އަންހެނަކާއި ފިރިހެނަކު ﷲ ތަޢާލާ އަންގަވާފައި ގޮތުގައި ތިބެ ކައިވެނިކޮށްފިނަމަ އެދެމަފިރިންނަށް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. ކައިވެންޏަށްފަހުގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭނަމަ ދެމީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތި ހުސްއަތާ ތިބެގެން ކައިވެނިކުރިނަމަވެސް ހިތްހަމަޖެހިގެން ދިރިއުޅެވޭނެ މަގެއް ދައްކަވާނެތެވެ.
އެއިގެ ބަދަލުގައި ފާޙިޝް ޢަމަލުތައް ކުރަމުން ކައިވެނިކޮށްފިނަމަ ދެމަފިރިންގެ ދެމެދަށް ޝައިޠޯނާ ވަދެގަނެ ދެމީޙުން ލައްވައި ފާފަތައް ކުރުވާނެތެވެ. ﷲ ތަޢާލާގެ މަގާއި ދުރުވުމަށް ވަސްވާސްދީ މަގުފުރައްދާނެތެވެ.
ނަތީޖާއެއްގެ ގޮތުން ދިރިއުޅެން ބޭނުންވާނެ ކިތަންމެ ގިނަ ވަސީލަތްތަކާއިއެކު ކައިވެނިކުރިނަމަވެސް، އަތްމަތި ތަނަވަސް ނަމަވެސް އެކަވެނި ދާނީ ފޭލްވަމުންނެވެ. މުތަނަވސްކަން އުފެދި ހަމަނުޖެހުން ގިނަވެ ދެބަސްވުންތައް ގިނަވެގެންދާނެއެވެ. ކައިވެނީގެ އުފާވެރިކަން ގެއްލިގެންދާނެއެވެ.
މިޒަމާނުގައި ޒިނޭކުރާ ވާހަކައެއް ނުދައްކާނެއެވެ. ކިޔާނީ ރީތިނަމެކެވެ. "ޑޭޓް" ކުރުމެވެ. މިއީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ. ކައިވެނި ކުރުމުން ހުއްދަވާ ކަންކަން ކައިވެނީގެ ކުރިން ކުރުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމަކު އެކަންކަމަށް ބިރުވެތި ނުވެވެނީއެވެ.
ކައިވެނިކުރާ ހިސާބުން މައްސަލަތައް ޖެހެން ފަށާ ވާހަކަތަކާއި ކައިވެނި ރޫޅޭލެއް އަވަސްކަމުގެ ވާހަކަތައް ގިނަ ބައަކު ދައްކައެވެ. އެކުގައި ދިރިއުޅެން ހުރަސްއެޅޭ ވާހަކައާއި އުފާވެރިކަން ގެއްލޭ ވާހަކަތައްވެސް ދައްކައެވެ. އެހެނަސް މިބަޔާންކުރި ފަދަ ތިމާމެންނަށް ކުރެވޭ ކުށްތަކުގެ ވާހަކައެއް ނުދެއްކެއެވެ.
ވިސްނާށެވެ! ކިތަންމެ ސާފުފެނަށްވެސް ނަޖިހެއް އެޅިއްޖެނަމަ އެފެން ނަތިސްވީއެވެ. ވީމާ ދިރިއުޅުމުގައިވެސް މެދުވެރިވާނީ ހަމައެގޮތެވެ. ފާފަކުރެވޭނަމަ ނަޖިސްވާނެއެވެ. ޙައްލަކީ ސާފުޠޯހިރުކަންމަތީގައި އަބަދުވެސް ތިބެން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރުންމަތީގައި ދެމިތިބުމެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން