވެސް ﷲ ތަޢާލާގެ ގަދަފަދަ ޢަޖާބު ލިބެމުންދާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ތިމާއަށް މިއުޅެވެނީ ރަނގަޅަށް ނުވަތަ އުފަލުގަ ކަމަށް ވިސްނުނަސް ގިނައީ މިހާރުވެސް ﷲ ތަޢާލާގެ ގަދަފަދަ ޢަޖާބު ލިބެމުންދާ މީހުން!

ފުދިގެން އުފަލުގައި ދުނިޔޭގައި އުޅެވޭނަމަ ގިނަބައަކަށް ޤަބޫލުކުރެވެނީ ތިމާއަށް މިހުރެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް މިހާރުވެސް އެދަނީ ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބު ލިބެމުންނެވެ. އެފަދަ ބައަކު ނެތް ހަމަ އެންމެ ގެއެއް ހުންނާނެ ކަމަކަށްވެސް މިހާރަކު ޤަބޫލެއް ނުކުރެވެއެވެ.  

ތިމާއަށް ޢަޛާބްލިބޭކަން ޤަބޫލުނުކުރެވިގެން މިއުޅެނީ ނަރަކައިގެ އަލިފާން ތިމާގެ ގައިގައި ރޯވެ އަނދަމުންދާތަން ނުފެންނާތީކަމަށްވެދާނެއެވެ. ނޫންނަމަ އެފަދަ ގަދަފަދަ ހޫނުކަމެއް އިޙްޞާޞްކުރަން އަދި ނުޖެހޭތީ ކަމަށްވެދާނެއެވެ. އެފަދަ މީހުން ތިރީގައިވާ ލިޔުމުން ޢިބްރަތް ޙާޞިލުކުރުން ބުއްދިވެރިއެވެ.   

ﷲ ތައާލާގެ ޢަޛާބަށް ބިރުވެތިވުން ކުޑަވަމުން އަންނަ މިފަދަ ދުވަސްވަރެއްގައި މިފަދަ ބަސްފުޅުތަކުގެ ހަނދާން ގިނަގިނައިން އައުކުރަންޖެހެއެވެ.  

"އަޅުގަނޑުމެންނަށް ހީވާކަހަލަ ޢަޛާބަކީ ﷲ މަތިން ހިލައިގެ ވާރޭ ވެއްސެވުމޭ. ޢަޛާބަކީ ހަމައެކަނި އަހަރެމެންގެ ވަށައިގެން މިވާ ކަނޑުތައް އުފުލި އެރުމޭ، އެއެއްނޫން ހަމައެކަނި ޢަޛާބަކީ. 

އެއަށްވުރެން މާބޮޑެތި ޢަޛާބުތަކާމެދު އަޅުގަނޑުމެން ވަނީ ޣާފިލުވެފަ، ކަށްވަޅުގެ ވާހަކަ ދެއްކެނީ، މަރުގެވާހަކަ ދެއްކެނީ، މަޙްޝަރު ވާހަކަ ދެއްކެނީ، ނަރަކައިގެ ވާހަކަ ދެއްކެނީ، ސުވަރުގޭގެ ވާހަކަ ދެއްކެނީ، ހިސާބުގެ ވާހަކަ ދެއްކެނީ، ހަމައެކައްޗެއްވެސް ހިތަކަށް ނާރާ! އެއަށްވުރެ ބޮޑު ޢަޛާބެއް ކޮބައިތޯ؟ ހިތްތައް ހަރުވުމަށްވުރެ ބޮޑު ޢަޛާބެއް ކޮބައިތޯ؟  

ހިތްތަކަށް ޤުރްއާނުން އަސަރު ނުކުރުމަށްވުރެ ބޮޑު ވެގެންވާ ވޭނެއް ކޮބައިތޯ؟ الله سُبْحَانَهُ وَتَعَالَى  ހިތްތަކަށް ޝިފާއެއް ކަމުގައި އީމާނުގެ އަހުލުވެރިންނަށް ބާއްވައި ލެއްވި ޝިފާއެއް ކަމުގައި، ތެދުމަގެއް ކަމުގައި ބާއްވާލެއްވި ޤުރްއާނުން އަސަރު ނުކުރުމަށްވުރެ ބޮޑުވެގެންވާ ޢަޛާބެއް ކޮބައިތޯ؟ 

ނަޞޭޙަތް ދެވެނީ، އިރުޝާދު ދެވެނީ، ޢަޛާބުގެ ވާހަކަ، ޘަވާބުގެ ވާހަކަ ދެކެވެނީ ހަމަ އެކައްޗެއް ހިތަކަށް ނާރާ. އެކަމަކު ދުނިޔަވީ ކަމެއްގެ ފަހަތުން ގޮވާލެވިއްޖެނަމަ ފެންނާނެ ޖަމާޢަތްތައް ނިކުމެގެންދާތަން. ކުޑަކުޑަ ފައިސާ ފޮއްޗަކަށް މީހުން އަޅުވެތިވާތީ ފެންނާނެ. އެއީ މިދެންނެވި އީމާންކަމާއި ތަޤުވާ މާތް ނަބިއްޔާ   ގެނެސް ދެއްވި އެއްކައުވަންތަ ކަމުގެ ޢަޤީދާ، ކީރިތި ޤުރްއާނުގެ މާތްކަމާއި، މަތިވެރިކަން އަޅުގަނޑުމެންގެ ހިތުގައި ނެތީމާ. ޤުރްއާން އަޑުއައްސަވާ. ޤުރްއާން އަޑުއައްސަވާ، އީމާންކަމުގެ ލައްޒަތު އިޙްސާސް ކުރެވޭނެ.  

ޤުރްއާނަކީ الله تَعالَى ބާއްވާލެއްވި އެކަލާންގެ ކަލާންފުޅު އެހެންވެ ޤުރްއާނުގައި ﷲ އަންގަވާފައިވަނީ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا އެމީހުންނަށް ތިމަންރަސްކަލާންގެ އާޔަތްތައް ކިޔެވޭކަމުގައިވާނަމަ އެމީހުންގެ އީމާންކަން އިތުރުވާނޭ، وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ އެމީހުންގެ ވެރިރަސްކަލާންގެއަށް އެމީހުން ވަކީލު ކުރާނޭ. އެހެން ފަރާތަކަށް ބަރޯސާއެއް ނުވާނޭ، އެހެން ފަރާތެއްގެ ކުރިމަތީގައި ނިކަމެއްޗެއް ނުވާނޭ، އެހެން ފަރާތެއްގެ ކުރިމަތީގައި ތިބާ ސަޖިދަ ޖަހަންޖެހޭ ކަމަކަށް ޤަބޫލެއް ނުކުރާނޭ، އެހެން އެއްވެސް ފަރާތަކަށް އޭނާގެ މައްޗަށް ބާރުފޯރުވޭ ކަމަކަށް އޭނާ ޤަބޫލެއް ނުކުރާނޭ، އޭނާއަކީ މިނިވަނެއް. ﷲ ގެ އަޅެއް ހަމައެކަނި،"

 

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން  

މިއަދު އޮންލައިން