ޚުޠުބާ: މުސްލިމުން ވާންޖެހޭނީ ދުވާލު މަސައްކަތްކޮށް ރޭގަނޑު އަރާމުކޮށް ނިދާބައކަށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 54ސ
ޚުޠުބާ: މުސްލިމުން ވާންޖެހޭނީ ދުވާލު މަސައްކަތްކޮށް ރޭގަނޑު އަރާމުކޮށް ނިދާބައކަށެވެ!

އިސްލާމްދީނަކީ، ދުނިޔެއާއި އާޚިރަތުގެ ދީނެވެ. މަސައްކަތްކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވައިލާ ދީނެވެ. އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ، އިންސާނާގެ މަސްއޫލިއްޔަތެކެވެ. އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެކެވެ. މަސައްކަތްކުރުމަށް ގޮވައިލައްވައި، މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ފަހެ، ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން  ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيبލިބުމަށް ޓަކައެވެ."[1] 

އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމެވެ. ރިބާއާއި ޖުވާގެ މުޢާމަލާތްތައް ވަނީ، ޙަރާމްކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ވިޔަފާރިކުރުންވަނީ، الله، ހުއްދަކުރައްވައިފައެވެ. އަދި، ރިބާ ވަނީ حَرَامކުރައްވައިފައެވެ." ހަމަ އެފަދައިން، ބަނގުރާއާއި އޭގެ ވިޔަފާރި ވަނީ ޙަރާމްކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރާން ހަދައިފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބުލިބުމަށް ޓަކައެވެ."[2] 

އިސްލާމްދީނުގައި، ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހެއެވެ. އެ ފަދަ ބަޔަކަށް ވެވޭނީ، އެއުރެންނީ މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެންނެވެ. ﷲ ތަޢާލާ ވަނީ، ދުނިޔޭގެ ބިމާއި، އެ ބިމުގައި އުފެދޭ ގަސްހަގާގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށް ޓަކައި ޚިދުމަތްތެރިކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި،ފަސޭހަތަނެއްކަމުގައި ބިންގަނޑުލެއްވި ރަސްކަލާނގެއެވެ. ފަހެ، އެ ތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒުޤުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުން ވަނީ، އެކަލާނގެ حضرةއަށެވެ." 

ކާބޯތަކެތި އަޅާ ގަސް އިންދުމަށް ބާރުއަޅުއްވައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنْ قَامَتِ السَّاعَةُ وَفِيْ يَدِ أَحَدِكُمْ فَسِيْلَةٌ، فَإِنِ اسْتَطَاعَ أَلَّا تَقُوْمَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا)[3] މާނައީ: "ޤިޔާމަތް ޤާއިމުވާ ހިނދު، ތިޔަބައިމީހުންކުރެ މީހެއްގެ އަތުގައި، ކަދުރު ނިރެއް އޮތްކަމުގައި ވިއަސް، އޭނާއަށް ކުޅަދާނަވެގެންވާ ނަމަ ޤިޔާމަތްވުމުގެ ކުރީން، އެ ނިރު އިންދާހުށިކަމެވެ." މި ޙަދީޘުން ދޭހަވަނީ، އިސްލާމްދީނުގައި، ކާބޯތަކެތި އަޅާ ގަސްއިންދުމާއި މީސްތަކުންނަށް މަންފާ ލިބެނިވި ކަންކަންކުރުމަށް އިސްކަންދީފައިވާ މިންވަރެވެ. 

ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫނެވެ. މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީންނެވެ. އެ ބޭބޭކަލުން ވެސް، މަސައްކަތްކުރެއްވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ، وَإِنَّ نَبِيَّ اللهِ دَاوُدَ عَلَيْهِ السَّلَامُ كَانَ يَأْكُلُ مِنْ عَمَلِ يَدِهِ)[4] މާނައީ:

"މީހެއްގެ އަމިއްލަ އަތުންކުރާ މަސައްކަތުން ހޯދާ އެއްޗަކަށް ވުރެ، ހެޔޮ އެއްޗެއް، އޭނާއެއް ނުކައެވެ. ހަމަކަށަވަރުން ﷲގެ ނަބިއްޔާ دَاوُدُ عَلَيْهِ السَّلَام ފަރީއްކުޅުއްވައި އުޅުއްވީ، އެ ކަލޭގެފާނު އަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުންނެވެ." ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިޔަފާރިކުރެއްވުމަށް ޝާމުކަރައަށް ވަޑައިގަތެވެ. زَكَرِيَّا عَلَيْهِ السَّلَامއާއި نُوحُ عَلَيْهِ السَّلَام ވަޑާމުގެ މަސައްކަތްކުރެއްވިއެވެ. دَاوُدُ عَلَيْهِ السَّلَام ކަނބުރުކަންކުރެއްވިއެވެ. ހަނގުރާމަތަކުގައި ބޭނުންކުރާ ދަގަނޑުދަހަނާ އުފެއްދެވިއެވެ. عِيْسَى عَلَيْهِ السَّلَام، ބޭސްވެރިކަން ކުރެއްވިއެވެ. يُوْسُفُ عَلَيْهِ السَّلَام، އިޤްތިޞާދުގެ ޢިލްމު މޮޅަށް ދެނެވަޑައިގެން ހުންނެވިއެވެ. އެ ކަލޭގެފާނާ ބެހޭ ގޮތުން މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. (مصرގެ) ބިމުގެ خزانةތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެޔަށް) ރައްކާތެރިވާ (އެޔާ ބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ." އަދި އެންމެހައި ނަބީބޭކަލުންނަކީ ވެސް ބަކަރި ހުއިހެއްޕެވި ބޭކަލުންނެވެ. 

މާތް الله ރޭގަނޑު އަނދިރިކުރައްވައި، ދުވާލު އަލިކުރައްވައިފައި ވަނީ، ޙިކުމަތަކަށް ޓަކައެވެ. ރޭގަނޑުގެ ވަގުތު ލައްވައިފައި ވަނީ، އަރާމުކުރުމަށާއި ނިވަލެއްކަމުގައެވެ. އަދި ދުވާލު ލައްވައިފައި ވަނީ، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރާން އޮތް ވަގުތެއްކަމުގައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭ ވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ." ދިރިއުޅުމަށްޓަކައި މަސައްކަތްކުރާންޖެހޭކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން ސާބިތުވެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއްކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ."

އިސްލާމް ދީނަކީ، އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްޓަކައި، މަސައްކަތްކުރާން އަންގަވާ ދީނެވެ. މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެއެވެ. މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެއެވެ. އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފިއެވެ. މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވެއެވެ. ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައެވެ. ދަނޑުވެރިކަމާއި އިޤްތިޞާދީ އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެކެވެ. 

ތިޔަބައިމީހުންނަކީ، އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ގޮވައިލަމެވެ. މުސްލިމުންނަކީ، މާތް الله އެބައިމީހުން މި ބިންމަތީގައި ބާރުވެރިކުރައްވައިފި ނަމަ، ނަމާދުޤާއިމުކޮށް، އަމުރުމަޢުރޫފު ހިންގާން ޖެހޭ ބަޔެކެވެ. މިނިވަން ވެރިކަމެއް ކުރާން ޖެހޭ ބަޔެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފި ނަމަ، ނަމާދުޤާއިމުކޮށް، ޒަކާތްދީ، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللهއަށެވެ." މި ކަންކަން ކުރެވޭނީ މުސްލިމުންނަކީ ބާރުވެރި މިނިވަން ބަޔަކަށް ވެގެންނެވެ. ފުދުންތެރި އިޤްތިޞާދެއް އޮތް ބަޔަކަށް ވެގެންނެވެ. ސަރަހައްދު ޙިމާޔަތްކުރެވޭ ފަދަ ވަސީލަތްތަކެއް ހުރި ބަޔަކަށް ވެގެންނެވެ. ދުނިޔެއަށް އަންނަ ޢިލްމީ ކުރިއެރުންތަކާ ފައިހަމަކުރެވޭ ބައަކަށް ވެގެންނެވެ. ޢިލްމު އުނގެނި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި، ހީވާގި، އުފެއްދުންތެރި ބަޔަކަށް ވެގެންނެވެ. 

މިއަދު އޮންލައިން