އަނބިމީހާއަށް ވަޤުތުނުދެވުނުކަމުގެ ހިތާމައިގައި އުޅެންޖެހިފައިވާ މިލިއަނަރެއްގެ އަގުހުރި ނަޞީޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަނބިމީހާއަށް ވަޤުތުނުދެވުނުކަމުގެ ހިތާމައިގައި އުޅެންޖެހިފައިވާ މިލިއަނަރެއްގެ އަގުހުރި ނަޞީޙަތެއް!

ޤައުމުގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިންވެސް ބޮޑު ކުންފުންޏެއްގެ ވެރިމީހާ އެކަނި ޕާކެއްގެ ގޮނޑިއެއްގައި އިންތަން ފެނިގެން މީހަކު އޭނާއާއި ބައްދަލުކުރިއެވެ. އޭނާގެ ކާމިޔާބީއަށް ވަރަށް ބޮޑަށް ތަޢުރީފްކުރިއެވެ. ދެން ބުނީ އޭނާފަދަ ކާމިޔާބު މީހަކަށްވާން މަސައްކަތްކުރަން ބޭނުންވާކަމަށެވެ. އަދި އެކަމަށް ނަޞީޙަތެއް ދިނުމަށެވެ.  

ދެން މިބުނެދެނީ އޭނާ ދެއްކި ވާހަކައެވެ. "ދަރިފުޅާއެވެ! އެއްގޮތަކަށްވެސް އަހުރެން ފަދަ މީހަކަށްވާން މަސައްކަތްނުކުރާށެވެ! އަހުރެން ފަދަ މީހަކަށް ވެވިއްޖެނަމަ ދިރިއުޅެންޖެހޭނީ އެކަނިވެރިކަމާއިއެކު ވަރަށް ހިތްދަތި ޙާލުގައެވެ. ޕާކުގެ ގޮނޑިގައި އިންނަންޖެހޭނީ އެކަންޏެވެ.  

ނިކަން ވިސްނައިލަ ބަލާށެވެ! މިއަދުވެސް މިތަނުގައި މިއިންނަނީ އެކަންޏެވެ. އަނބިމިހާގެ ހަނދާނުގައެވެ. އަނބިމީހާ ވަނީ ނިޔާވެފައެވެ. ދުނިޔޭގައި ހުރިއިރު އަހުރެންގެ ކިބައިން އަބަދުވެސް ޢާދޭސްކުރީ ދެމީހުން އެކުގައި ވަޤުތު ހޭދަކުރަން ބޭނުންވެގެންނެވެ. އެކަމަކު އަހުރެންނަށް އުޅެވުނީ ވީހާގިނަ ފައިސާ ޖަމާކުރަން ބޭނުންވެގެންނެވެ. އެހެންވެ އަނބިމީހާއަކަށް އެއްވެސް ވަޤުތެއް ނުދެވުނެވެ. ފަހުން ވަޤުތު ދޭން ހުއްޓައި ނިޔާވީއެވެ.  

އެހެންވެ ވީދެރައިން މިހާރު އެއްވެސް މަސައްކަތެއް ނުކުރަމެވެ. ވިޔަފާރީގައި އުޅެނީ ދަރިންނެވެ. ދަރިންނާއި ވިޔަފާރި ޙވާލުކުރީ މިހުރިހާ ވާހަކަތަކެއް ކިޔައިދީފައެވެ. އެކަމަކުވެސް އަޑުއިވުނު ކަމަކަށް ނުވިއެވެ. އެކުދިންވެސް އުޅެނީ އަހުރެން ކުރިން އުޅުނު ގޮތަށް އަބަދު މަސައްކަތުގައެވެ. އެހެންވެ އެކުދިންގެ ޢާއިލީ ދިރިއުޅުންވެސް ދަނީ ވީރާނާވަމުންނެވެ. 

ދަރިފުޅާއެވެ. ފައިސާ ގިނަކުރެވިދާނެއެވެ. އެކަމަކު ކިތަންމެ ގިނައިން ލިބުނަސް ހިތެއް ނުފުރޭނެއެވެ.  އެންމެ ރަނގަޅު ގޮތަކީ ލިބޭ މިންވަރަށް ހިތްހަމަޖައްސާލައި ޢާއިލާއަށް ވަޤުތު ދިނުމެވެ. ނޫނީ ޖެހޭނީ އަހުރެންނަށް މިޖެހުނު ޙާލެވެ. ބައިވެރިޔާގެ ހަނދާނުގައި ދިރިއުޅޭށެވެ! 

މިއީ އަޅުގަނޑު ބެލި ވީޑިއޯއަކުން ނަގާފައިވާ ވާހަކަކޮޅެކެވެ. ޢާއިޅީ ދިރިއުޅުމުގައި މައްސަލަތައް ގިނަވާ އެންމެ ބޮޑު އެއްސަބަބަކީ ހަމަ މިއީއެވެ. ދެމަފިރިންނަށް އެކުގައި ވަޤުތު ހޭދަނުކުރެވޭކަމެވެ. ވީމާ އެމިލިއަނަރުގެ މިވާހަކަކޮޅަކީ ޢިބްރަތް ޙާޞިލުކޮށްފިނަމަ ވަރަށް ބޮޑަށް ފައިދާކުރާނެ ވާހަކަކޮޅެކެވެ. ވަރަށް އަގުހުރި ނަޞީޙަތެކެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން