ޙަސަދަވެރިނުވާށެވެ! އަނެކާގެ މުދަލާ ދަރިން ގިނަވުމަކީ ޢޭނާއަށް ލިބޭނެ އެންމެ ބޮޑު ގެއްލުންކަމަށްވެސް ވެދާނެ!: ޑރ.އުމަރް ސުލައިމާން

ކިޔުމަށް ހޭދަވާނީ 2މ 48ސ
ޙަސަދަވެރިނުވާށެވެ! އަނެކާގެ މުދަލާ ދަރިން ގިނަވުމަކީ ޢޭނާއަށް ލިބޭނެ އެންމެ ބޮޑު ގެއްލުންކަމަށްވެސް ވެދާނެ!: ޑރ.އުމަރް ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

ތިބާ ހެޔޮކޮށް ކަންތައް ކުރަމުން، އަދި އެހެން މީހުންނަށް ތިބާ އެހީތެރިވެދެއެވެ. އަދި އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ކަމެއް ނުކުރުމަށް ސަމާލުވެއެވެ. އަދި ކޮންމެ މީހަކަށްވެސް އެހީތެރިވުމަށް ތިބާގެ އަތްމަތި ދޫކޮށްލައެވެ. 

އެކަމަކު ތިބާއަށް ހީވަނީ އެއްވެސް މީހަކު ތިބާއަށް އެފަދަ އިޙްތިރާމެއް ނުދޭހެންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ޙަސަދަވެރިވުމުން ރައްކާތެރިވާށެވެ. އެހެނީ ހަމަކަށަވަރުން، އަލިފާނުން ދަރު އަނދައި ހުލިކޮށްލާ ފަދައިން، ޙަސަދަވެރިކަން ހެޔޮ ޢަމަލުތައް ފަނާކޮށްލައެވެ." 

އެކަމަކު، ޙަސަދަވެރިކަމުން ތިބާގެ ހިތާއި ނަފްސު އަނދައި ހުލިވުމުގެ ކުރިން، ފުރަތަމަ މިކަން ދަނެގަންނާށެވެ: އަހަރުމެންނަށް އާންމުކޮށް ފެންނަނީ އެހެން މީހުންގެ ނިޢުމަތްތަކާއި، އަހަރުމެންނަށް ދިމާވާ ދަތިތަކެވެ. 

އެކަމަކު، އަހަރުމެންގެ ދަތިތަކުގައި ނިޢުމަތެއްވާ ފަދައިން، ބައެއް ފަހަރު އެމީހުންގެ ނިޢުމަތްތަކުގައިވެސް ދަތިކަމެއް އާދެއެވެ. ނުބައި މީހުންނާ ބެހޭގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ. "އެމީހުންގެ މުދާތަކާއި، އެމީހުންގެ ދަރިން ތިބާ ޢަޖާއިބުކޮށް ނުލާށެވެ. ހަމަކަށަވަރުން، ﷲ އިރާދަކުރައްވަނީ އެ ތަކެތީގެ ސަބަބުން އެމީހުންނަށް ޢަޛާބު ދެއްވުމަށެވެ." 

އެމީހުންނަށް ޢަޛާބު ލިބެމުންދަނީ ﷲ އެމީހުންނަށް ދެއްވި ތަކެތީގެ ސަބަބުންނެވެ. އެހެނީ، އެ ތަކެތީގައި އެއްވެސް ބަރަކާތެއް ނުވެއެވެ. އެހެންކަމުން، އެމީހުންނަށް ހުސްކަމެއް އިޙްސާސްވެއެވެ. އަދި ހަމައެކަނި އެއީއެއް ނޫނެވެ. އެމީހުންގެ ފައިސާ އެއީ އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ވެ، ހުރިހާ ބާވަތެއްގެ ޚިޔާނާތްތެރިކަމަކަށް މަގުފަހިކުރެއެވެ. 

އެމީހުން ހެޔޮގޮތުގައި ތަރުބިއްޔަތުކުރަން މަސައްކަތްވެސް ނުކުރާ ދަރިން، ހަމަ އެ ނުބައިކަމާއެކު އެމީހުންނާ ދެކޮޅުވެ، އެކި ބާވަތުގެ ވޭންތައް ދެއެވެ. އެކަމަކު އަހަރުމެންނަކަށް މި ހުރިހާ ކަމެއް ނުފެނެއެވެ. އަހަރުމެންނަށް ފެންނަނީ ހަމައެކަނި ބޭރުފުށެވެ.

އަދި އަނިޔާވެރިންގެ ކިބައިން މިކަން ޚާއްޞަކޮށް ފެނެއެވެ. ނުބައި މީހަކު އެއްވެސް ނަތީޖާއެއް ނެތި ބޮޑާކަމާއެކު އުޅޭތަން ބަލަން ހުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ޢައްމާރު ބުން ޔާސިރު ރަޟިޔަﷲ ޢަންހުގެ ދެ ލޯ ކުރިމަތީގައި އެކަލޭގެފާނުގެ މައިންބަފައިން އަބޫ ޖަހުލު ޝަހީދުކުރުމަށްފަހު، ހަ އަހަރު ވަންދެން މައްކާގެ މަގުތަކުގައި ބޮޑާކަމާއެކު ހިނގާފައިވާނެ ގޮތް ތަޞައްވަރުކޮށްލާށެވެ. 

އެކަމަކު ﷲ ވަޙީކުރައްވައެވެ. "އެންމެ ފަހުގެ ނަޞްރު ވަނީ މުއުމިނުންނަށެވެ."

އަދި، ނުބައި ނޫން މީހުން، އެކަމަކު ތިބާއާ އަޅާބަލާއިރު އެ ނިޢުމަތަށް އެހާ ޙައްޤު ނޫންހެން ހީވާ މީހުންނަށް ﷲ ތަޢާލާ ދުނިޔެވީ އުފާތައް އިތުރަށް ދެއްވަނީ، ތިބާއަށްވުރެ އެމީހުންގެ ހިތްތައް ބަލިކަށިވީމަކަމަށް ވެދާނެއެވެ. އަދި އެއީ އެމީހުން މިވަގުތު ތިބި ހާލަތަށް ބޭނުންވާ ފަރުވާއަކީ އެއީ ކަމަށްވެސް ވެދާނެއެވެ. 

މިކަމުގެ މާނައަކީ، ތިބާ އެންމެ ބުރަކޮށް މަސައްކަތްކޮށްފައިވީ ނަމަވެސް، އެއްވެސް ކަމެއް ނުކުރާހެން ހީވާ މީހަކަށް ދުނިޔެވީ ހުރިހާ ޘަވާބަކާއި ޝަރަފެއް ލިބޭތަން ފެނުމުން ހިތް ނުތަނަވަސް ނުވާނެ ވާހަކައެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ދަތި ހާލުކޮޅުގައި ވަޑައިގެންނެވި އިރު އެކަލޭގެފާނަށް ހިމާޔަތްދެއްވި އަންޞާރިއްޔަ ބޭކަލުންނަށް، މައްކާ ފަތަޙަކުރެއްވުމުގެ އެންމެ މަތިވެރި ނަޞްރު ﷲ ދެއްވެވުމުން އިޙްސާސް ކުރެވުނު ގޮތް ތަޞައްވަރުކޮށްލާށެވެ.

 

މިއަދު އޮންލައިން