އޮފީހުގެ 2 މުވައްޒިފަކު އެކުގައި 3 މަސްދުވަހުގެ ޗުއްޓީއެއް ނަގަން ބޭނުންވިއެވެ. އެދިފައިވަނީ މުސާރަ ނުލިބޭނެ ގޮތަށް ނަމަވެސް ޗުއްޓީއެއް ދިނުމަށެވެ. އެޗެއާރުން އެކަން ޤަބޫލުނުކުރުމުން 2 މީހުން ދިއައީ ވެރިމީހާގެ ގާތަށެވެ.
ވެރިމީހާ ބުނީ 3 މަސްދުވަހަށް ޗުއްޓީ ދިނުމަކީ ކުންފުނިންކުރާ ކަމެއް ނޫންކަމަށެވެ. ނަމަވެސް ތިއަހައި ދިގު ޗުއްޓީއެއް ބޭނުންވާ ސަބަބު ބުނެދީފިނަމަ ވިސްނާނެ ކަމަށެވެ.
އެކުދިން ކިޔައިދިނެވެ. އެއީ އަހުރެމެންގެ އަޞްލު މަންމައެއް ނޫނެވެ. ނަމަވެސް ވަރަށް ކުޑައިރުންސުރެ އަހުރެމެން ގެންގުޅެ ކިޔަވައިދީ މިފެންވަރަށް ގެނެސްދިނީ އޭނާއެވެ. އެމަންމައަށްވަނީ ކެންސަރު ޖެހިފައެވެ. ފަރުވާކުރަމުން ގޮސް ކީމޯއަށް ފަށަން ޖެހިފައެވެ. އެހެންވެ މިދުވަސްކޮޅު އެމަންމައަށް ހިތްވަރުދީ ޚިދުމަތްކުރަން ގާތުގައި ތިބެން ބޭނުންވަނީއެވެ. އޭނާގެ ގާތުގައި މިހާރުހުރީ އަހުރެމެން ބަހައްޓާފައި ހުރި ނޯކަރެކެވެ. އެކަމަކު މިޙާލަތުގައި ނޯކަރުގެ އަތްމައްޗަށް އެމަންމަގެ ކަންކަން ދޫކޮށްލަން ބޭނުން ނުވަނީއެވެ. އެމަންމައަށް އަހުރެމެންގެ ޚިދުމަތަށް އެންމެ ބޮޑަށް ބޭނުންވި ދުވަހު އެކަނިކޮށްލަން ދެރަވަނީއެވެ.
ވެރިމީހާ ބުންޏެވެ. "މައިންނަކީ ހަމައެކަނި ވިހާ މީހާއެއް ނޫނެވެ. ގެންގުޅެ ބޮޑުކުރަނީވެސް މައިންނެވެ. ޚިދުމަތްކުރުމުގައި ތަފާތުކޮށްގެން ނުވާނެއެވެ. 3 މަހުގެ ބަދަލުގައި 4 މަސްދުވަހުގެ ޗުއްޓީއެއް ދޭނަމެވެ. ދޭނީވެސް މުސާރަ ލިބޭނެ ގޮތަށެވެ. މުސާރައާއިއެކުގައެވެ. އަދި ތިއައީ ތިއަހައި ރަނގަޅު 2 މީހުން ކަމަށްވާތީ އެނބުރި އައުމުން މުސާރަވެސް ބޮޑުކޮށްދޭނަމެވެ. އަދި މިއޮތީ މަންމަގެ ފަރުވާއަށް އަހުރެންގެ ފަރާތުން އެހީއެކެވެ. ޚަރަދުކޮށް މަންމައަށް ފަރުވާކުރާށެވެ."
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްތައްވީގޮތެވެ. މިވާހަކަކޮޅުން އެނގުނީ ދީލަތިވެރިންވެސް ތިބޭކަމެވެ. އަދި ތިމާމެން ގެންގުޅެ ބަލައިބޮޑުކުރާ މީހުން ދެކެ ލޯބިވެ ހެޔޮކޮށްހިތާ މީހުންވެސް އުޅޭކަމެވެ. އެއީ އަޞްލު މަންމަ ކަމަށްނުވިނަމަވެސް އެދިން އެމީހާދެކެ ލޯބިވާވަރު ނިކަން ދެކިބަލާށެވެ! އަދި އެކަމުން ދެކުދިންނަށް ކުރި ފައިދާވެސް ނިކަން ދެކިބަލާށެވެ! ވަޒީފާގެ ކުރިއެރުންވެސް ލިބުނީއެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިމާމެން ގުޅެ ބޮޑުކުރާ މައިންނަށް މިގޮތަށް ހެޔޮކޮށް ހިތާނަމަ ކިހާބޮޑުވާނެ ހެއްޔެވެ؟ އެކަމަކުވެސް އެކަމަށް ވިސްނައިލެވެނީ ކިތައް ދަރިންނަށްބާވައެވެ!
އަހުރެން ބުނާނީ މިފަދަ ވެރިންނާއި ދަރިން ތިބޭނަމަ، އެންމެން މިވިސްނުމުގައި މަސައްކަތްކުރާނަމަ، މިވިސްނުމުގައި ދުނިޔޭގައި އުޅެން ބޭނުންވާނަމަ ހިތާމަކުރަންޖެހޭނެ އެކަކުވެސް ނުހުންނާނެ ކަމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް