"އަހުރެންނަށް މިއުޅެނީ ދިރިއުޅޭ ތަނުގެ (ހިޔާ ފްލެޓް) ކުއްޔަށް މަހަކު 5000 ރުފިޔާ ދައްކަންވެސް ބުރަވެގެންނެވެ. އެއީ މުސާރައަށް ލިބެނީ މަހަކު 15000 ރުފިޔާކަމަށްވާތީއެވެ. މުސާރައިގެ ތިންބައިކުޅަ އެއްބައި ކުއްޔަށް ދައްކާފައި އެހެން ޚަރަދުތައް ކުރަން އުނދަގޫވަނީއެވެ. ފެންބިލާއި ކަރަންޓް ބިލްވެސް މާބޮޑީއެވެ."
މިހެން ބުނެފައިވަނީ ސިގިރޭޓްބޯ މީހެކެވެ. އޭނާގެ ގާތުގައި ސިގިރޭޓަށް ކުރާ ޚަރަދު އަހައިލުމުން ބުނީ މަހަކު 4000 ރުފިޔާވަރު ޚަރަދުވާ ކަމަށެވެ. ތިރީގައިވާ ދަރުސް ޚާއްޞަކޮށްމިލަނީ އެފަދަ މީހުންނަށެވެ. އަދި އެހެން ގޮތްގޮތުންވެސް ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުކުރާ މީހުންނަށެވެ. ވިސްނާލައިފިނަމަ ފައިދާކުރާނެ އެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! ﷲ ތަޢާލާއީ އަހުރެމެން އުފައްދަވައި އަހުރެމެންނަށް ހުރިހާ ނިޢްމަތްތަކެއް ދެއްވަވާ އެންމެ މަތިވެރިވަންތަ އިލާހް އެވެ. ﷲ ތަޢާލާއީ އުޑުތަކާއި ބިންތަކުގައި ވާހާތަކެއްޗެއްގެ މިލްކުވެރިފަރާތެވެ. އެންމެހައި އިންސާނުންނީ ﷲ ތަޢާލާގެ އަޅުންނެވެ. ވީމާ މިންވަރުކުރައްވަވާ އެއްވެސް ކަމަކާއިމެދު އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
ވީމާ ތިމާ އެދޭ ކަންކަން ޙާޞިލް ނުކުރެވިގެން އޮތީ ﷲ ތަޢާލާއަށް ޝަކުވާ ދެންނެވުމެއް ނޫނެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަމުގެ ސަބަބުތައް ވަރަށް ގިނައެވެ. މިބުނެލީ ކުޑަކުޑަ މިންވަރެކެވެ.
ﷲ ތަޢާލާއީ އިބްރާހީމްގެފާނު ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާ ކުރެއްވެވުމުން އެދިވަޑައިގެންނެވި ވަރަށްވުރެ މާގިނައިން ދެއްވެވިރަސްކަލާނގެއެވެ. އަހުރެމެންނަށވެސް ކިޔަމަންތެރިކަން އަދާކުރީމާ ނުދެއްވަވަންވީ ކީއްވެގެންހެއްޔެވެ؟ ގޮތްބަލަންވެސް ނިކަން ކިޔަމަންތެރިކަން އަދާކޮށްބަލާށެވެ. އެދޭވަރަށްވުރެ މާގިނައިން ދެއްވަވާނެތެވެ.
އަހުރެމެންގެ ތެރެއިން ގިނަ މީހުންނަށް މިއަދު ވިސްނެނީ އެމީހުންގެ ބޭނުންތަކާއިމެދުގައެވެ. ކަންބޮޑުވެވެނީ ތިމާ އެދޭ ކަންކަން ޙާޞީލްނުކުރެވިގެންނެވެ. އެންމެ ކުޑަމިނުން ﷲ ތަޢާލާ ފަރުޟު ކުރެއްވެވި ކަންކަން ނުކުރެވޭ ކަމާއިމެދުގައިވެސް ވިސްނައިލެވެނީ ވަރަށް މަދު މީހަކަށެވެ.
އެހެން ވިޔަނުދޭށެވެ! ފުރަތަމަ ތިމާގެ ޥާޖިބުތައް އަދާކުރާށެވެ! ފަރުޟުތަކަށް ރައްކައުތެރިވާށެވެ! އެންމެ ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރާށެވެ!
ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ކަންބޮޑުވަނީ ލިބޭ މުސާރަ ކުޑަވެގެންނެވެ. ބޮޑުމުސާރަ ލިބޭ މަތީ މަޤާމެއް ނުލިބިގެންނެވެ. އެފަދަ މީހުން އެކަންކަމަށް އެދޭއިރު، ނުވަތަ އެކަންކަން ޙާޞިލުނުވެގެން ކަންބޮޑުވެ ޝަކުވާކުރާއިރު މިހާރު ލިބޭ ކުޑަކުޑަ މުސާރައިން ވާޖިބުތައް އަދާކުރަމުހެއްޔެވެ؟ އަނބިދަރިންނަށާއި މައިންބަފައިންނަށް ޙައްޤު މިންވަރު ޚަރަދުކުރަންހެއްޔެވެ؟
ދުވާލަކު 10 ޑޮލަރު ސިގިރެޓްބޯން ޚަރަދުކުރީމާ މަހަކު 300 ޑޮލަރު ޚަރަދުވާއިރު މިކުރެވެނީ އިޝްރާފް ޚަރަދެއްކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ އަނބިދަރިންނަށް ދުވާލަކު 2 ޑޮލަރުދީފައި ޕާނެއް ގަނެދޭން ކަންބޮޑުވީމާ ދެކޮޅުޖެހޭހެއްޔެވެ؟ ދަރިންގެ އިންޓޯލަށް ދުވާލަކު 2 ޑޮލަރު ޚަރަދު ކުރަން އުނދަގޫވާ މީހާ ސިގިރެޓްގެ ބޯން ދުވާލަކު އަލިފާނުން 10 ޑޮލަރު އަންދާނަމަ ﷲ ތަޢާލާ ތިމާއަށް ދެއްވަވާ ފައިސާގެ ބޭނުން އެކުރެވެނީ ހަމަ އެންމެ ރަނގަޅަށް ހެއްޔެވެ؟
މިކަންކަމަށް ވިސްނާށެވެ! ފުރަތަމަ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ފަރުޟުތަކާއި ސުންނަތްތަކަށް ރައްކައުތެރިވާށެވެ. ވާޖިބުތައް އަދާކުރާށެވެ! ތިބާ އެދޭ ކަންކަން އިތުރަށްވެސް ﷲުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން