މީސްތަކުންނޭވެ! މަސައްކަތްކުރަންވީ ވީހައި ގިނަ ރީތި މޫނުތައް ދެކެ އެކަމުގެ އުފާ ލިބިގަންނާކަށް ނޫނެވެ. ގަދައަޅައި މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހު ﷲ ތައާލާގެ ދީދާރުފުޅު ދުށުމަށެވެ. ޤިޔާމަތް ދުވަހު އެންމެން ﷲ ތައާލާގެ ޙަޟްރަތުގައި ހުއްޓި ތިބެން ޖެހުނު ނަމަވެސް އަދި ﷲ ތަޢާލާ އެންމެންނަށް ބަސްވަޙީ ކުރެއްވެވި ނަމަވެސް ﷲ ތަޢާލާގެ ދީދާރުފުޅެއް ނުފެންނާނެއެވެ. ﷲ ތަޢާލާގެ ދީދާރުފުޅު ދައްކަވާނީ ސުވަރުގެ ވަދެވޭ މީހުންނަށެވެ.
ސުވަރުގެ ވައްދަވާ މީސްތަކުން ސުވަރުގެ ވައްދަވައި ނިމުމުން ﷲ ތަޢާލާ އެކަލާނގެ ދީދާރުފުޅު ދައްކަވާނެތެވެ.
"ހެޔޮ ޢަމަލު ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اﷲ ގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެއުރެން އެތަނުގައި ދެމިތިބޭ ހުށްޓެވެ." (ޔޫނުސް: 26)
ރަސޫލް (ﷺ) މިޢްރާޖްއަރައިވަޑައިގެންނެވި ރޭ ވެސް ﷲ ތައާލާގެ ދިދާރުފުޅު ފެނިވަޑައިގެންފައެއް ނުވެއެވެ. ފެނިވަޑައިގަތީ ނޫރެވެ. ގަދަވެގެންވާ އަލިކަމެވެ. ނަމަވެސް ސުވަރުގެ ވެއްދެވުމަށްފަހު މީސްތަކުންނަށް ދީދީރުފުޅު ދައްކަވާނެތެވެ. ދިދާރުފުޅު ފެނުމުގެ ނަޞީބު ލިބިއްޖެ މީހެއްގެ މޫނަށް ލިބޭ އުޖާލާކަން ދުވަހަކުވެސް ގެއްލިގެނެއް ނުދާނެއެވެ. ވީއިރު މަސައްކަތް ކުރަންވީ އެ ނަޞީބު ލިބިގަތުމަށް ނޫން ހެއްޔެވެ؟
The Messenger (sal Allahu alaihi wa sallam) said, “When the inhabitants of Paradise enter Paradise, Allah will say to them, ‘Do you want Me to give you anything more?’ They will reply, ‘Have You not made our faces bright? Have You not brought us into Paradise and moved us from Hell?’ Allah will then remove the Veil and they will feel that they have not been awarded anything dearer to them than looking at their Lord.”
[Sahih Muslim]
މީސްތަކުންނޭވެ! ބޭކާރު މޫނުތައް ދެކެން ތިއަ ކުރާ މަސައްކަތްތައް ހުއްޓައިލާށެވެ! އެކަމަށް ކުރާ ޚަރަދުތައް ކުރުން ވަގުތުން ހުއްޓައިލާށެވެ. އެއިގެ ބަދަލުގައި އެފައިސާ ޞަދަޤާތްކުރާށެވެ! ކުރެވުނުހައި ގިނަ އަޅުކަމެއް ކުރަންވީ މި ފުރުޞަތަށް އެދިގެންނެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރާށެވެ! ޚާއްޞަކޮށް ދަމުނަމާދުކުރުމަށް ސަމާލުކަންދޭށެވެ! ސުވަރުގެ ވަނުމުގެ ނަޞީބު ލިބި ﷲ ތަޢާލާގެ ދީދާރުފުޅު ފެންނާނީ އެއިރުންނެވެ.
މީސްތަކުންނޭވެ ޤިޔާމަތް ދުވަހަކީ ކިހައި ބިރުކަން ބޮޑު ދުވަހެއް ކަމާއިމެދު ވިސްނައިލާށެވެ! އެދުވަހަކީ ހަމައެކަނި ﷲ ތަޢާލާގެ ޛާތުފުޅު ނޫން ހުރިހައި އެއްޗެއް ފަނާވެގެންދާނެ ދުވަހެވެ.
"އަދި ﷲ އާ އެކުގައި އެހެން އިލާހަކަށް ތިބާ ދުޢާކޮށް އަޅުކަން ނުކުރާށެވެ! އެކަލާނގެ މެނުވީ، ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ ޛާތުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާހުށްޓެވެ. ނިޔާކުރެއްވުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި ތިއަބައިމީހުން ރުޖޫޢަ ކުރައްވާހުށީވެސް އެކަލާނގެ ޙަޟްރަތަށެވެ." (އަލްޤަޞަޞް: 88)
މިއަދު މީސްތަކުންގެ ތެރެއިން އެންމެ ގިނަ ބައަކު އެންމެ އުފާކުރަނީ ވީހައި ގިނަ މޫނު ދުށުމަށެވެ. އަންހެނުން ބޭނުންވަނީ ފިރިހެނުންގެ މޫނުތަކެވެ. ފިރިހެނުން ބޭނުންވަނީ އަންހެނުންގެ މޫނުތަކެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާ އިސްރާފްކުރާ އެއް ކަމަކީ ވެސް އެކަން ކުރުން ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ހިތާމައަކީ އެކަމަށް ދަހިވެތިވެ އެކަމަށް ގެއްލިގެންވާ މީހުންނަށް އިންސާނާ އެންމެ އެދެން ބޭނުންވާ މޫނު ނުފެނިދާނެ ކަމެވެ. އަދި އެމީހާއަށް އެންމެ ފައިދާކުރާނެ މޫނު ފެނުމުގެ ފުރުޞަތުވެސް ކުޑަކަމެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން