މުސްލިމުންނަށް ކުރިމަތިވާ ނިކަމެތި ޙާލަތަށް ކަންބޮޑުވެ ދުޢާކުރުމަކީވެސް އެމީހަކަށް ﷲ ތަޢާލާ ޘަވާބުދެއްވަވާނެ ކަމެކެވެ. އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައި މުސްލިމުންނަށް ލިބެމުން އަންނަ ހިތްދަތިކަމެއް ނަމަވެސްމެއެވެ.
ކޮންމެ މީހަކަށްވެސް އެމީހާގެ އަމިއްލަ ބާރު ހިންގޭނީ އަމިއްލަ ގެއަށާއި ޢާއިލާއަށެވެ. އެހެނަސް މުސްލިމުންނަށް އަނިޔާ ލިބެމުންދާނަމަ އެއީ ތިމާއާއި ނުބެހޭ ކަމެއް ކަމަށް ދެކެގެންނުވާނެއެވެ. މުސްލިމުންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅުނަސް އެއް ބައެކެވެ.
މުސްލިމުންގެ އަމާޒަކީ އެއް އަމާޒެކެވެ. އެއީ ތިމާގެ ތަޤްވާވެރިކަން އިތުރުކުރުމާއި މުސްލިމުންނަށް ނަޞްރު ދިނުމެވެ. އިސްލާމް ދީނަށް ނަޞްރުދިނުމެވެ. އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރުމެވެ.
ހަމައެފަދައިން މުސްލިމުންގެ އަމާޒަކީ އަމިއްލަ ޢާއިލާއަށް އެހީތެރިވާ ފަދައިން ދަތިޙާލުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހުރިހާ މުސްލިމުންނަށްވެސް އުފާ ފާޤަތިކަން ހޯދައިދިނުމެވެ. ކޮންމެ މުސްލިމަކަށްވެސް އުފާވެރި، އަމާން ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރުމެވެ.
ޢާއިލާގެ މީހުންނަށާއި އަވަށްޓެރިންނަށް އަޅާލައި އެހީތެރިވެދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ލައްވަވާފައިވަނީ އެސަބަބަށްޓަކައެވެ. ޢާއިލާގެ މީހަކު ނަމަވެސް އަވަސްޓެރިއަކު ނަމަވެސް ދަތިޙާލުގައި އެއްވެސް މީހަކު އުޅޭނަމަ އެމީހަކަށް އެހީތެރިވުމަކީ އެންމެ ފައިދާހުރި އެއް އަޅުކަމެވެ. އެކަންކަމަށް ސަމާލުކަން ދެވޭނީ އެމީހެއްގެ ހިތުގައި އީމާންތެރިކަން ހުރި މިންވަރަކުންނެވެ. އެހެން މީހުންގެ ަމއްޗަސް ރަޙުމްކުރުމާއި އެހީތެރިވުމަކީ އީމާންކަން ވަރުގަދަ މީހުންގެ ސިފަތަކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން