އަޅުގަނޑުގެ ދައްތައަކީ ވަރަށް ބަލިވެއުޅޭ އަންހެނެކެވެ. އެކަމަކުވެސް ޅިޔަނު ދޭތެރެއަކުން ދައްތައަށް އަނިޔާކުރެއެވެ. ގޭގައި އުޅެނީ އަޅުގަނޑާއި ދައްތަގެ ޢާއިލާއެވެ. މިކަންކަން އަޅުގަނޑަށް ފެނުނީމާ ވަރަށް ދެރަވެއެވެ. ހުރި ހުރިހާވެސް މީހަކީ ހަމައެކަނި ދައްތަވީމައެވެ.
ވީމާ ޅިޔަނަށް ދޭނެ ނަޞޭޙަތެއް ހިމެނޭ ލިޔުމެއް ދެއްވަފާނަންތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުމަކީ ވަރަށް ފައިދާހުރި ލިޔުމެއް ކަމަށް އުންމީދުކުރާކަމަށެވެ.
އަނބިންނަށް އަނިޔާކުރާ ފިރިން އެކަން އެކުރަނީ އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނުއެނގިތިބެ ކަމަށްވާނަމަ ރަނގަޅަށް އަޑުއަހާށެވެ!
އަލްވަލީދު ބުނި ޢުޤްބާ، އޭނާގެ އަނބިމީހާއަށް އަނިޔާކުރާ ކަމުގެ ޝަކުވާ ރަސޫލް (ﷺ) އަށް ދެންނެވިއެވެ. ފުރަތަމަ ފަހަރު ޙަދީޘްފުޅު ކުރެއްވެވީ ފިރިމީހާ ގާތަށް ވަޑައިގެން އެކަނބުލޭގެއަކީ ރަސޫލް (ﷺ)ގެ ޙިމާޔަތުގެދަށުގައި އިން އަންހެނަކު ކަމުގައި ވިދާޅުވުމަށެވެ.
އެއިގެ ދުވަސްކޮޅެއް ފަހުން އެކަމަނާ ވަޑައިގެން ހަމަ އެމޭރުމުން ރަސޫލް (ﷺ) އަށް ޝަކުވާ ދެންނެވިއެވެ. އެފަހަރު ރަސޫލް (ﷺ) އެއިރު ތުރުކުރައްވައިގެން ހުންނެވި ލިބާސްކޮޅުން ފޮތިކޮޅެއް އިރުއްވައި ލެއްވެވުމަށްފަހު އެ ގެންދަވައި އެކަމަނާއަކީ ރަސޫލް (ﷺ)ގެ ޙިމާޔަތުގެ ދަށުގައި އިންނެވި ބޭކަނބަލެއް ކަމުގެ ހެކި ދެއްކެވުމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރުމަށް ޙަދީޘްފުޅު ކުރެއްވެވި ކަމަށް ވިދާޅުވުމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ.
އެއިގެ ދުވަސްކޮޅެއް ފަހުން އެކަމަނާ 3 ވަނަ ފަހަރަށް ވަޑައިގެން ފިރިމީހާ އަނިޔާކުރާ ކަމުގެ ޝަކުވާ ރަސޫލް (ﷺ) އަށް ދެންނެވުމުން ކޯފާއިސްކުރައްވަވައި ތެދުވެވަޑައިގެން ދެއަތްޕުޅު އުފުއްލަވައި އަލްވަލީދު ބުނި ޢުޤްބާއަށް ލައްނަތް ލެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ދުޢާ ކުރެއްވެވިއެވެ. އަދި އޭނާވަނީ ރަސޫލް (ﷺ)އަށް ނުކިޔަމަންތެރިވެފައި ކަމުގައި ދުޢާގައި ޙަދީޘްފުޅު ކުރެއްވެވިއެވެ.
މި ދެއްކުނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ރަސޫލް (ﷺ) މީހަކަށް ލަޢްނަތް ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރައްވަވާނީ އެކަމުގެ ނުބައިކަމުގެ ބޮޑުކަން ކިހައި ބޮޑުވުމުންކަން ވިސްނޭ ހެއްޔެވެ؟ އަނބިންނަށް އަނިޔާކުރުން ވެފައި މިވަނީ އެހައި ބޮޑު ކަމަކަށްކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ.
ވީއިރު ނިކަން ބުނެބަލާށެވެ! އިސްލާމެއް ކަމަށް ބުނަމުން އަނބިންނަށް އަނިޔާކުރެވޭނީ ކޮން ގޮތަކުން ހެއްޔެވެ؟ ރަސޫލް (ﷺ) މިއަދު ދުނިޔޭގައި ހުންނެވިނަމަ، އަނބިމީހާ ގޮސް ޝަކުވާ ދެންނެވިނަމަ ތިބާއަށް ލައްނަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ނުކުރައްވަވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިއަދަކު ރަސޫލް ﷺ އަހަރެމެންގެ ލޯތަކަށް ފެންނާކަށް ނެތެވެ! ފެންނަން އޮތީ އަނބިންނަށް އަނިޔާ ނުކުރުމަށް ކުރެއްވެވި އަމުރުފުޅެވެ. ދެއްވެވި އިންޒާރެވެ! އެކަން ކުރުމުން ޢަމަލުފުޅު ކުރެއްވެވި ގޮތެވެ!
ކަންކަމުގައި ރަސޫލް (ﷺ) ކަނޑައަޅުއްވަވާފައިވާ އިންތަކުން ބޭރުވެގެން ހުންނަ މީހާއަކީ ކިހައި ނުރައްކައުތެރި ފައްތަރެއްގެ މަތީގައި ހުރި މީހަކަށްވެދާނެ ކަމާއިމެދު ވިސްނައިލާށެވެ! އިސްލާމް ދީނަކީ ރަޙުމާއި ކުލުނުގެ ދީނެވެ. އެއްވެސް މީހަކަށް އަނިޔާކުރުން ހުއްދަކުރާ ދީނެއް ނޫނެވެ! ވީމާ ބިރުވެތިވެ ފުރިހަމަ މުސްލިމަކަށްވާށެވެ!
- ޝައިޚް ނަވާވިދް ޢަޒީޒްގެ ދަރުސަކު