ޤުރްއާނުގެ މާނައާ ޙަދީޘްފުޅުތައް ކިޔާނަމަ އެމީހަކަށް ޘާބިތުކަން ލިބުމުގެ އިތުރުން ރަނގަޅު ގޮތްތައް މެދުވެރިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 24ސ
ޤުރްއާނުގެ މާނައާ ޙަދީޘްފުޅުތައް ކިޔާނަމަ އެމީހަކަށް ޘާބިތުކަން ލިބުމުގެ އިތުރުން ރަނގަޅު ގޮތްތައް މެދުވެރިވާނެ! އިން ޝާ ﷲ

މުސްލިމުން އުޅެންވީ ގޮތާއި ޢަމަލުކުރަން އޮތް ގޮތް އެނގެން އޮތީ ކީރިތި ޤުރްއާނާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅުތަކުންނެވެ. ވީމާ އަހުރެމެންނަށް އޮތީ ވީހާގިނައިންީރިތި ޤުރްއާނާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅުތައް ކިޔައި ދަސްކުރުމެވެ. އަދި ޢަމަލުކުރަން މަސައްކަތްކުރުމެވެ.  

ހަމައެއާއިއެކު ޢިލްމްވެރިން ދެއްވާ ދަރުސްތައް އަޑުއަހައި އަދި އެފަދަ ލިޔުންތައް ކިޔަންވާނެއެވެ. ސަބަބަކީ ކޮންމެ މީހަކީ ކީރިތި ޤުރްއާނާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅުތަކުގެ ލަފްޒީ މާނަ އެނގުމުން ހުރިހާ ކަންކަން ވިސްނޭނެ ބައަކަށް ނުވާތީއެވެ.  

ކޮންމެ މީހަކުވެސް އެމީހެއްގެ ޙަޔާތަށް ހެޔޮ ބަދަލުތައް ގެންނަން ބޭނުންވާނެއެވެ. ކުރިއެރުން ލިބެން ބޭނުންވާނެއެވެ. އާޚިރަތް ކާމިޔާބުކުރަންވެސް ބޭނުންވާނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ކީރިތި ޤުރްއާނާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅުތައް އުނގެނި ޢަމަލުކުރަން މަސައްކަތްކުރުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ދުނިޔެއާއި އާޚިރަތުގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ 2 ލިޔުން ވިދާޅުވެލައްވާށެވެ.   

އަހުރެން އިސްލާމްދީނާއިމެދު ވިސްނަންފެށީ އެކުގައި މަސައްކަތްކުރާ އެކުވެރިންގެ ކިބައިން ފެނުނު ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުންނެވެ. އެއިގެ ތެރެއިންވެސް ފާހަގަކުރެވުނު އެއްކަމެއްވެސް ބުނެލާނަމެވެ.  

އެކަމަކީ ކިތަންމެ އަވަސްއަވަހަށް ބައްދަލުވިނަމަވެސް "އައްސަލާމް ޢަލައިކުމް" ކިޔާކަމެވެ. ބައްދަލުވާ ކޮންމެ ފަހަރަކު އެހެން ކިޔާތީ އަހުރެން އެއިގެ މާނަ ދަސްކުރީމެވެ. އެއިގެ މާނައިން ދެކަމެއް އަހުރެންނަށް ފާހަގަކުރެވުނެވެ.  

ފުރަތަމަކަމަކީ ތިމާގެ ކިބައިން އަނެކާއަށް އެއްވެސް ގެއްލުމެއް ނުދޭނެކަމުގެ ޔަޤީންކަން ދެވޭކަމެވެ. ދެވަނަ ކަމަކީ އަނެކާއަށްޓަކައި ކުރެވޭ ހެޔޮދުޢާއެއް ކަމެވެ. އެހިސާބުން އަހުރެން އިސްލާމް ދީން އުނގެނެން މަސައްކަތްކުރީމެވެ. ފޮތްތައް ކީމެވެ. ޤުރްއާންވެސް ކީމެވެ.  

އިސްލާމް ދީނަކީ އެންމެ ރަނގަޅު ދީންކަން ޔަޤީންކުރެވުމުން އަހުރެން އިސްލާމްވީމެވެ. އެކުވެރިންނަށް އެކަން އެނގުނީ އަހުރެން ބުރުގާއަޅައިގެން އޮފީހަށް ދިއުމުންނެވެ. އެކުވެރިން އުފަލުން ފޮޅުނެވެ. ބައްދައި އޮޅުލައި ބޮސްދީ ހެދިއެވެ.  

ހަމަތެދެއް ބުނަން ހެއްޔެވެ؟ ޔުނިން އެންމެ މަތީ ދަަރޖައިގައި ފާސްވުމުން ޢާއިލާއިން ކީ މަރުޙަބާއަށްވުރެވެސް މާފުރިހަމަ މަރުޙަބާއެއް އެކުވެރިން ކިޔެވެ. އެއީ އަހުރެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.  

އެކުވެރިން އަހުރެންނާއި ކުރި ސުވާލުތަކުން އެއްސުވާލުވެސް ފާހަގަކޮށްލާނަމެވެ. "ދީނަށް ޢަމަލުކުރާނެ ގޮތް ދަސްކުރުމާއިމެދު ނިންމާފައި އޮތީ ކޮން ގޮތެއް ހެއްޔެވެ؟" ޖަވާބުގައި އަހުރެން ބުނީމެވެ. "ދީނަށް ޢަމަލުކުރެވޭނީ ޤުރްއާނާ ސުންނަތް އެނގިގެންކަން ޤަބޫލުކުރެވޭތީ މިގެންދަނީ ދަސްކުރަމުންނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ދިރިއުލުމުގައި ދިމާވާ ހުރިހާ މައްސަލަތަކެއްގެ ޖަވާބު ޤުރްއާނުން އެބައެނގެއެވެ. އަހުރެން ޤުރްއާން ޤަބޫލުކުރަން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމައެއީއެވެ. ޤުރްއާން ދެކެ އެހައިބޮޑަށް ލޯބިވެވުނު އެންމެ ބޮޑު ސަބަބަކީވެސް ހަމައެއީއެވެ."  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އޭނާއަށް އެބުނެވުނީ އެކަން އޮތް ގޮތެވެ. ޤުރްއާނުން ޙއްލުނުފެންނާނެ މައްސަލައެއް ނެތެވެ. ނަމަވެސް ހައްލު ފެންނާނީ ހޯދައިބަލާ މީހަކަށެވެ. ހެޔޮ ގޮތުގައި ވިސްނަން އެނގޭ މީހަކަށެވެ.  

ދެން ބުނެލަން ބޭނުންވަނީ ޤުރްއާނުގެ ޢިލްމް ނެތްނަމަ ބައެއް ކަންކަން ހޯދަން އުނދަގޫވެދާނެއެވެ. އެޙާލަތުގައި ޢިލްމްވެރިންގެ ބަސްފުޅު ހޯދާށެވެ. އެއިރުން ޙަދީޘްފުޅުތަކުން އެކަމެއް އެނގިގެންދާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ޤުރްއާނާމެދު މިމޭރުމުން ވިސްނައިފިނަމަ އެންމެންވެސް އިސްލާމްވާނެ! އިން ޝާ ﷲ  

އަހުރެން ކްރިސްޓިއަން ދީން ނޫން އެހެން ދީނެއް ހޯދަން ަމސައްކަތްކުރަން ފެށީ ބައިބަލް އަކީ ﷲ ގެ ވަޙީ (ޥޯޑް އޮފް ގޯޑް) ކަމަށް ބުނާ ބުނުން ޤަބޫލުނުކުރެވިގެންނެވެ. ޤަބޫލުނުކުރެވެން ފެށީ އެއްވެސް މީހަކު އެވާހަކަ ބުނެގެނެއް ނޫނެވެ. އަމިއްލަ ވިސްނުމުންނެވެ.  

މިޘާލަކަށް އެއީ ﷲ ގެ ވަޙީ ނަމަ އެކި ބައިބަލް ތަކުގައި ތަފާތުވަނީ ކީއްވެގެން ހެއްޔެވެ؟ އަދި މިހާރުވެސް ތަފާތުކުރަމުން ބަދަލުކުރަމުން އެބަގެންދެއެވެ. އެހެންވެ އަހުރެންގެ ހިތުގައި އުފެދޭ ސުވާލަކީ މިހާރު އެބަދަލުތައް ގެންނަނީ ކާކަށް ﷲ ވަޙީބާވައިލައްވަވާތީހެއްޔެވެ؟ އެއީ ﷲ ގެ ވަޙީނަމަ އެއިން ބައެއް އުނިކުރަން ނުވަތަ އިތުރު ބައެއްލާން ހުއްދަވެގެންވަނީ ކާކަށް ހެއްޔެވެ؟

ބައިބަލްތަކުގައި ހުންނަ ވާހަކަތައްވެސް ތަފާތެވެ. ދެފޮތެއްގައި އެއްގޮތަކަށް ނުއޮވެއެވެ. މިއީ އަހުރެންގެ ބުއްދިއަށް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. ދެން އޮތީ އަހުރެން އިސްލާމްދީން އިޚްތިޔާރުކުރި ސަބަބަބެވެ.  

އަހުރެން އިސްލާމް ދީން ޤަބޫލުކުރީ ޤުރްއާނުން ކަންކަން ދަސްކޮށްގެންނެވެ. ހުރިހާ މުޞްޙަފްތަކެއްގައި ވަނީ އެއްގޮތަކަށެވެ. އެންމެ އަކުރެއް އަދި ފިއްޔެއްގައިވެސް ތަފާތެއް ނުވެއެވެ.  

ދެން އަހުރެންގެ ސަމާލުކަން ހުއްޓުނީ ކީރިތި ޤުރްއާން ޙިމާޔަްތކުރައްވަވާނެކަމަށް އޮންނަ ވަޙީބަސްފުޅަށެވެ. 1450 އަހަރުވީއިރުވެސް އެއްވެސް ބަދަލެއް ނުގެނެވި އެއޮތީ އެބަސްފުޅުގެ ތެދުކަމުންނެވެ. ﷲ އެފޮތް ޙިމާޔަތްކުރައްވަވާފައިވާތީއެވެ.  

މިއީ އަލަށް އިސްލާމްވި އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. އަހުރެމެން ކޮންމެ މުސްލިމަކަށްވެސް އެނގުން ވަރަށް މުހިންމު ބަސްކޮޅެކެވެ.

 

 

މިއަދު އޮންލައިން