މީހަކު ތިބާއަށް ދެރައެއް ދޭން އުޅޭކަން ވިސްނޭނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މީހަކު ތިބާއަށް ދެރައެއް ދޭން އުޅޭކަން ވިސްނޭނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ގިނަ ބައަކަށް އަބަދުހެން ތިބެވެނީ ކޮންމެވެސް ކަންބޮޑުވުމެއްގެ ތެރޭގައެވެ. ބިރުވެރިކަމެއްގެ ތެރޭގައެވެ. ތިމާއަށް ދެރަގޮތެއް މެދުވެރިވެދާނެކަމަށެވެ. ހިތް ނުއެދޭ ކޮންމެވެސް ކަމެއް މެދުވެރިވެދާނެ ކަމަށެވެ. 

އެހެން ތިބެގެން ގިނަ މީހުންނަށް ކުރެވޭ ކަމަކީ އެކަމަކަށް "ކާންދީ" ބޮޑުކުރުމެވެ. އެއީ އެކަމެއް ތިމާއަށް ކުރިމަތިވެދާނެ ގޮތްތަކަށް ވިސްނުމެވެ. ކުރިމަތިވުމުން ދެން ކަންކަން ވެދާނެ ގޮތްތަކަށް ވިސްނުމެވެ. އެކަންކަމުން ސިކުނޑި ފުރިގެންދިއުމެވެ. 

މިކަންކަމަށް އޮތް ޙައްލުވެސް ވަރަށް ފަސޭހައެވެ. ތިމާއަށް ކަމެއް މެދުވެރިވާން އުޅޭކަމަށް ނުވަތަ ވެދާނެކަމަށް ވިސްނޭއިރަށް އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! އަދި އެކަމެއް ތިމާއަށް މެދުވެރިނުވުމަށް ތިމާއަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރާށެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! އެއިރުން ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ 

ހަމައެއާއިއެކު ބައަކު ނުވަތަ މީހަކު ތިމާއަށް ކިތަންމެ ބޮޑު ދެރައެއް ދޭން މަސައްކަތްކުރިނަމަވެސް ތިމާއަށް ކުރިމަތިވާނީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވިކަމެއްކަންވެސް ޔަޤީންކޮށްގެން ހުންނާށެވެ! އެއިރުން ތިމާއަށް ކުރިމަތިވެދާނެ އެއްވެސް ކަމަކަށް ބިރުގަނެ ނުތަނަވަސްކަން ލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ  

 

--ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން