ތިބާއަށް ހަމަޖެހުން ލިބެން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިބާއަށް ހަމަޖެހުން ލިބެން އޮތް މަގު-

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ﷲ ތަޢާލާއަށް ދެންނެވުމަކީ ކަމަކަށް ބޭނުންވުމުން އެކަނި ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. 

ﷲ ތަޢާލާއަށް ޙަމްދުކޮށް ޛިކުރުކުރުމާއި ލިބިފައިވާ ނިޢުމަތަށް ޝުކުރުވެރިވުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެކެވެ. ވީމާ ތަނަވަސކްނަ ލިބި ފުދި އިތުރުވެގެން ހުންނަ ލިބުނަސް ގިނަގިނައިން ﷲ ތަޢާލާއަށް ދަންނަވާށެވެ. އުފާޗވެރިކަން ލިބި އަބަދު ހިނިތުންވެގެން ހުންނަން ލިބުނަސް ﷲ ތަޢާލާއަށް ދަންނަވާށެވެ.

ދެރަ ނިކަމެތި ޙާލަތެއް ކުރިމަތިވުމުން އަހުރެމެން ﷲ ތަޢާލާއަށް ދުޢާކޮށް ޙާލަތުގެވާހަކަ ދަންނަވަމުއެވެ. އެކަމަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިގެން ދަންނަވަމުއެވެ. އެހެނަސް އެއީ އެމީހާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެން ނުވާތީއެއް ނޫނެވެ. އަހުރެމެން ކޮންމެ މީހެއްގެ ޙާލަތުވެސް އަހުރެމެންނަށްވުރެ މާމޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. 

އުފާވެރިކަމުގައި ހުރިނަމަވެސް ހިތްދަތިކަމުގައިހުރިނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދާންކުރުން ގިނަކުރާށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. ޛިކުރުތައް ކިޔައި ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ. އެހެނީ އެކަންކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

މިކަންކަން މިބުނިމަގުން ކުރާނަމަ ދެ ޙާލަތުގައިވެސް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ. ނިކަމެތިޙާލުގައިވާނަމަ އެކަމަކުން އަރައިގަނެވޭނެ މަގެއް ދައްކަވާނެތެވެ. އުފަލުގައިވާނަމަ އެކަމުގައިވެސް ބަރަކާތް ލައްވަޥާނެތެވެ. އިން ޝާ ﷲ. 

ވީމާ ވިސްނަން އޮތް ކަމަކީ ކޮންމެ ޙާލަތެއްގައި އުޅެންޖެހުނު ނަމަވެސް އަބަދުވެސް ހުންނަން ޖެހޭނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގައި ކަމެވެ. އުފާވެރިކަމުގައިވެސް އަދި ދަތިޙާލުގައިވެސް އޮތީ ޙަމްދުކޮށް ޝުކުރުވެރިވުންކަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން