ދެމަފިރިން ވަކިވާންޖެހުނު މައްސަލަ ދަރިންނަށް ކިޔައިދޭންވާނީ ޙަޤީޤަތާ އެއްގޮތަށް! ތިމާގެ ކޮޅަށް މޮޅުވާގޮތަށް ކިޔައިދިނުމަކީ ފަހުން ހިތާމަކުރަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދެމަފިރިން ވަކިވާންޖެހުނު މައްސަލަ ދަރިންނަށް ކިޔައިދޭންވާނީ ޙަޤީޤަތާ އެއްގޮތަށް! ތިމާގެ ކޮޅަށް މޮޅުވާގޮތަށް ކިޔައިދިނުމަކީ ފަހުން ހިތާމަކުރަންޖެހޭނެ ކަމެއް!

ކައިވެނިތައް ރޫޅެނީ ވަކިމީހަކުގެ ސަބަބުން ކަމަށް ނިންމައިގެން ނުވާނެއެވެ. ފިރިމީހާގެ ސަބަބުންވެސް އަދި އަނބިމީހާގެ ސަބަބުންވެސް ކައިވެނި ރޫޅެއެވެ. ވީމާ ކުށްވެރިއަކަށްވާނީ ކުށްކުރި މީހެކެވެ.  

ދެމަފިރިން ވަކިވިނަމަވެސް ދަރިންގެ ބައްޕަ ޚަރަދުކޮށް ދަރިންގެ ކަންކަން ބަލަހައްޓާނަމަ އޭނާއަކީ ދަރިންނަށް ރަނގަޅު މީހެކެވެ. އެފަދަ ބައްޕައިންނަކީ ނުބައިބައެއްކަމަށް ދަރިންނަށް ވިސްނައިނުދޭށެވެ. އޭނާ ނުބައިވީ އަނބިމީހާއަށް ކަމަށްވުމަކީ ދަރިންނާއި އޭނާއާއި ދެމެދަށް ހުރަސް އަޅައި ފިތުނަ އުފެއްދުން ހުއްދަވާ ސަބަބެއް ނޫނެވެ.  

ދަރިން ބަލަނީ މަންމަ ކަމަށްވެފައި ދަރިންގެ ބައްޕަ ޚަރަދުނުކުރާތީ މާލީ ދަތިތައް ކުރިމަތިވާނަމަ ދަރިންނަށް ކަންތައްތައް ކޮށްނުދެވޭ ޙާލަތުގައި އެކަން ބަޔާންކުރުމަކީ ހުއްދަ ކަމެކެވެ. އެޙާލަތުގައިވެސް އިތުރު ވާހަކަ ދައްކައި ހެދުން ރަނގަޅެއް ނޫނެވެ. ދަރިންގެ ގާތުގައި ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލައިގެ ވާހަކަ ދައްކާނަމަ ދައްކަންވާނީ ޢަދުލަށެވެ. ކުށްކުރެވުނު މީހާ އެކަން ޤަބޫލުކުރަންވާނެއެވެ.  

މައިންނަށް ކުރެވޭ ކުށްތަކުގެ ވާހަކަ ދަރިންނަށް ކިޔައިދިނުމުގައިވެސް ޢަދުލުވެރިވާންވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އެވާހަކަ ސިއްރުކުރުމެވެ. އަނެކާގެ އަޢިބުތައް ސިއްރުކުރުމަކީ އެމީހެއްގެ ޢައިބު ﷲ ތަޢާލާ ޤިޔާމަތް ދުވަހު ފޮރުއްވަވައި ދެއްވަވާނެ ކަމެކެވެ.  

އަދިވެސް ވިސްނާށެވެ! ކައިވެނި ރޫޅެންޖެހުނު ނުވަތަ މެދުވެރިވި ސަބަބު އޮޅުވާލައިގެން ދައްކާ ވާހަކަތަކުގެ ޙަޤީޤަތް ކޮންމެވެސް ދުވަހަކުން ދަރިންނަށް އެނގޭނެއެވެ. އެއިރުން ދޮގުހެދި މީހާދެކެ ރުޅިއައިސް ނަފުރަތުކުރާނެއެވެ. ދެއްކި ދޮގުވާހަކަތަކުގެ މައްޗަށް ބުރަވެ ބައްޕަ ނުވަތަ މަންމައަށް ހިތްބުރަކޮށްގެން ހުރެވުނީތީ ދެރަވާނެއެވެ. އެކަން ބަދަލުވާނީ ފޫހިވުމަށެވެ. ނަފްރަތަށެވެ.  

ދަރިންނަށް ބުނެލަން އޮތީ މައިން ބަފައިން ނުވަތަ ދެމީހުންކުރެ މީހަކު ނުބައިކޮށް ކަންކަން ކުރިނަމަވެސް ބޮޑުވުމުން އެކަމަށް ޝަކުވާ ނުކުރާށެވެ. ހެޔޮކޮށް ހިތާށެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ. އެމީހުން ނުބައިކޮށް ކަމެއްކޮށްފައިވާނަމަ އެކަން ﷲ ތަޢާލާގެ ޙަޟްރަތަށް ދޫކޮށްލާށެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމަކީ އެއީއެވެ.

 

- މައްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން