ރަނގަޅަށް ވިސްނައިލާ!: ދަރިންނަށް އެކުދިން މަރުވިއްޔާ މާރަނގަޅު ކަމަށްބުނެ ބިރުދައްކާފަހުން އެކުދިން މަރުވީމާ ލައުޑްސްޕީކަރެއް ބޭނުންކޮށްގެން ރުއިނަމަވެސް ކުރާނީ ކޮން ފައިދާއެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރަނގަޅަށް ވިސްނައިލާ!: ދަރިންނަށް އެކުދިން މަރުވިއްޔާ މާރަނގަޅު ކަމަށްބުނެ ބިރުދައްކާފަހުން އެކުދިން މަރުވީމާ ލައުޑްސްޕީކަރެއް ބޭނުންކޮށްގެން ރުއިނަމަވެސް ކުރާނީ ކޮން ފައިދާއެއްތަ؟

ބައެއް ފަހަރު ދަރިންނަށް ކުށްކުރެވެއެވެ. އަނެއްބައި ފަހަރު ދަރިން ކުށްވެރިކުރެވެނީ އެއްވެސް ކުށެއް ކޮށްގެނެއް ނޫނެވެ. މައިންބަފައިން ބޭނުންވާ ފެންވަރަށް ކަންކަން ނުކުރެވިގެންނެވެ. މިޘާލަކަށް މައިންބަފައިން ވަކިފެންވަރަކަށް ނުވަތަ ވަކިގޮތަކަށް ކުރަން ބުނާކަމެއް އެގޮތަށް ކުރަން މަސައްކަތްކުރީމާވެސް ނުކުރެވެނީއެވެ. މިމައްސަލަ އިތުރަށް ފުޅައުވަމުން ގޮސް މައިންބަފައިން ދައްކާ މީހަކާ ކައިވެނިކުރަން އެއްބަސްނުވުމަކީވެސް މިދިނިޔެއަށްވުރެ ބޮޑު ަމއްސަލައަކަށް އެބަހަދައެވެ.  

މިފަދަ ކަންކަމާއި ގުޅިގެން ދަރިންނަށް ބިރުދެއްކުމާއި މާޔޫސްކުރުވުމުގެ އެތައް ހިނގައެވެ. އެކަންކަމުގެ ނަތީޖާއަކަށްވަނީ ބައެއް ކުދިންނަށް އެކުދިން އިތުރަށް ދުނިޔޭގައި ތިބުމުގެ އެއްވެސް ބޭނުމެއް ނެތަކަމަށް ވިސްނުމެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ކުދިންނަށް ކެތްތެރިނުވެވިގެން އަމިއްލައަށް ދުނިޔެ ޑޫކޮށްފައިވެސް އެބަހުއްޓެވެ. އަދި އެއީ އަބަދުވެސް ހިނަގަމުންދާ  ކަމެއްވެސްމެއެވެ.  

މިތަނުގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ދަރިއަކު މަރުވުމުން މައިންބަފައިން ރޮއި ކަރުނައަޅާކަމެވެ. ކުރިން ބުނެވިފައިވާ ބަސްތަކާއި އަދި ކަންކަން ކުރެވުނުގޮތާއިމެދު ހިތާމަކުރާކަމެވެ. އަދި ގިނަ މައިންބަފައިން ދަރިފުޅުގެ ހަނދާނުގައި ހިތާމަކުރުންމަތީގައި ޢުމުރަށްތިބޭއިރުވެސް ދަރިފުޅުގެ އެހަނދާންތަކާއި ވަކިވެވޭ ކަމަކަށްވެސް ނުވެއެވެ. އަދި ފަހުން މައިންބަފައިންނަށް އެކަން ނަފްސާނީ ބޮޑު މައްސަލައަކަށް ވެގެންދެއެވެ.  

އަހުރެންގެ އިލްތިމާސަކީ ދަރިފުޅު ކިތަންމެ ބޮޑު ކުށެއް ކުރިޔަސް، އަދި ހިތް ނުއެދޭ ކަމެއް ކުރިޔަސް، އަދި ތިމާމެން ނުރުހޭ މީހަކާއި ކައިވެނިކުރިޔަސް ރަނގަޅު ގޮތުގައި ކުދިންނާއި ކުރިމަތިލާށެވެ! އެކުއްޖަކު ބާކީކޮށް އެއްލައިނުލާށެވެ! ދިރިއުޅުން މަތިން ފޫހިވެ މާޔޫސްވާންޖެހޭ ހިސާބަށް ކަންކަން ނުގެންދާށެވެ.  

ކިތަންމެ ރަނގަޅަށް ތަރުބިއްޔަތުކުރިނަމަވެސް ދަރިއެއްގެ ކިބައިން ނުރަނގަޅު ކަމެއް ފެނިދާނެއެވެ. ކުށެއްވެސް ކުރެވިދާނެއެވެ. ނަމަވެސް ގިނަކުދިންނަށް ގޯސްތައް ހެދެނީ އެކުދިންނަށް ދޭންޖެހޭ ތަރުބިއްޔަތުނުދެވޭތީއެވެ. ވީމާ ދަރިންގެ ކިބައިން މިބުނިފަދަ ކަމެއް ފެނިއްޖެނަމަ ފުރަތަމަ ކަމަކަށް ތިމާމެން އަދާކުރަންޖެހޭ ޒިންމާ އަދާކުރެވުނުކަމާއިމެދު ވިސްނާލަންވާނެއެވެ. އަދި ތިމާމެންނަށް އެކަން ޙައްލުނުކުރެވުނުނަމަ ދީނީ ޢިލްމްވެރިންގެ ލަފާވެސް ހޯދަންވާނެއެވެ. އެއިރުން ކަންކަން ދާނީ ޙައްލުކުރެވެމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން