އަލަށް!: ޙަފްޞަތުގެފާނު 02: މާތް ރަސޫލާ ޞޢޥ އެކަމަނާއާ ކައިވެނި ބައްލަވައިގަތުނން

ކިޔުމަށް ހޭދަވާނީ 1މ 57ސ
އަލަށް!: ޙަފްޞަތުގެފާނު 02: މާތް ރަސޫލާ ޞޢޥ އެކަމަނާއާ ކައިވެނި ބައްލަވައިގަތުނން

ޢަލީ އިޙްޞާން ފިރާޤް

 

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަފްޞާއާ ކާވެނިފުޅު ބައްލަވައިގަތުން: 

ފިރިކަލުން އަވަހާރަވުމާއެކު ޙަފްޞާ ރަޟިޔަ ޢަންހާ އަށް ލިބިވަޑައިގަތީ ވަރަށް ފުން ހިތާމަފުޅެކެވެ. އެފަދަ ޒުވާން އުމުރުފުޅެއްގައި ހުވަފަތްވެވަޑައިގަތުމަކީ އެކަމަނާއަށް ބަދަރުދާސްތު ކުރައްވަން ދަތިފުޅުކަމެކެވެ. އެކަމަނާގެ ހާލުކޮޅު ފެނިވަޑައިގެން އެންމެ ބޮޑު އަސަރުތަކެއް ކުރައްވަން ޖެހިވަޑައިގަތީ ބަފައިކަލުން ޢުމަރު ބްނުލް ޚައްތާބު ރަޟިޔަ ޢަންހުއަށެވެ. އެހެންކަމުން އެކަލޭގެފާނު ގެންދެވި ޙަފްޞަތުގެފާނު ދެވަނަ ކާވަނިފުޅަކަށްޓަކައި ވިސްނާވަޑައިގަންނަވަމުންނެވެ.

ޞަޙީހުލް ބުޚާރީގައިވެއެވެ. ޙަފްޞަތުގެފާނު ހުވަފަތްވެވަޑައިގެންނެވުމުން އެކަމަނާގެ ބައްޕާފުޅު ޢުމަރު ބްނުލް ޚައްތާބު ރަޟިޔަ ޢަންހު ޢުޘްމާނުގެފާނާ ބައްދަލުކުރައްވައި ޙަފްޞަތުގެފާނާ ކާވެނި ބެއްލެވުމަށް ހުށައެޅުއްވިއެވެ. ޢުޘްމާނުގެފާނު ވިދާޅުވިއެވެ. [ތިމަން ތިޔަކަމާ ވިސްނާލަން ވަގުތު ބޭނުމެވެ.] ޢުމަރުގެފާނު ދުވަސްކޮޅެއްވަންދެން މަޑުކުރެއްވިއެވެ. ދުވަސްކޮޅެއްފަހުން ޢުޘްމާނުގެފާނު ވިދާޅުވިއެވެ. [ތިމަން ގަސްތުކުރަނީ މިވަގުތު ތިޔަކަން ނުކުރުމަށެވެ.] 

ދެން ޢުމަރުގެފާނު އަބޫބަކަރުގެފާނާ ބައްދަލުކުރައްވާ އެކަލޭގެފާނަށް ޙަފްޞަތުގެފާނުގެ ކާވެނިފުޅު ހުށައެޅުއްވިއެވެ. ނަމަވެސް އެކަލޭގެފާނު އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވިއެވެ. އެހެންކަމުން ޢުޘްމާނުގެފާނާމެދު ޢުމަރުގެފާނު ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި ވަރަށް ވުރެ އިތުރަށް އަބޫބަކުރުގެފާނުދެކެ ޢުމަރުގެފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވިއެވެ. އޭގެ ދުވަސްކޮޅެއްފަހުން މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަފްޞަތުގެފާނާ ކާވެނިފުޅު ބައްލަވައިގެންނެވުމަށް ހުށައަޅުއްވައިފިއެވެ. އަދި މާތް ރަސޫލާ އެކަމަނާއާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ. 

އޭގެ ދުވަސްކޮޅެއްފަހުން އަބޫބަކުރުގެފާނު ޢުމަރުގެފާނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. [އެދުވަހު އަޅުގަނޑު ހަނު ހުރުމުގެ ސަބަބުން ކަލޭގެފާނުގެ ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި ނުރުހުންތެރިކަން އޮވެދާނެއެވެ. އެދުވަހު އަޅުގަނޑު އެއްޗެއް ނުބުނެ ހަނުހުރީ މާތް ރަސޫލާ ޙަފްޞާއާ ކާވެނި ބައްލަވާނެ ވާހަކަ ވިދާޅުވެފައިވާތީއެވެ. މާތް ރަސޫލާ އެކަމަނާއާ ކާވެނިފުޅު ބައްލަވައިނުގެންނެވިނަމަ އަޅުގަނޑު އެކަމަނާއާ ކާވެނިކުރީމުހެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަފްޞަތުގެފާނާ ކާވެނިފުޅު ބައްލަވައިގެންނެވީ ހިޖްރައިން 3 ވަނަ އަހަރުގެ ޝަޢުބާންމަހުގެ ތެރޭގައެވެ. ކާވެނިފުޅުގެ ރަނަކީ 400 ދިރުހަމެވެ. މިކާވެނިފުޅު ކުރެވުނުއިރު ޙަފްޞާ ރަޟިޔަ ޢަންހާގެ އުމުރުފުޅަކީ 22 އަހަރުފުޅެވެ.

 

މިއަދު އޮންލައިން