އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވަނީ އީމާންކަން ކުޑަވުމަކުން ނޫން! ކޮންމެ މީހަކަށްވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވަނީ އީމާންކަން ކުޑަވުމަކުން ނޫން! ކޮންމެ މީހަކަށްވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެ!

ބައެއް މީހުންނަށް ވިސްނެނީ އެހެން މީހުންގެ އެހީތެރިކަމަށް އެދެވެނީ އީމާންތެރިކަން ކުޑަވުމުން ކަމަށެވެ. ނަމަވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެން މީޙުންގެ އެހީތެރިކަމަށް އެދެންޖެހުމުން އެދުނަސް މުސްލިމުން ޤަބޫލުކުރާނީ އެކަން ހިންމަވައި ދެއްވަވާނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. އެއީ އެކަންކުރަން އޮތްގޮތެވެ. 

އީމާންކަން ކިތަންމެ ވަރުގަދަ ނަމަވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެއެވެ. އެކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގެން އެބައޮތެވެ. 

މިޘާލަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަނގުރާމަތަށް ވަޑައިގަންނަވާއިރު އަނބިއަނބިކަނބަލުން ގެންދަވައެވެ. އެއީ އެކަނބަލުން ހަނގުރާމައިގައި ބައިވެރިވެވަޑައިގެން ހަނގުރާމަކުރެއްވެވުމަށް ނޫނެވެ. އެއީ އެކަނބަލުންގެ އަރިއަހުން ހިތްވަރުފުޅު ބޭނުންފުޅުވެވަޑައިގަންނަވާތީއެވެ. 

އެހެން ނޫންނަމަ ހަނގުރާމަތަކަށް ވަޑައިގަންނަވާއިރު އަނބިއަނބިކަނބަލުން ގެންދެވުމުގެ ބޭނުންފުޅަކީ ކޮބައިހެއްޔެވެ؟ އެއްވެސް މީހަކު ހަނގުރާމައަކަށް ދާނީ ޝަހީދު ނުވާނެ ކަމަކަށް ނޫނެވެ. ތިމާ އާއިއެކު ތިމާގެ އަނބިމީހާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ލުމަށް ބޭނުންވާނީ ކާކުހެއްޔެވެ؟ 

މީގެ އިތުރުން ތިމާއަށް ބޭނުންވާނެ ކަންކަން ކޮށްދޭނެ މީހުންވެސް ބޭނުންވެއެވެ. ގޭގައި މަސައްކަތްކުރާނެ ނޯކަރުންނާއި ކުރާ މަސައްކަތުގައި އެހީތެރިވާނެ މުވައްޒިފުންވެސް ބޭނުންވެއެވެ. އަނބިންނަށް ފިރިންގެ އެހީތެރިކަން ބޭނުންވެއެވެ. ފިރިންނަށް އަނބިންގެ އެހީތެރިކަން ބޭނުންވެއެވެ. 

އެއީ އެއްވެސް ޙާލެއްގައި އެމީހެއްގެ ކިބައިގައި އީމާންކަން ނެތިގެން ނުވަތަ އީމާންކަން ކުޑަވެގެންނެއް ނޫނެވެ. އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނެ ގޮތަށް ﷲ ތަޢާލާ ކަންކަން މިންވަރުކުރައްވަވާފައިވާތީއެވެ. 

އަހުރެމެންނަށް ކުރިމަތިވާ ކަންކަން ﷲ ތަޢާލާ ޙައްލުކުރައްވަވައި ދެއްވަވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތަކަށެވެ. މިޘާލަކަށް މާލީ ދަތިކަމެއް ކުރިމަތިވެއްޖެނަމަ އެކަން ގިނަފަހަރު ޙައްލުކޮށްދެއްވަވަނީ ކޮންމެވެސް މީހަކު މެދުވެރިކުރައްވަވއިގެންނެވެ. 

"އީމާންކަން ކިތަންމެ ވަރުގަދަ ނަމަވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެއެވެ." އެއީ ކުރިން މި ބަޔާންކުރިފަދައިންނެވެ. ޔަޤީންކުރަންވީ ކަމަކީ އީމާންކަން ވަރުގަދަ އެމީހަކު ކޮންމެ ކަމެއްގައިވެސް ބަރޯސާވާނީ ތަޢާލާއަށެވެ. އެއްވެސް މީހަކަށް ނޫނެވެ. އަދި ކަންކަމުގައި އެހީތެރިވާނެ މީހުންނަކީ ﷲ ތަޢާލާ މެދުވެރިކުރައްވަވާ ބައެކެވެ. ވީމާ މިއިން ކޮންމެ ޙާލަތެއްގައިވެސް އެހީތެރިކަން އެލިބެނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އީމާންވެގެން ހުންނަ މީހާ ޔަޤީންކުރާނީ މިކަންކަމެވެ.

 

- ޑރ. ނޫމާން ޢަލީ ޚާމްގެ ދަރުސަކުން

 

  

މިއަދު އޮންލައިން