ތިބާގެ ދަރިންނަށް ރިވެތި އަޚްލާޤް ދަސްކޮށްދޭން ބޭނުންވާނަމަ ހޭލުންތެރިވާން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ތިބާގެ ދަރިންނަށް ރިވެތި އަޚްލާޤް ދަސްކޮށްދޭން ބޭނުންވާނަމަ ހޭލުންތެރިވާން އެބަޖެހޭ!

މައިންބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބަކީ ހަމައެކަނި ދަރިން ޢިލްމްވެރިކުރުވުމެއް ނޫނެވެ. އަހުރެން ބުނާނީ ޢިލްމްވެރިކުރުވުމަށްވުރެވެސް ބޮޑަށް ސަމާލުކަންދޭންވީ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުވުމަށެވެ. އެހެންކަމުން ސަމާލުކަންދޭންޖެހިފައިވާ ކަމެއް ފާހަގަކޮށްލާނަމެވެ. 

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅަކުން ފަށާނަމެވެ.   

"މިޔުޒިކާއިބެހޭ ގޮތުން ޙަރާމް ޙަލާލްގެ ބަޙުސް ކުރެވިދާނެއެވެ. ގޮތް ދޫނުކުރަން ތިބި ބައަކު ގޮތް ދުލެއްވެސް ނުކުރާނެއެވެ. ވީމާ ދީނުގައި އޮތް ގޮތުގެ ވާހަކަ އިހަށް ބާއްވައިލާށެވެ. ދުނިޔަވީ ނަޒަރަކުން ވިސްނައިލަމާ ހިނގާށެވެ! 

އަހުރެން ދަންނަ ކްރިސްޓިއަނުންނާއި ޔަހޫދީންނާއި އަދި ހިންދޫންނާއި ސުވާލުކޮށްފީމެވެ. މިޔުޒިކްގެ ދުނިޔޭގެ އެންމެ މަޝްހޫރުކަމަށް ބުނާ މީސްމީހުންގެ ނަން ކިޔާފައި އެމީހުންގެ ޝޯތައް އަމިއްލަ ދަރިންނަށް ދައްކަން ބޭނުންތޯ ސުވާލުކުރުމުން ހަމައެކަކުވެސް އެކަމަށް އެއްބަހެއް ނުވިއެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ ހަމަ ޤައިމުވެސް އެއީ އެމީހުންނަކީ މުސްލިމުންކަމުގައި ވެގެނެއް ނޫނެވެ. އެމީހުންނަކީ ކޮންމެ ދީނެއްގެ ބައަކު ނަމަވެސް ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރަން ބޭނުންވާ މީހުންނަށްވާތީއެވެ. އެމީހުންގެ ދަރިންނަކީ އަޚްލާޤީ ގޮތުން ރަނގަޅު ބައަކަށް ހަދަން ބޭނުންވާތީއެވެ. އެމީހުންގެ ދަރިންނަކީ މިޔުޒިޝަނުން ލާފޭރާންލައި ޖައްސާ ވައްތަރުތައް ޖައްސާ ބައަކަށްވާން ބޭނުން ނުވާތީއެވެ." 

ދެން ވިސްނާލަންވީ ކަމުގެ ޙަޤީޤަތަށެވެ. މުސްލިމުންނަށްވީތީ ޢަމަލުކުރަންޖެހޭނެ ގޮތަށެވެ.

އަހުރެމެންނަކީ މުސްލިމުންނެވެ. އެންމެ ރިވެތި އަޚްލާޤް ހުންނަން ޖެހޭނެ ބައަކީ މުސްލިމުންނެވެ. އެހެންކަމަށްވާއިރު ކާފިރުންގެ ވިސްނުމަށްވުރެ އަހުރެމެންގެ ވިސްނުން ދައްވެގެން ދެކޮޅުޖެއްސޭނީ ކިހިނަކުން ހެއްޔެވެ؟ އެމީހުންގެ ދަރިންނަށްވުރެ އަހުރެމެންގެ ދަރިންގެ އަޚްލާޤް ރަނގަޅުކުރަން މަސައްކަތް ނުކުރެވޭނަމަ އަހުރެމެންގެ ދީނަށް އޮތީ ކޮން ލޯތްބެއް ހެއްޔެވެ؟ 

މިހުރީ ކޮންމެ މުސްލިމް މަންމައަކާއި ބައްޕައަކުވެސް މިއަދު ވިސްނަން ޖެހިފައިވާ ކަންކަމެވެ. ދެނަމާދު ދޭތެރެ ޤުރްޢާނަށް ޚާއްޞަކުރުމަކީ ގިނަ މުސްލިމުން ކުރާކަމެކެވެ. ޤުރްއާން ކިޔެވުމުގެ އިތުރުން އެވަޤުތު ގޭގެ ޓީވީންވެސް ޤުރްއާނުގެ ޕްރޮގްރާމްތައް ބަލަން ޚާއްޞަކުރެއެވެ. 

ސުވާލަކީ އެވަޤުތު ނިމުމުން ދުނިޔޭގެ މަޝްހޫރު މިޔުޒިޝަނުންގެ ޝޯތައް ދަރިންނަށް ދައްކާނަމަ މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ދަރިންނަށް އެދެވެނީ ރަނގަޅު މެސެޖެއް ހެއްޔެވެ؟ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ ނަމޫނާ ދައްކައި ނުދެވޭނަމަ ދަރިންގެ އަޚްލާޤަށް ވެގެންދާނެ ގޮތަކާއިމެދު ވިސްނާ ބައަކަށްވެގެން ނޫނީ ދަރިންގެ އަޚްލާޤް ރަނގަޅުކުރެވޭނެ ގޮތަކީ ކޮބައިހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން